ކައުންސިލްތައް ވާންވާނީ ސަރުކާރާއި ރައްޔިތުންނާ އަދި ރައްޔިތުންނާއި ސަރުކާރާ ގުޅުވައިދޭ ޒިންމާދާރު ބަޔަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި މާލޭގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް އަދި ތިން ކައުންސިލަރަކު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވާނީ މާލޭގެ ރައްޔިތުންނާ ގުޅިގެން ކަމަށެވެ.
"ކައުންސިލް ވާނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނާއި ރައްޔިތުންނާ ދޭތެރޭގަ އެހީތެރިވާ މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ، ރައްޔިތުންނާއި ސަރުކާރާ، ސަރުކާރާއި ރައްޔިތުންނާ ގުޅުވައިދޭ ވަރަށް ޒިންމާދާރު ބޮޑީއަކަށް، މުއައްސަސާއަކަށް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނާއި، ސަރުކާރާ ގުޅުވައިދިނުމުގެ ޒިންމާ ސިޓީ ކައުންސިލުން ރަނގަޅަށް އަދާކޮށްދޭނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ކައުންސިލަކުން ވެސް އެގޮތަށް މަސައްކަތް ކުރަންވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކައުންސިލަކީ ރައްޔިތުން ހަވާލުކުރާ ބޮޑު އަމާނާތެއް ކަމަށާއި އެކަމަށް ސިޔާސީ ކުޅިމަޖާ ވެއްދުމުން މަގުމަތިވާނީ ރައްޔިތުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުން މަގުމަތިވުމުގެ ފުރުސަތެއް އެ މަނިކުފާނު ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުން އެ މަނިކުފާނާ ހަވާލުކުރި ޒިންމާއަކީ ރައްޔިތުންނަށް އުފާފާގަތިކަން ހޯދައިދުން ކަމަށާއި އެ ޒިންމާ އަދާކުރަން އެ މަނިކުފާނު އެ ހުންނެވީ ތެދުވެވަޑައިގެން، ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ، އެ އަތޮޅަކާ ހަވާލުކުރާނެ ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން، ކައުންސިލްތައް ފުރިހަމަ މާނައިގައި ބާރުވެރި ކޮށްދޭނެ ކަމަށެވެ. މިދިޔަ ދެ މަހެއްހައި ދުވަހުގެ ތެރޭގައި ވެސް ސަރުކާރުން މަސައްކަތްކުރީ ކައުންސިލްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބާރުވެރި ކުރުވަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދޭނީ ކައުންސިލްތަކަށް އާމްދަނީ ހޯދައިދީ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދައި ދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެން ބަލާލިއިރު މާލޭގަ ހުރޭ އަތޮޅު ފިހާރަތަކެއް، އެހެންނަމަވެސް އެ އަތޮޅު ފިހާރަތަކަށް ލިބެމުން ދިޔަ ފައިސާ އަތޮޅުތަކަށް ހަވާލުކޮށްފައެއް ނެތް. އެހެންނަމަވެސް އަޅުގަނޑުމެން މިހާރު ނިންމާފަ ވަނީ އިރާދަކުރެއްވިޔާ ކުރިޔަށް އޮތްތާގަ އެ އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެ އަތޮޅުތަކާ އަޅުގަނޑުމެން ހަވާލުކުރާނަން" ރައީސް ވިދާޅުވިއެވެ.
އެއިރުން އަތޮޅު ކައުންސިލްތަކަށް ރަށު ކައުންސިލްތަކާއެކު މަސައްކަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަތޮޅު ފިހާރަތަކުން، އަތޮޅު ކައުންސިލްތަކަށް ހަވާލުނުކޮށް ހުރި ފައިސާ މިހާރު ވެސް އެބަހުރި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަތޮޅު ފިހާރަތަކަށް ލިބޭ ފައިސާ، އަތޮޅު ކައުންސިލްތަކަށް، ސަރުކާރުން ދޫކުރާނީ ދެފުށް ފެންނަ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ކައުންސިލްތަކަށް ވިޔަފާރިއެއް ފެށުމަށްޓަކައި ކޮންމެ ކައުންސިލަކަށް ވެސް އެ ކައުންސިލެއްގެ އިހުތިސޯސް އަދި އިހުތިސޯސުން ބޭރުގައި ހިމެނޭ ރަށެއް ނުވަތަ ފަޅެއް، އާމްދަނީ ހޯދުމަށް ބޭނުން ކުރެވޭނެ އުސޫލުތަކެއް ކެބިނެޓުން ފާސްކޮށް މިހާރު ވަނީ ގެޒެޓް ކޮށްފައި ކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. .
ޚަބަރު
ޚަބަރު
ޚަބަރު