މި މަހުގެ މިހާތަނަށް ރާއްޖެއަށް 128،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް 128،548 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއައި ފަތުރުވެރިންނަށްވުރެ 11.6 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ 21 ދުވަހުގެ ތެރޭގައި ރާއްޖެ އައިސްފައި ވަނީ 115،187 ފަތުރުވެރިންނެވެ.

ހިސާބުތައް ދައްކާ ގޮތުން މި މަހު އެވްރެޖްކޮށް ރާއްޖެއަށް ކޮންމެ ދުވަހަކު 6،121 ފަތުރުވެރިން އާދެއެވެ އަދި އެ މީހުން އެވްރެޖްކޮށް 8 ދުވަސް ހޭދަކުރާ ކަމަށް ހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް މި މަހުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެވެ. މިދިޔަ އަހަރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިއާއިން މި މަހުގެ މިހާތަނަށް 14،495 ފަތުރުވެރިން އައިސްފައިވެއެވެ.

ދެވަނައިގައި އޮތީ އިޓަލީއެވެ. އެ ގައުމުން މި މަހުގެ މިހާތަނަށް 13،965 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ތިންވަނައިގައި އޮތީ މިދިޔަ އަހަރުވެސް އެ މަގާމުގައި އޮތް ޔޫކޭ އެވެ. އެ ގައުމުން މި މަހުގެ މިހާތަނަށް 10،689 ފަތުރުވެރިން އައިސްފައިވެއެވެ.

ޓޮޕް މާކެޓްތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، އެންމެ ބޮޑަށް ފާހަގަވާ އެއް ކަމަކީ މިދިޔަ އަހަރު އެއްވަނަ މާކެޓުގެ ގޮތުގައި އޮތް އިންޑިއާ ފަސް ވަނައަށް ވެއްޓިފައި އޮތުމެވެ. އެ ގައުމުން މި މަހުގެ މިހާތަނަށް އައިސްފައިވަނީ 9،744 ފަތުރުވެރިންނެވެ.

އޭގެ ބަދަލުގައި ޗައިނާ ވަނީ އިންޑިއާ މާކެޓަށްވުރެ ކުރި އަރައި، ހަތަރުވަނައަށް ޖެހިލައިފައެވެ. ޗައިނާއިން މި މަހުގެ މިހާތަނަށް 10،113 ފަތުރުވެރިން އައިސްފައިވާއިރު، މިދިޔަ އަހަރު ޗައިނާ އޮތީ ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުގެ ގޮތުގައެވެ.