ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބީ މަސައްކަތްތައް ހުއްޓާލަން ފީފާއާއި އޭއެފްސީން އެންގި އެންގުމާ ދެކޮޅު ނުހެދޭނެތީ ދެން ކުރިއަށްހުރި މަޝްވަރާތައް ކުރަން އެކްސްކޯ ބައްދަލުވުމެއް ބާއްވަން އެފްއޭއެމުން ނިންމައިފިއެވެ.
ފީފާއާއި އޭއެފްސީން މިއަދު އެފްއޭއެމަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މިމަހުގެ 31ގައި ބާއްވަން މަސައްކަތް ކުރާ އިންތިހާބުގެ ހުރިހާ މަސައްކަތެއް އަލުން ފަށައި، ސައްހަ ގޮތެއްގައި އަސާސީ ގަވާއިދާ އެއްގޮތަށް ގެންދިއުމަށެވެ. އެގޮތުން ކޮންގްރެސްއެއް ބާއްވައި އިލެކްޓޯރިއަލް ކޮމިޓީއާއި އިލެކްޓޯރިއަލް އެޕީލް ކޮމިޓީ އަލުން އިންތިހާބު ކުރުމަށް އަންގާފައިވެއެވެ. އެފަދަ އެންގުމެއް އަންގާފައިވަނީ ވެލެންސިއާގެ ތާއީދު ސިޓީއާއެކު އިންތިހާބުގައި ވާދަކުރާ އެއް ކެނޑިޑޭޓް، ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގު (ޓޮމް)ގެ ކެނޑިޑެސީ ގެއްލި އޭނާ ހުށަހެޅި އިސްތިއުނާފީ މައްސަލަ ބަލަން އެފްއޭއެމްގެ އެޕީލް ކޮމިޓީއެއް ނެތުމުން، އެ މައްސަލައިގައެވެ.
ތޯރިގުގެ އިތުރުން އިންތިހާބަށް ކުރިމަތިލީ އެފްއޭއެމްގެ ރައީސްކަމުން ދާދިފަހުން ވަކިވި ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯގައި ހިމެނުނު މުފާވިޒު ހާޝިމްއެވެ.
އެފްއޭއެެމަށް ފީފާއާއި އޭއެފްސީގެ ސިޓީ ލިބިފައިވުމާއެކު އެ އިދާރާއިން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން އިންސާފުވެރި މާހައުލެއްގައި އެޕީލް އަދި އިލެކްޓޯރިއަލް ކޮމިޓީ ނަގަން ފުރުސަތު ހޯދައިދޭނެ ކަމަށެވެ. އަދި އެކަންކަމަށް މަޝްވަރާކުރަން މިމަހުގެ 25 ވަނަ ދުވަހު އެކްސްކޯ ބައްދަލުވުމެއް ބާއްވާނެ ކަމަށް ބަޔާނުގައި ބުނެފައިވާ އިރު، ސީދާ "އިންތިހާބުގެ މަސައްކަތް ހުއްޓާލި ކަމަށް،" ބުނެފައެއް ނުވެއެވެ. އެކަމާ އިތުރަށް ސުވާލުކުރުމުން، އެ އިދާރާގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) ވިދާޅުވީ "ހުއްޓާނުލާ ވާހަކަވެސް ބުނެފައި ނުވާނެ،" ކަމަށާއި "އޭއެފްސީއާއި ފީފާގެ އެންގުމާ ހިލާފު ނުވެވޭނެ،" ކަމަށެވެ.
އިތުރަށް މަޝްވަރާކުރަން އެކަމަށް އޮތީ ކޮންކަމަކާ ގުޅޭގޮތުންތޯ ޖައުޝަންއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ މަޝްވަރާކުރަނީ ފީފާއާއި އޭއެފްސީގެ އެންގުމާ ގުޅޭގޮތުން އިތުރަށް ކަންކަން ކުރިއަށްގެންދަން ޖެހޭ ގޮތާ ގުޅޭގޮތުން ކަމަށެވެ.
އިންތިހާބަށް ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ އިރު، ވެލެންސިއާގެ ތާއީދު ސިޓީ މައްސަލަ އޮތީ ބޮޑުވެފައެވެ. ވެލެންސިއާއިން ދެ ކެނޑިޑޭޓުންނަށް ތާއީދު ސިޓީ ދީފައި އޮތުމުން، އެ ސިޓީ ބާތިލުކޮށް، ތޯރިގުގެ ކެނޑިޑެސީވެސް ބާތިލުކޮށްފައިވެއެވެ. އޭނާ އިސްތިއުނާފަށް ހުށަހެޅި ސިޓީއަށް އެފްއޭއެމްއަށް ޖަވާބު ދެވިފައެއް ނުވެއެވެ. އެއީ 2023 ވަނަ އަހަރު އަހަރީ އާންމު ޖަލްސާގައި އެޕީލް ކޮމިޓީއެއް ފާސްކޮށްފައި ނެތުމުންނެވެ.
އެފްއޭއެމުން އިންތިހާބަށް ވަގުތު ކުޑަތަންވަމުންދާ އިރު، އެޕީލް ކޮމިޓީއާއި އިލެކްޓޯރިއަލް ކޮމިޓީގެ މައްސަލައިގެ ސަބަބުން ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ކްލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ފަރާތުން 10 ކްލަބެއްގެ ސޮޔާއެކު އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށްވެސް މިހާރު އޮތީ ގޮވާލައިފައެވެ.
އެފްއޭއެމްގެ އިންތިހާބާ ގުޅޭ އެތައް މައްސަލައެއް ފެންމަތިވެފައިވާ އިރު، އެކަންކަން ހައްލުކުރުމަށް ސްޕޯޓްސް ކޮމިޝަނުން ވަނީ މީގެ ކުރިންވެސް އިންތިހާބު ހުއްޓާލަން އަންގައިފައެވެ.
އޭއެފްސީއާއި ފީފާގެ ޖޮއިންޓް ސިޓީއެއް މިއަދު އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފަށް އެޑްރެސްކޮށް ފޮނުވާފައިވާ އިރު، އެ ސިޓީގެ ކޮޕީއެއް "ވަން ސްޕޯޓްސް"އަށް ވަނީ ލިބިފައެވެ. ސިޓީގައި ބުނެފައިވަނީ އިންތިހާބީ މައްސަލަތަކުގެ ޝަކުވާތައް ބެލި ބެލުމުގައި އިންތިހާބީ މަސައްކަތްތައް މިހާ ހިސާބަށް ކޮށްފައިވަނީ އެފްއޭއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށް ނުބެލެވޭ ކަމަށެވެ.
އެގޮތުން އެފްއޭއެމްގެ އިންތިހާބުގެ އިލެކްޓޯރިއަލް ޕްރޮސެސް ސައްހަ ނޫންކަމާއި، މިހާރުގެ އިލެކްޓޯރިއަލް ޕްރޮސެސް ބަލައިނުގަންނަ ކަމަށް ފީފާއާއި އޭއެފްސީން ވަނީ ނިންމައިފައެވެ. އަދި އިލެކްޓޯރިއަލް ކޮމިޓީއާއި އިލެކްޓޯރިއަލް އެޕީލް ކޮމިޓީ އެފްއޭއެމްގެ ކޮންގްރެސްއަކުން ނެގި، ފާސްކުރެވިފައި ނުވާ ކަމަށްވެސް އޭއެފްސީއާއި ފީފާއިން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އެ ދެ ކޮމިޓީ އެކުލަވާލަން ކޮންގްރެސް ބައްދަލުވުމެއް ބާއްވަން ފީފާއާއި އޭއެފްސީން ވަނީ އަންގައިފައެވެ. އެ ޑިއު ޕްރޮސެސް ފުރިހަމަކުރުމަށް އިލެކްޓޯރިއަލް ކޯޑާ އެއްގޮތަށް އަމަލުކުރުމަށް އެފްއޭއެމްއަށް ފީފާއާއި އޭއެފްސީން ވަނީ އަންގައިފައެވެ.
އޭގެ އިތުރުން ޖޮއިންޓް ސްޓޭޓްމަންޓްގައި ބުނެފައިވަނީ މިމަހުގެ 31ގައި ބާއްވަން މަސައްކަތް ކުރާ އިންތިހާބުގެ ހުރިހާ މަސައްކަތެއް އަލުން ފަށައި، ސައްހަ ގޮތެއްގައި އަސާސީ ގަވާއިދާ އެއްގޮތަށް ގެންދިއުމަށެވެ. އެގޮތުން ކޮންގްރެސްއެއް ބާއްވައި އިލެކްޓޯރިއަލް ކޮމިޓީއާއި އިލެކްޓޯރިއަލް އެޕީލް ކޮމިޓީ އަލުން އިންތިހާބު ކުރުމަށް އަންގާފައިވެއެވެ.
އެކަން ކުރުމުގައި އަސާސީ ގަވާއިދާއި އިލެކްޓޯރިއަލް ކޯޑާ އެއްގޮތަށް، ދެ ކޮމިޓީއަށް އެއްފަހަރާ މެންބަރުން ނެގުމަށްވެސް ފީފާއާއި އޭއެފްސީން އަންގާފައިވެއެވެ. ސިޓީގައި ބުނެފައިވަނީ އެފްއޭއެމްގެ އިންތިހާބުގެ ކަންކަން ފީފާއާއި އޭއެފްސީން ބަލަމުންދާނެ ކަމަށާއި، މައުލޫމާތު ހިއްސާކުރަން އެދޭ ކަމަށެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް