މުޅިން އަލަށް ވޯލްޑް ކަޕް މެޗަކުން މޮޅުވެ، ނޮކްއައުޓް ބުރަށްވެސް ދަތުރުކުރުމަށްފަހު އަނބުރާ ގައުމަށް ދިޔަ މިސްރުގެ ފުޓުބޯޅަ ޓީމަށް އެގައުމުގެ އެތައް ހާސް ބަޔަކު ނުކުމެ ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިސްރުން މިފަހަރު ވޯލްޑް ކަޕްގައި ކުރީ ތާރީހީ ދަތުރެކެވެ. އެގައުމުގެ ތާރީހުގައި ހަތަރު ވަނަ ވޯލްޑް ކަޕަށް މިފަހަރު ނުކުތް އިރު، މި މުބާރާތުގެ ކުރިން މޮޅެއް ހޯދިފައެއް ނުވެއެވެ. އެކަން ބަދަލުކޮށް، މިފަހަރުގެ ގްރޫޕް ސްޓޭޖު މިސްރުން ނިންމާލީ ބައްޔެއް ނުވެއެވެ. އެއީ ވަރުގަދަ ބެލްޖިއަމާއި އިރާން ކައިރިން ވެސް އެއްވަރުކޮށް، ނިއު ޒިލޭންޑް ބަލިކޮށްގެންނެވެ.

އެ ނަތީޖާތަކާ އެކު މިސްރުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގެ ނޮކްއައުޓް ސްޓޭޖަށް ދަތުރު ކޮށްފައިވާ އިރު، އެ ބުރުގައި ފުރަތަމަ މޮޅެއް ހޯދީ އޮސްޓްރޭލިއާ ބަލިކޮށްގެންނެވެ. ގަދަ 16 ގައި މިސްރުން އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ނުކުމެފައިވާ އިރު، އެ މެޗު ވެގެންދިޔައީ ސުވާލުތަކެއް ކުރިމަތި ކުރިވި މެޗަކަށެވެ. މިސްރުން 2-0 އިން ލީޑުގައި އޮއްވައި، އާޖެންޓީނާއިން އެންމެ ފަހުވަގުތު ތިން ގޯލް ޖަހައިގެން މެޗު އަނބުރާލި އިރު، މެޗަށްފަހު މިސްރުގެ ކޯޗު، ހޮސާމް ހަސަން ބުނީ ރެފްރީން ގޯސް ހެދި ކަމަށެވެ.

ހޮސާމް ބުނީ ރެފްރީން އާޖެންޓީނާއަށް ތަށި ދޭން އުޅޭ ކަމަށާއި މެޗުން ބަލިވީ އިންސާފެއް ނެތުމުން ކަމަށެވެ. އެ މައްސަލަ ބަލަން މިސްރުން ރަސްމީކޮށް ފީފާއަށް ހުށަހަޅާފައިވެއެވެ.

މިސްރުގެ އެ ފަހަރުވެރި ޓީމުން އެނބުރި ގައުމަށް ދިޔައީ އިއްޔެއެވެ. އިއްޔެ ޓީމުން އެނބުރި ގައުމަށް ދިޔުމާ އެކު އެތައް ހާސް ރައްޔިތުންނެއް ވަނީ މަގުތަކަށް ނުކުމެ، ދިދަތަކާ އެކު ގައުމީ ލަވަތައް ކިޔައި އުފާފާޅުކޮށްފައެވެ. އަދި ގިނަ ބެނާތަކުގައި ވަނީ ކުޅުންތެރިންނަކީ ހީރޯއިން ކަމަށެވެ.

އަލަމީން އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ގިނަ ސަޕޯޓަރުން ޖަމާވެފައިވާ އިރު، އެ އުފާފާޅުކުރުންތައް އޯޕަން ބަހެއްްގައި އިތުރަށް ކުރިއަށް ގެންގޮސްފައިވެއެވެ. މިސްރު ސަޕޯޓަރުންގެ ހާއްސަކަމެއް ކެޕްޓަން މުހައްމަދު ސަލާހަށް ދީފައިވާ އިރު، ހަބަރުތައް ބުނެފައި ވަނީ މިއަދުގެ ވަގުތެއްގައި މިސްރުގެ ރައީސް އަބްދެލް ފައްތާހް އަލް ސީސީ ޓީމާ ބައްދަލުކުރައްވާނެއެވެ. އެއީ މަރުހަބާ ދެންނެވުމަށެވެ.

އިއްޔެގެ އުފާފާޅުކުރުންތަކުގައި ފަލަސްތީނުގެ ދިދަވެސް ފެނިގެން ގޮސްފައިވާ އިރު، މުބާރާތުގެ ތެރެއިން ކޯޗު ހޮސާމް ވަނީ ނޮކްއައުޓް ބުރުގެ މޮޅު ފަލަސްތީނަށް ހާއްސަ ކޮށްފައެވެ. އިއްޔެގެ އުފާފާޅުކުރުންތަކުގައި ހޮސާމް ފަލަސްތީނު ދިދަ ދަނޑުމަތީގައި ވިހުރުވާލި މަންޒަރުތައް ދައްކުވައިދޭ ޕޯސްޓަރުތައްވެސް ބޭނުން ކޮށްފައިވެއެވެ.