ވެރިކަން ކުރާ ޕީއެންސީއާއެކު ސިޔާސީ މަސައްކަތް ކުރަން އެއްބަސްވެފައިވާ ޕާޓީތަކުގެ ލީޑަރުންނަށް އަންނަ މަޖިލިސް އިންތިހާބުގައި ފުރުސަތު ދިނުމަށް ޓަކައި އެ ބޭފުޅުން ކުރިމަތިލައްވާ ދާއިރާތަކަށް ޕީއެންސީގެ ފަރާތުން ވާދަނުކުރަން ނިންމައިފި އެވެ.

ޕީއެންސީގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތިން ދާއިރާއެއް ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ޕީއެންސީން ވާދަކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ނިންމާފަ މި އޮތީ އެމްއެންޕީގެ ލީޑަރު، ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވާދަކުރައްވާ ދަނގެތީ ދާއިރާއަށް އަޅުގަނޑުމެން ޕްރައިމަރީއަކަށް ނުދާނަމޭ. އަޅުގަނޑުމެން އެ ޕާޓީގެ ލީޑަރަށް އިހުތިރާމު ކުރުމުގެ ގޮތުން އަޅުގަނޑުމެން ވާދަނުކޮށް، އެ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު އަޅުގަނޑުމެން ނާޒިމަށް ދޭނީއޭ،"

"ހަމަ އެގޮތަށް އެމްޑީއޭގެ ލީޑަރު ވާދަކުރައްވަނީ ދ އަތޮޅު މީދޫ ދާއިރާއަށް. މީދޫ ދާއިރާގެ ގޮނޑިވެސް އަޅުގަނޑުމެން ދޫކޮށްލީ ޝިޔާމް ވާދަކުރައްވަން. މާމިގިލީ ދާއިރާއަށް ވާދަކުރައްވަނީ ގާސިމް އިބްރާހިމް. ގާސިމް އިބްރާހީމަށް އަޅުގަނޑުމެން އެ ދާއިރާވެސް ދޫކޮށްލީ" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީއަށް ތަރުހީބު ބޮޑު ކަމަށާއި އެގޮތުން 283 ކެންޑިޑޭޓުން ވާދަކުރައްވާ ކަމަށެވެ. އަދި 13 ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.