މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، ރޯދަމަހު ނުބާއްވާ ގޮތަށް ބަދަލުކުރެވޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބޭއްވި މަޖިލިސް އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މަޖިލިސް އިންތިހާބު، ރޯދަ މަހު ބޭއްވުމަށް ނިންމީ އެއްވެސް ސިޔާސީ ޕާޓީއަކާ މަޝްވަރާކުރުމަށްފަހު ނޫން ކަމަށެވެ. މަޖިލިސް އިންތިހާބު ބާއްވާ ތާރީހު ބަދަލުކުރުމަށް އޭނާ ތާއީދުކުރާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުން އެކަން ކުރެވޭނެ. ހާއްސަ ޖަލްސާތަކާ އެއްޗެހި ދައުރުން ބޭރުން ބާއްވައިގެން ކުރާ ކަންކަން އެބަ ކުރެވޭ. އެހެންވީމާ ރައްޔިތުންގެ އެހާ ބޮޑު ކަންބޮޑުވުމެއް މިކަމުގައި އޮވެއްޖެ ކަމަށްވަންޏާ އަޅުގަނޑުމެން ހަމަ ތާއީދުކުރަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން، ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ދުވަސް ކަނޑައެޅިގެން ދިއުމަށް،" ޝިޔާމް ވިދާޅުވިއެވެ.

އީސީން މިމަހުގެ ދިހަވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މަޖިލީހުގެ އިންތިހާބު އަންނަ މާޗް މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އީސީން ބުނެފައިވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަވަސްކުރަން ނިންމީ 1445 ވަނަ އަހަރުގެ ރޯދަ މަހާ ދިމާވާތީ އާއި ރޯދަ މަހަށްފަހު އިންތިހާބު ބޭއްވުމަށް އިދާރީ ބޮޑެތި ހުރަސްތަކެއް ހުރުމާ ގުޅިގެން ކަމަށެވެ. އަދި ދިރާސީ ކަލަންޑަރުގައިވާ ގޮތުން އީދު ބަންދަށްފަހު ފެށޭ ހަފުތާއަކީ އިމްތިހާނު ދުވަސްވަރަށް ވާތީ، ވޯޓުލާ މަރުކަޒުތައް ގާއިމުކުރުމަށް އެ ކޮމިޝަނަށް އެކަށީގެންވާ މަރުކަޒުތައް ނުލިބޭނެތީ އަވަސްކުރަން ނިންމީ ކަމަށްވެސް ބުނެފައިވެއެވެ.

"ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާތީ، ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކެއް ދިމާވާނެތީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2023 މާޗް 17 ވާ އާދިއްތަ ދުވަހު ބޭއްވުމަށް މި ކޮމިޝަނުން މިހާރު ވަނީ ނިންމާފައި،" އީސީން ބުނެފައިވެއެވެ.

މިއަހަރުގެ ރޯދަ މަސް ފެށޭނެ ތާރީހު ކަމަށް ކަލަންޑަރުގައި ވަނީ މާޗު މަހުގެ 11 އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ މިއަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހަށެވެ. އެހެންކަމުން ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސް ކުރިން، އެއީ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުގެ ކުރިން މަޖިލީހުގެ އިންތިހާބު ބާއްވައި އެކަމާބެހޭ އެންމެހާ ކަންކަންކޮށް ނިންމަންވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެއެވެ.

ގާނޫނު ބުނާގޮތުން މެންބަރުންގެ ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހެއެވެ. އެހެންކަމުން މިމަހުގެ 28ގެ ފަހުން ގިނަވެގެން ދިހަ ދުވަހުގެ ތެރޭގައި މަޖިލީހަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވާލުމަށް ގާނޫނުގައި ބުނެއެވެ.