ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު އޮންނާނެ ކަމަށާއި އެ ޕްރައިމަރީގައި 283 ކެންޑިޑޭޓުން ވާދަކުރައްވާނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

ޕީއެންސީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީއަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އެގޮތުން ޕާޓީ ޓިކެޓު ހޯދުމަށް 283 މީހަކު ވާދަކުރާ ކަމަށެވެ. އޭގެ ތެރޭގައި 32 އަންހެން ބޭފުޅުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

"13 ބޭފުޅަކަށް ވަނީ އިތުރު ބޭފުޅަކު ކުރިމަތި ނުލެއްވުމުން ޓިކެޓު ކަށަވަރުވެފައި. އެހެންކަމުން ޖުމުލަ 296 ބޭފުޅުން ޝައުގުވެރިކަން އެބަހުރި މިކަމަށް (ޕީޕީއެމް/ޕީއެންސީ މަޖިލިސް ޓިކެޓަށް)،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ވޯޓުލާ މަރުކަޒުތައް ގާއިމުކުރާނީ ކެންޑިޑޭޓުންނަށް ފެންނަ ތަނެއްގައި ކަމަށާއި ވަކިތަނަކާމެދު ކެންޑިޑޭޓުންނަށް އެއްބަސްނުވެވިއްޖެ ނަމަ، ވޯޓު ފޮށި ބަހައްޓާނެ ތަނެއް ކަނޑައަޅާނީ ޕާޓީން ކަމަށެވެ.