އެއްވެސް އިންތިހާބެއް ރޯދަ މަހު ނުބޭއްވޭ ގޮތަށް މާއްދާއެއް ހިމަނައި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އިސްލާހުގެ ފުރަތަމަ ކިޔުން، އަންނަ އާދީއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ދައުރުން ބާއްވާ އެ ޖަލްސާ ފަށާނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 9:00ގައި ކަމަށެވެ.
މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ.
ޝިފާއު ވިދާޅުވީ އެ އިސްލާހު ހުށަހަޅާފައިވަނީ ރޯދަ މަހު ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ، އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް ބޮޑު ނުތަނަވަސްކަމާއެކު އިންތިހާބުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަވެދާނެ ކަމަށް އޮތް ކަންބޮޑުވުމަށް ހައްލެއް ހޯދުމަށް ކަމަށެވެ.
ޝިފާއު އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށެވެ. އެގޮތުން 20 އިސްލާހެއް އެ ގާނޫނަށް ގެނައުމަށް ވަނީ ހުށަހަޅުއްވައިފައެވެ.
އެގޮތުން ވޯޓު ނަގާ ދުވަހާއި ވަގުތާ ގުޅޭ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގެ ށ. ގައި ވަނީ ރޯދަ މަހުގެ ދުވަހެއްގައި އިންތިހާބު ބާއްވައިގެން ނުވާނެ ކަމަށެވެ. އަދި އިންތިހާބު ބާއްވަން ޖެހޭ ތާރީހު ރޯދަ މަހަކާ ދިމާވާ ނަމަ، އެ އިންތިހާބު ބާއްވަން ޖެހޭނީ ރޯދަ މަސް ނިމުމުގެ ދިހަ ދުވަސް ފަހުން ކަމަށްވެސް އިސްލާހުގައިވެއެވެ.
"މި މާއްދާގެ ށ. ގައި ބުނެވުނު ހާލަތުގައި، އެ އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވާ ނަމަ، މި މާއްދާގެ ށ. ގައި ބުނެފައިވާ ގޮތަށް އިންތިހާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލު ގެނެސް، އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެއެވެ..،" އިސްލާހުގައިވެއެވެ.
މި އިސްލާހު ހުށަހަޅާފައި މިވަނީ އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލިސް އިންތިހާބު އަންނަ ރޯދަ މަހު ބޭއްވުމަށް ނިންމާފައިވާތީއެވެ. އިންތިހާބު ބާއްވަން ނިންމާފައިވަނީ މާޗް މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ ރޯދަ މަހުގެ ހަތްވަނަ ދުވަހެވެ. އިންތިހާބު ރޯދަ މަހާ ދިމާވާތީ، އާންމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އީސީން ބުނެފައިވަނީ އިންތިހާބު ފަސް ކުރެވޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށެވެ.
އެކަމަށް ސަރުކާރުގެ މެމްބަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މަޖިލިސް އިންތިހާބު، ރޯދަ މަހު ބޭއްވުމަށް ނިންމީ އެއްވެސް ސިޔާސީ ޕާޓީއަކާ މަޝްވަރާކުރުމަށްފަހު ނޫން ކަމަށެވެ. މަޖިލިސް އިންތިހާބު ބާއްވާ ތާރީހު ބަދަލުކުރުމަށް ތާއީދުކުރައްވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހުން އެކަން ކުރެވޭނެ. ހާއްސަ ޖަލްސާތަކާ އެއްޗެހި ދައުރުން ބޭރުން ބާއްވައިގެން ކުރާ ކަންކަން އެބަ ކުރެވޭ. އެހެންވީމާ ރައްޔިތުންގެ އެހާ ބޮޑު ކަންބޮޑުވުމެއް މިކަމުގައި އޮވެއްޖެ ކަމަށްވަންޏާ އަޅުގަނޑުމެން ހަމަ ތާއީދުކުރަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން، ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ދުވަސް ކަނޑައެޅިގެން ދިއުމަށް،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް މިގޮތަށް ވިދާޅުވެފައިވާ އިރު، އެމްޑީޕީން ރޭ ބޭއްވި ޕާލިއަމެންޓް ގްރޫޕްގެ ބައްދަލުވުމުގައި ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވަން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން މަޖިލިސް އިންތިހާބު ރޯދައިގެ ފަހަށް ފަސް ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށާއި ވަޒީރުންނަށް ރުހުން ދިނުމާއި އެހެނިހެން ކަންކަން ނިންމުމަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަޝްވަރާ ކޮށްފައިވެއެވެ. އަދި އެކަމާ ގުޅޭގޮތުން އެހެން ޕާޓީތަކާ މަޝްވަރާ ކުރުމަށްވެސް ވަނީ ނިންމައިފައެވެ.
މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ މިއަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހަށެވެ. އެހެންކަމުން ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސް ކުރިން، އެއީ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުގެ ކުރިން މަޖިލީހުގެ އިންތިހާބު ބާއްވައި އެކަމާބެހޭ އެންމެހާ ކަންކަންކޮށް ނިންމަންވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެއެވެ.
ގާނޫނު ބުނާގޮތުން މެންބަރުންގެ ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހެއެވެ. އެހެންކަމުން މިމަހުގެ 28ގެ ފަހުން ގިނަވެގެން ދިހަ ދުވަހުގެ ތެރޭގައި މަޖިލީހަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވާލުމަށް ގާނޫނުގައި ބުނެއެވެ.
މާދަމާގެ މަޖިލިސް ޖަލްސާގައި، ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންނަށް ރުހުންދިނުމުގެ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު، މަޖިލީހަށް އަނބުރާ ފޮނުވުމާ ގުޅިގެން، އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އަލުން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ތަޅުމަށް ހުށަހެޅުމަށް ވަނީ އެޖެންޑާކޮށްފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 މިނިސްޓަރުންނަށް ރުހުން ދިނުމަށް، މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށް އެ މައްސަލަ އަލުން މަޖިލިސް ތަޅުމަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގައެވެ.
ކެބިނެޓަށް ރުހުން ހޯއްދެވުމަށް ރައީސް މުއިއްޒު މަޖިލީހަށް ފޮނުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެ މައްސަލަ ދިރާސާ ކުރަން މަޖިލީހުން އެ ފަހަރު ކޮމިޓީއަށް ފޮނުވުމުން، ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބުނާ ޝަރުތުތައް ވަޒީރުންގެ ހަމަވާ ކަމަށް ކަނޑައަޅައި، މަޖިލިސް ތަޅުމުގައި ވަކިވަކިން ވޯޓަށް އަހަން ކޮމިޓީން ފާސްކޮށް އެ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވިއެވެ. އެއީ މިދިޔަ މަހުގެ 10 ގައެވެ.
އެ މައްސަލަ މަޖިލިސް ތަޅުމަށް އެޖެންޑާ ކުރި ނަމަވެސް މިނިސްޓަރުން ނިސްބަތްވެވަޑައިގަންނަވާ މިނިސްޓްރީތަކުގެ ދާއިރާގައި ހިމެނޭ މަަސައްކަތްތައް މަޖިލީހުން ފާސްކުރަން ހުށަހަަޅާފައި ނުވާތީ އާއި ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނުވަތަ ނުފެންނަ ކަމަށް ކޮމިޓީން ފާސްކޮށް އެ ރިޕޯޓުގައި ހިމަނާފައިނުވާތީ، އެއީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް މެންބަރުން ފާހަގަކުރެއްވުމުން، އެކަމަށް ގޮތްތަކެއް ކަނޑައެޅުމަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވަނީ އެ ރިޕޯޓު އަލުން އަނބުރާ ކޮމިޓީއަށް ފޮނުވައިފައެވެ.
ނަމަވެސް މަޖިލިސް ޗުއްޓީއަށް ދިޔައިރުވެސް ކޮމިޓީގެ ކޯރަމް ހަމަނުވެގެން ގޮތެއް ނުނިމި އެ މައްސަލަ އޮތީ ކޮމިޓީގައެވެ.
ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން ޑިސެމްބަރު 30 ގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީއަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހުށަހެޅުއްވީ ކޮމިޓީއަށް ފޮނުވި ރިޕޯޓުގައި ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ކޮމިޓީން ފާސްކުރަން ހިމެނުމަށެވެ. ތާއީދު ކުރެއްވީ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ.
އެގޮތަށް 22 ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކުރީ ފަސް މެންބަރުން ވޯޓު ދެެއްވައިގެންނެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ. އަދި ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ހަތަރު މެންބަރަކު ތިއްބެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު