މިދިޔަ އަހަރު ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި އެންމެ ބޮޑު އެއް ލޮޅުމަކީ އެންމެ ބޮޑު ސިޔާސީ ޕާޓީ ރޫޅި، ދެފަޅި ވުމެވެ. ސިޔާސީ ގޮތުން ހަތުރުންނަށް ވެ، އެކުގައި މަސައްކަތް ނުކުރެވި، އިތުރު ޕާޓީއެއް އުފެދިގެން ދިއުމެވެ. އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ ފަޅައިގެން ގޮސް، އެ ޕާޓީ ކޮޅަށް ޖެހުމުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވި ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސް ނަމުގައި އާ ޕާޓީއަކާ އެކު ސިޔާސީ މަސައްކަތްތައް ފެއްޓެވުމެވެ.
ރިޔާސީ އިންތިހާބުގައި ވަރަށްވެސް ބޮޑަށް ދެ ޕާޓީގެ މެދުގައި ނުތަނަވަސްކަން އުފެދި، "ޖަޒުބާތުގައި" ޖެހި، ބަހުގެ ހަމަލާތަކާއި ފާޑު ކިޔުންތައް ރައްދުކުރަމުން ދިޔަ މަންޒަރު ފެނިގެން ދިޔައެވެ. ދެ ޕާޓީގެ ކޯޅުން ބޮޑުވެ، އޭރު ހީވެފައި އޮތީ މިއީ ދުވަހަކުވެސް އެކުނުވާނެ ދެ ޕާޓީ ކަމަށެވެ. ދެން އެކުގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ.
އެހެނަސް މުޅި މަންޒަރު މިވަނީ ބަދަލުވެފައެވެ. ޕީއެންސީގެ އާ ސަރުކާރާ އެކު، އެމްޑީޕީ އާއި ޑިމޮކްރެޓްސް އަނެއްކާވެސް އެއްކޮށްލައިފިއެވެ. ފުރަތަމަ ފެނިގެން ދިޔައީ ސަރުކާރުގެ ސިޔާސަތުތަކަށް ދެ ޕާޓީންވެސް ފާޑުކިޔަމުން ދިޔަ މަންޒަރެކެވެ. އޭގެ ފަހުން ފެނުނީ އެކުގައި މަސައްކަތް ކުރުމަށް ދެ ޕާޓީގެ އިސް ފަރާތްތަކުންވެސް ގޮވާލަމުންދިޔަ މަންޒަރެވެ.
"ހަގީގީ މާނައިގައި ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރެވޭނީ ޑިމޮކްރެޓްސް އާއި އެމްޑީޕީ އެކުގައި މަސައްކަތް ކޮށްގެން،" ދަ ޑިމޮކްރެޓްސްގެ ރައީސްކަމަށް ވާދަ ކުރެއްވި، އަދި އެ ޕާޓީ އުފެއްދެވުމުގައިވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު އެކްސްގައި ޕޯސްޓް ކުރައްވައި ވިދާޅުވިއެވެ.
އަމްރުގެ ޓުވީޓަށް އެއް ދުވަސްވެސް ނުވަނީސް ދެން ފެނިގެން ދިޔައީ ބޮޑު މަންޒަރެވެ. އާ ފޮޓޯއެކެވެ. ހަތުރުންނަށްވި މިތުރުން، އަނެއްކާވެސް "ސަޔަކަށް" އެއް މޭޒަކުން މިތުރުންގެ ގޮތުގައެވެ. ދެ ޕާޓީގެ އިސްވެރިން އެކުގައެވެ.
އެ "ސައި"ގައި ބައިވެރިވެވަޑައިގެންނެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ޕާޓީގެ ޕީޖީ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ އިތުރުން އެ ޕާޓީގެ ޕީޖީ މެމްބަރުން ކަމަށްވާ އަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު، މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.
މި ފޮޓޯއާ އެކު ދެ ޕާޓީ ވެސް އެކުގައި އަނެއްކާވެސް ސިޔާސީ މައިދާނުން ފެނިގެންދާނެ ކަމަށް އޮތީ ބެލެވިފައެވެ. އެންމެންވެސް ގަބޫލު ކުރަމުން އައީ އެއީ އާ ފެށުމެއް ކަމަށެވެ. އެއް ފިކުރެއްގެ ދެ ޕާޓީގެ އާ ފެށުމެވެ. އާ ގުޅުމެކެވެ.
"ސައި" ފޮޓޯއަށްފަހު، ދެ ޕާޓީގެ ލީޑަރުން ވަނީ އެކުގައި ފެނިފައެވެ. މިފަހަރު ރަސްމީ ހައިސިއްޔަތުން ނޫސްވެރިންގެ ބައްދަލުވުމަކުންނެވެ. ރަސްމީކޮށް އެކުވީކަން އިއުލާނު ކުރުމަށެވެ.
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ޕާޓީންވެސް ބުނަމުންދިޔައީ އެއް ވާހަކައެކެވެ. އެއްކޮށް އެކުވީއެއް ނޫނެވެ. ހަމައެކަނި މަޖިލިސް ތެރޭގައި އެކުގައި މަސައްކަތް ކުރަން ނިންމީއެވެ.
"މިހެން މިކަންކަމުގެ ކަންބޮޑުވުން އޮތުމުގެ ސަބަބުން އަޅުގަނޑުމެން މި ނިންމީ މިކަންކަން މޮނީޓާކޮށް، ޒިންމާދާރު އޮޕޮޒިޝަނެއްގެ ހައިސިއްޔަތުން މި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ހަންމަތަ ކުރުމާއި ހަމައެއާއެކު މި ގައުމުގެ ޑިމޮކްރެޓިކް މުސްތަގުބަލު ރަނގަޅު ކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލިސް ތެރެއިން ގެނައުމަށް މަޖިލިސް ތެރޭގައި އަޅުގަނޑުމެން އެއްކޮށް މަސައްކަތް ކުރުމަށް،" ބުދަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުގައި ބައިވެރިވެވަޑައިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވިއެވެ.
ފައްޔާޒު ވަނީ ދެ ޕާޓީއަކީ އެއް ފިކުރެއްގެ ދެޕާޓީ ކަމަށް ވިދާޅުވެ، އެކުގައި ފުރިހަމައަށް މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. މި ދެ ޕާޓީއަކީ ގައުމަށްޓަކައި ގައުމުގެ ކަންކަން އިސްލާހު ކުރުމަށް އެކުގައި މަސައްކަތް ކުރެވޭނެ "މެޗުއާ" ދެ ޕާޓީ ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.
"ޑިމޮކްރެޓިކް ނިޒާމަށް ލޮޅުން އަރާ ގޮތަށް ނިޒާމާ ބީރައްޓެހި ގޮތަށް ކަންކަން ގެއްލުވައިލަން މަސައްކަތް ކުރާ ކަމަށްވަންޏާ އަޅުގަނޑުމެންވެސް އަދި އަޅުގަނޑުމެންގެ ފިކުރީ ގޮތުން ގާތްގަނޑަކަށް އެއްގޮތް އެހެން ނަމަވެސް ކަންކަންކުރިއަށް ގެންދިއުމުގައި ނުވަތަ ވަކި ކަމެއްގައި ހިޔާލު ތަފާތުވާ ބައެއް ބޭފުޅުން ދަ ޑިމޮކްރެޓްސްއަކީ، އެހެން ހުންނަ ކަންކަމުގައި އަޅުގަނޑުމެންނަށް މަސައްކަތް ނުކުރެވޭނީ އަޅުގަނޑުމެން އެވަރުގެ މެޗުއަރިޓީ ހުރިގެން. އެ މެޗުއަރިޓީ އެބަހުރި،" ފައްޔާޒު ވިދާޅުވިއެވެ.
ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފްވެސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިން މި ސަރުކާރުގައި ތިއްބެވި ބޭފުޅުން ދެއްކެވި ވާހަކައާ މިހާރު ކަންކަން ވަމުން އަންނަ ގޮތާއި ކުރަމުން އަންނަ ގޮތާ ދިމާ ނުވާ ކަމަށެވެ. ހާއްސަކޮށް ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ހާރިޖީ ގުޅުންތަކަށް އަސަރުކުރާ ކަމަށް ވިދާޅުވިއެވެ.
ދެ ޕާޓީންވެސް ދެއްކީ އެއް ވާހަކަތަކެކެވެ. އެއީ ސަރުކާރު ޒިންމާދާރު ކުރުވުމަށް މަޖިލިސް ތެރެއިން ކުރެވެން ހުރި ކަންކަން ކުރުމަށް އެކުވި ވާހަކައެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ މަސައްކަތަކީ އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހެވެ.
ހަސަން ލަތީފް އަދި ފައްޔާޒް ވެސް ވިދާޅުވީ އެމްޑީޕީ އާއި ޑިމޮކްރަޓްސް ގުޅިގެން ބައެއް ގާނޫނުތަކަށް އިސްލާހު ގެންނަން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދައުރުގެ ތެރޭގައި އެ މަސައްކަތްތައް ކުރެވޭނެ ކަމަށް ވެސް ދެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިކަމަކީ މި ދެޕާޓީގެ ވެސް އާ ފެށުމެވެ. އަލުން ސިޔާސީ މައިދާނުގައި އެކުގައި މަސައްކަތް ކުރަން ފެށުމުގެ ފެހި ސިގުނަލެވެ. އެކުގައި އިންތިހާބުތަކުންވެސް ފެނިގެންދާނެ ކަމުގެވެސް ފުރަތަމަ "ޓްރެއިލާ"އެވެ.
"ސައި" ފޮޓޯއަށްފަހު، ދެ ޕާޓީގެ މެންބަރުންނާއި އާންމުންވެސް ތުހުމަތު ކުރަމުންދިޔައީ މަޖިލިސް އިންތިހާބަށް އެކުގައި ނުކުންނަން މަސައްކަތް ކުރަނީ ކަމަށެވެ. އެހެނަސް އެކުގައި މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަން ދެ ޕާޓީން ނިންމިޔަސް އެކުގައި އިންތިހާބުތަކަށް ވާދަ ކުރުމުގެ ވިސްނުމެއް ދެ ޕާޓީގެ ވެސް ނެތް ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. އަދި ތިބީ ސިޔާސަތުތައް އެކުވެ، އެއްގަލަކަށް އެރޭ ހިސާބެއްގައި ނޫން ކަމަށް ފައްޔާޒު ސިފަ ކުރައްވައެވެ.
"އަޅުގަނޑުމެން ދެ ޕާޓީގެ ދެމެދުގައި ހުރި ހިޔާލުތަފާތުވުންތައް އަދިވެސް އެބަހުރި، އަޅުގަނޑުމެން މިއުޅެނީ އެއް ގޮތަކަށްވެސް ކައިވެންޏެއް ކުރާކަށް ނޫން، އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މި ގައުމުގައި އަޅުގަނޑުމެން ދެބައިމީހުންވެސް ކަންބޮޑުވާ ކަންތައްތަކެއް ހުރީމާ އެކަންކަމަށް މަޖިލިސްގެ ތެރެއިން އެއްކޮށް މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން. އެގޮތް އަޅުގަނޑުމެންނަށް އެބަ ލިބޭ އެއްބަސްވެވޭ ކަންތައްތަކެއް ތެރެއިން ކުރަން ނިންމައިގެން މިތިބީ،" ފައްޔާޒު ވިދާޅުވިއެވެ.
"ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެއްކޮށް ކުރިއަށް ދިއުމުގެ ނުވަތަ އެއްކޮށް މަޖިލިސް ގޮނޑިތައް ހޯދުމުގެ ވިސްނުމެއް އަޅުގަނޑުމެންގެ ނެތް. އެއްބަސްވުމެއްވެސް ނެތް. އަޅުގަނޑުމެންގެ ޕާޓީން ހުރިހާ ދާއިރާއަކަށްވެސް ކުރިމަތިލާނެ،" އެމްޑީޕީއަށް އިޝާރާތް ކުރައްވައި ފައްޔާޒް ވިދާޅުވިއެވެ.
ދެ ޕާޓީން ގުޅިގެން މަޖިލިސް އިންތިހާބަށް ނުނިކުތް ނަމަވެސް ފައްޔާޒު ވެސް ވަނީ ކުރިއަށް އޮތް ތަނުގައި ސިޔާސީ މަސައްކަތްތައް އެކުގައި ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެއީ ގައުމުގެ މަސްލަހަތަށްޓަކައެވެ.
"20 ވަނަ މަޖިލިސް އެކުލެވިގެން އަންނަ ގޮތުން އަޅުގަނޑުމެން އަނެއްކާވެސް ސިޔާސީ މަސައްކަތް ކުރާނެތޯ ނުވަތަ ނޫންތޯ އެއީ އެއިރެއްގެ ހާލަތާ ދިމާކޮށް އަޅުގަނޑުމެން އެވާހަކަ ދައްކާނީ މިއަދު އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ސަރުކާރުގެ މިސްރާބު ހުރި ގޮތުން އެކަމާ ދޭތެރޭގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ސަރުކާރު ހަމަމަގަށް އަޅުވަން ކުރާ މަސައްކަތުގެ ވާހަކަ" ފައްޔާޒު ވިދާޅުވިއެވެ.
ދެ ޕާޓީއެކުގައި އަނެއްކާވެސް ސިޔާސީ މައިދާނުން ފެނިގެން ދިއުމަކީ ދެ ޕާޓީގެ ގިނަ މެމްބަރުން މިވަގުތު އަދި އެންމެ ބޭނުންވާ ގޮތް ކަމަށް ނުވެދާނެއެވެ. "ސައި" ފޮޓޯއަށްފަހު އެމަންޒަރު ސާފުވެގެންދިޔައެވެ. ދެ ޕާޓީގެ ބައެއް އާންމު މެންބަރުންވެސް ދިޔައީ ލީޑާޝިޕަށް އެކަމަށް ފާޑު ކިޔަމުންނެވެ. އެއަށް ދެ ޕާޓީގެ ވެސް އޮތީ އެއް ރައްދެކެވެ. އެކުވީއެއް ނޫނެވެ. ކުރިން ހުރި ހިޔާލު ތަފާތުވުންތައް ހުރީ ހަމަ އެގޮތަށެވެ. ސިޔާސަތުތައް ވެސް ހުރީ އެގޮތަށެވެ. މިފަހަރު އޮތް ހަމައެކަނި އަމާޒަކީ މަޖިލިސް ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވުމެވެ. އިތުރު ގުޅުމެއް ނެތެވެ.
"އަޅުގަނޑުމެން މެމްބަރުންގެ ނުތަނަވަސްކަ ހުންނާނެ. ވޭތުވެދިޔަ ތަނުގައި އަޅުގަނޑުމެންގެ ތެރޭގައި ޖަޒުބާތުގައި ވަރަށްވެސް ގިނަ ކަންކަން ހިނގާފަ އެބަހުރި. އެއީ އެކަމުގެ ހަގީގަތް. އަޅުގަނޑުމެންގެ ދެ ޕާޓީގެ މެންބަރުންނަށްވެސް މި ގައުމު މާ މުހިންމުވާނެ. އަޅުގަނޑުމެން ދެ ޕާޓީގެ މައި ސިޔާސަތުތައް ހިފަހައްޓަން މެންބަރުން ބޭނުންވާނެ،" ފައްޔާޒު ވިދާޅުވިއެވެ.
ގިނަ ބަޔަކު ގަބޫލުކުރާ، އެއް ފިކުރެއްގެ ދެ ޕާޓީ މިއަދު މިވަނީ އެކުގައި އެއް މޭޒެއްގެ ދޮށުގައި މަސައްކަތް ފަށައިފައެވެ. މިއީ ފެށުމެވެ. ދެ ޕާޓީން ކުރިއަށް އޮތް ތަނުގައި އެކުގައި ފެންނާނެ ކަމާ މެދު ޝައްކެއް ތެނެވެ. ފަހަރުގައި މަޖިލިސް އިންތިހާބުން ކަމަށް ނުވެދާނެއެވެ.
ފައްޔާޒު ވެސް ވަނީ މަޖިލިސް އިންތިހާބުތަކަކީ އެކުގައި މަސައްކަތް ކުރާ އިންތިހާބުތަކެއް ނޫން ނަމަވެސް ރައީސަކު ހޮވުމުގެ އިންތިހާބަކީ އެކުގައި މަސައްކަތް ކުރެވިދާނެ އިންތިހާބުތައް ކަމަށް ވިދާޅުވެފައެވެ.
މިއީ ރިޔާސީ އިންތިހާބުގައި އެކުގައި ފެނިދާނެ ކަމަށް ދިން "ހިންޓެއް" ކަމަށް ވެދާނެއެވެ. ކުރިއަށް އޮތް ތަނުގައި އެއް ކެނޑިޑޭޓަކާ އެކު ރިޔާސީ އިންތިހާބުގައި މި ދެ ޕާޓީ އެކުގައި ފެނިގެން ދިއުމަކީވެސް މާ ދުރުގައި އޮތް މަންޒަރެއް ނޫނެވެ. އެއީ އެއް ފިކުރެއް ދެ ޕާޓީއެވެ. ސިޔާސީ މަސްރަހު އަދި މިއޮތީ އާ ސަރުކާރެއްގެ ޅަފަތުގެ ދުވަސްވަރުގެ ތެރޭގައެވެ. ސިޔާސީ މަސްރަހު އެނބުރެމުންދާ ގޮތް ބިނާވާނީ ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕޭނާއި ނަތީޖާވެސް ނުކުންނަ ގޮތަކުންނެވެ. އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ފެށުމަކީ، ތަފާތުތަކެއް ފެނިގެން ހިނގައިދާނެ ކަމުގެ ސިގުނަލެކެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް