މިސްރުގެ ސުޕަ ސްޓާރު މުހައްމަދު ސަލާހް، ތުރުކީ ފުރަތަމަ ޑިވިޝަނުގެ ޓްރަބްޒޯންސްޕޯރާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އުމުރުން 34 އަހަރުގެ ސަލާހް ތުރުކީއަށް އިއްޔެ ދިޔުމާއެކުވެސް ޓްރަބްޒޯންސްޕޯރްގެ އެތައް ހާސް ސަޕޯޓަރުންނެއް މަގު މައްޗަށް އެއްވެ، އުފާފާޅުކޮށްފައިވެއެވެ. އަދި ސަލާހަށް ހޫނު މަރުހަބާއެއް އެ ކްލަބުން ކިޔާފައިވެއެވެ. ހަބަރުތައް ބުނެފައި ވަނީ ސަލާހް ޓްރަބްޒޯންސްޕޯރަށް ހިލޭ ޓްރާންސްފާއެއްގައި ސޮއިކުރީ ތުރުކީ ލީގުގެ ރެކޯޑު މުސާރައަކަށް ކަމަށެވެ. ހަބަރުތައް ބުނެފައި ވަނީ ސަލާހަށް ސީޒަނެއްގެ މައްޗަށް 19.6 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ.
އެގޮތުން ޓްރަބްޒޯންސްޕޯރާއިން ވިއްކާ ސަލާހްގެ ޖާޒީއާއި އެހެނިހެން އެއްޗެހިންވެސް އޭނާއަށް 20 ޕަސެންޓްގެ ހިއްސާ ދޭން ނިންމާފައިވާ ކަމަށް ނޫސްތައް ބުނެފައިވެއެވެ.
ސަލާހް ނުވަ އަހަރަށްފަހު ލިވަޕޫލް ދޫކޮށްލީ މިދިޔަ ސީޒަނަށްފަހުއެވެ. އެ ކްލަބާއެކު އޭނާ ވަނީ ޗެމްޕިއަންސް ލީގާއި ދެ ޕްރިމިއާ ލީގުވެސް ކާމިޔާބު ކޮށްފައެވެ. އެ ކްލަބަށް ސަލާހް ވަނީ 442 މެޗު ކުޅެ، 257 ގޯލްވެސް ޖަހައިދީފައެވެ. ސަލާހް ލިވަޕޫލާއެކު ޕްރިމިއާ ލީގުގެ ހަތަރު ރަން ބޫޓުވެސް ހޯދައިފައެވެ.
މިސްރާއެކު ސަލާހް މިފަހަރު ވޯލްޑް ކަޕުގައިވެސް ތާރީހު ލިޔެލާފައިވާ އިރު، އޭނާގެ ޔޫރަޕް ކެރިއަރު ފެށީ 2012 ވަނަ އަހަރު ބާސެލްއިންނެވެ. އޭގެ ފަހުން ޗެލްސީއަށްވެސް ސަލާހް ކުޅެފައިވާ އިރު، އޭނާ ވަނީ ފިއޮރެންޓީނޯއާއި ރޯމާއަށްވެސް ކުޅެފައެވެ. އެއީ 2015 އިން 2017 ވަނަ އަހަރާ ހަމައަށެވެ. ލިވަޕޫލާ ގުޅުމުގެ ކުރިންނެވެ. ސަލާހް ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންނާ އެއް ލެވެލްއަށް ދާން އެންމެ ބޮޑަށް ވިދާލީ ލިވަޕޫލްގައެވެ.
މުހައްމަދު ސަލާހު
މުހައްމަދު ސަލާހު
މުހައްމަދު ސަލާހު
މުހައްމަދު ސަލާހު
ކޮމެންޓް