ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ 600 އަށްވުރެ ގިނަ މުވައްޒަފުން މާލެ ސިޓީ ކައުންސިލަށް ބަދަލުކުރަން މަސައްކަތް ކުރާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލު މީޑިއާ ކޯޑިނޭޓަރު އައިމިނަތު ޝަތުފާ "ވަން" އަށް މިއަދު ވިދާޅުވީ، އެޗްޑީސީގެ 600 އަށްވުރެ ގިނަ މުވައްޒަފުން މާލެ ސިޓީ ކައުންސިލަށް ބަދަލުކުރުމަށް އެޗްޑީސީ އާއި ސިޓީ ކައުންސިލުގެ އެޗްއާރު ގުޅިގެން މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އަދި ސިދާ އަދަދު ބުނަން އެނގޭނީ އެ މަސައްކަތް ނިމުމުން ކަމަށެވެ.

އެ މުވައްޒަފުންނަށް އެޗްޑީސީގެ މުސާރައާއި އެއްވަރުގެ މުސާރައެއް ފުރަތަމަ އަހަރުދޭނެކަމަށާއި އެ ގޮތަށް ބަދަލުވުމަށް އެދޭ މުވައްޒަފުންނަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް ޝަތުފާ ވިދާޅުވިއެވެ. ނަމަވެސް އެޗްޑީސީން ސިޓީ ކައުންސިލުގެ ވަޒީފާތަކަށް ބަދަލުވުމާއި ނުވުން އެއީ އެ މުވައްޒަފުންގެ އިހުތިޔާރުގައި އޮތް ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މި ކަމާއި ގުޅޭގޮތުން އެޗްޑީސީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހުއެވެ. އަދި ރަސްމީކޮށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް، މާލެ ސިޓީ ކައުންސިލުގެ ދަށުން ކުރިއަށް ގެންދިއުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.