ހަ ސިޔާސީ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން 44 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

މިއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް މެންބަރުންގެ ބޮލުގެ ނިސްބަތުން ކޮންމެ އަހަރެއްގެ ބަޖެޓުން ދޫކުރަން ޖެހޭ ފައިސާއެކެވެ. އެގޮތުން ކޮންމެ މެންބަރެއްގެ ބޮލަށް ޖެހޭ އަދަދަކީ 289 ރުފިޔާ 62 ލާރި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، މިއަހަރަށް ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10،000 މެންބަރުން ހަމަވާ ސިޔާސީ ހަ ޕާޓީއަކަށް ފައިސާ ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ހުސްވި ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް އޭގެ ތެެރެއިން ދެ ޕާޓީއެއްގައި ހިމެނޭ މެންބަރުންގެ އަދަދު ވަނީ 10،000 އަށްވުރެ ދަށްވެފައެވެ. އެއީ އަދާލަތު ޕާޓީ (އޭޕީ) އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އެވެ.

މިފަހަރުވެސް އެންމެގިނަ ފައިސާ ލިބޭނީ އިދިކޮޅު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ މި ފަހަރުގެ ބަޖެޓުން އެމްޑީޕީއަށް 15،101،580.43 ރުފިޔާ ލިބޭނެ ކަމަށެވެ. މިހާރުގެ ތަފާސް ހިސާބު ދައްކާ ގޮތުން ޑިސެމްބަރު 31 ގެ ނިޔަލަށް އެމްޑީޕީގައި 52،142 މެންބަރުން ހިމެނެއެވެ.

މިފަހަރު ދެވަނައަށް އެންމެ ގިނަ މީހުން ހިމެނޭ ޕާޓީގެ ގޮތުގައި އޮތް، ސަރުކާރު ހިންގާ ކޯލީޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް 10،491،054.20 ރުފިޔާ ލިބޭނެ އެވެ. ޑިސެމްބަރު މަހުގެ ނިޔަލަށް އެ ޕާޓީގައި ތިބިކަމަށް ދައްކަނީ 36،223 މެންބަރުންނެވެ.

މިހާރު ތިންވަނައަށް އެންމެ ގިނަ މެންބަރުން ތިބި ޕާޓީގެ ގޮތުގައި އޮތް، ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އަށް މެންބަރުންގެ ނިސްބަތުން 8،167،689.58 ޖެހުނު ނަމަވެސް ގާނޫނާއި ގަވާއިދާ ހިލާފު ވެގެން ކޮށްފައިވާ ޖޫރިމަނާގެ 95،000 ކެނޑުމަށްފަހު އެޕާޓީއަށް ދޭން ނިންމާފައި ވަނީ 8،072،689.58 ރުފިޔާއެވެ. ޑިސެމްބަރު މަހުގެ ނިޔަލަށް އެ ޕާޓީގައި މިހާރު ތިބި ކަމަށް ދައްކަނީ 28،201 މެންބަރުންނެވެ.

އެންމެ މެންބަރުން ގިނަ ޕާޓިގެ ގޮތުގައި ދެން އޮތް، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް 5،314،312.83 ރުފިޔާ ދޫކުރަން އީސީން ވަނީ ނިންމައިފައެވެ. ޑިސެމްބަރު މަހުގެ ނިޔަލަށް އެ ޕާޓީގެ މެެންބަރުންގެ އަދަދަކީ 18،349 އެވެ.

ޖެހިގެން އޮތް އަދާލަތު ޕާޓީ (އޭޕީ) އަށް ދޫކުރަން ނިންމާފައިވަނީ 2،547،533.69 ރުފިޔާއެވެ. ބަޖެޓް ފާސްކުރުމާ ހަމައަށް އެ ޕާޓީގެ މެންބަރުންގެ އަދަދު 10،000 އަށްވުރެން އިތުރުވި ނަމަވެސް ޑިސެމްބަރު މަހުގެ ނިޔަލަށް ބޮޑު ތަނުން ދަށްވެ އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 8،796 އަށް ވެއްޓިފައެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް ދޭން ނިންމާފައި ވަނީ، 2،477،734.28 މިލިޔަން ރުފިޔާ އެވެ. ދައުލަތުގެ ބަޖެޓް ފާސް ކުރި ތާރީހާ ހަމައަށް އެ ޕާޓީގައި 10،000 ހަމަވި ނަމަވެސް ޑިސެމްބަރުމަހުގެ ނިޔަލަށް އެ ޕާޓިގެ މެންބަރުންގެ ނިސްބަތް ވަނީ ދަށްވެފައެވެ. މިހާރު އެ ޕާޓީގައި ތިބީ 8،555 މެންބަރުންނެވެ.