ޗައިނާގެ ސާވޭ އުޅަނދު "ޝިއަންގް ޔަންގް ހޮންގް 3" ރާއްޖެ އަންނަނީ ހުއްދަ ނަގައިގެން ކަމަށާއި ނަމަވެސް އެ ބޯޓުން ސާވޭ ކުރުމުގެ މަސައްކަތެއް ނުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
"ޝިއަންގް ޔަންގް ހޮންގް 3" ރާއްޖެ އަންނަން ދަތުރު ފެށުމުން އިންޑިއާއިން ވަނީ އެ ބޯޓަކީ ޗައިނާގެ ޖާސޫސީ ބޯޓެއް ކަމަށް ތުހުމަތުކޮށްފައެވެ. މި މަހުގެ ކުރީކޮޅު "ޝިއަންގް ޔަންގް ހޮންގް 3" ސްރީލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް ކައިރިކުރަން އުޅުމުން އިންޑިއާއިން އެކަމާ ދެކޮޅު ހެދުމުން، ލަންކާ އިން ވަނީ އެ އުޅަނދު ލަންކާގެ އިގުތިސާދީ ސަރަހައްދަށް ވަނުން އެއް އަހަރަށް މަނާކޮށްފައެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ބޯޓު ރާއްޖެ އައުމަށް ޗައިނާގެ ފަރާތުން ޑިޕްލޮމެޓިކް ހުއްދައަކަށް އެދިފައިވާ ކަމަށާއި އެ ބޯޓު ރާއްޖެ އަންނަނީ ބޯޓުގެ ސްޓޮކް އާ ކުރުމަށާއި ފަޅުވެރިން ބަދަލުކުރުމަށް ކަމަށެވެ. އެ ބޯޓު ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުގެ އެއްވެސް ސަރަހައްދެއް ސާވޭ ނުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖެއާ އަވައްޓެރި ގައުމުތަކުގެ މަދަނީ އަދި އަސްކަރީ އުޅަނދުފަހަރުތަކަށް އަބަދުވެސް ރާއްޖެއިން މަރުހަބާ ކިޔާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެފަދަ ޕޯޓް ކޯލްތަކުގެ ސަބަބުން ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު އޮންނަ ބައިލެޓްރަލް ގުޅުން ބަދަހިވާނެ ކަމަށް ބުންޏެވެ. ރާއްޖެއިން އެފަދަ ކަންކަން ކުރިއަށް ގެންދަނީ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާ އެއްގޮތަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޗައިނާގެ އެ އުޅަނދަކީ އެގައުމުގެ އަސްކަރިއްޔާގެ އުޅަނދެއް ނޫނެވެ. ނަމަވެސް އެފަދަ އުޅަނދުތަކުން މައުލޫމާތު އެއްކުރުމަށްފަހު، އެ މައުލޫމާތު ޗައިނާގެ އަސްކަރިއްޔާއާ ހިއްސާކުރާ ކަމަށް އިންޑިއާ، އެމެރިކާ އަދި ޔޫރަޕުގެ ބައެއް ގައުމުތަކުން ތުހުމަތުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު