އައިވަރީ ކޯސްޓުގައި ކުރިއަށްދާ އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ މެޗެއްގައި މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދަން، އޭނާގެ ކްލަބު ލިވަޕޫލަށް އެނބުރި ގޮސްފިއެވެ.

އެފްކޯންގެ ގްރޫޕް ސްޓޭޖުގައި ސަލާހަށް އަނިޔާވީ މީގެ ދެ ދުވަސްކުރިން ގާނާއާ ދެކޮޅަށް މިސްރުން ކުޅުނު މެޗުގައެވެ. އައިވަރީ ކޯސްޓުގެ އަބީޖާންގައި ކުޅުނު މެޗު 2-2 އިން އެއްވަރުވި އިރު، ސަލާހަށް އަނިޔާވީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށެވެ.

ސަލާހުގެ އަނިޔާއާ ގުޅޭގޮތުން މިސްރުގެ އެފްއޭއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެކްސްރޭއިން ދެއްކި ގޮތުގައި އަނިޔާވެފައި ވަނީ ސަލާހުގެ ފަލަމަސްގަނޑުގެ ދަށް ފަޅިއަށެވެ. މަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން ސަލާހަށް ކުރިއަށް އޮތް ދެ މެޗު ގެއްލޭނެ ކަމަށްވެސް މިސްރު އެފްއޭއިން ބުނެފައިވެއެވެ. އެއީ މިސްރުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކޭޕް ވާޑޭއާ ދެކޮޅަށް ކުޅެން އޮތް މުހިންމު މެޗުގެ އިތުރުން، ގަދަ 16 އަށް ގޮސްފިނަމަ އެ މެޗެވެ.

ސަލާހްގެ ހާލަތު، ފުރަތަމަ ދުވަހުން ފެށިގެންވެސް ލިވަޕޫލުން ކައިރިން ބަލަމުން ގޮސްފައިވާ އިރު، އޭނާ މިހާރު ވަނީ ލިވަޕޫލްގެ މެޑިކަލް ޓީމުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެހެންކަމުން މިސްރުން ސެމީ ފައިނަލަށް ދިއުމުން ނޫނީ ސަލާހް އެނބުރި އެފްކޯން ކުޅެން ދާނެ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. ލިވަޕޫލުން ބުނެފައި ވަނީ އަނިޔާއިން ރަނގަޅުވާ ހިސާބުން އަނބުރާ މިސްރަށް ކުޅެން ސަލާހް ފޮނުވާނެ ކަމަށެވެ.

ގައުމީ ޓީމަށް ގާތްގަނޑަކަށް 100 މެޗު ކުޅެދީފައިވާ ސަލާހް ނެތުން ވާނީ މިސްރަށް މާޔޫސް ކަމަކަށެވެ. އެޓީމުން މިފަހަރުގެ އެފްކޯން ގްރޫޕް ސްޓޭޖު ފެށީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫނެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ލިބިފައި ވަނީ ދެ ޕޮއިންޓެވެ.