ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި އެންމެފަހުގެ ޗެމްޕިއަން ބާސެލޯނާއިން ކުޅުނު މެޗުތައް ފަހަތުން އަރައި ކާމިޔާބު ކޮށްފިއެވެ.

ރެއާލްއިން ރޭ އަމިއްލަ ދަނޑުގައި އަލްމޭރިއާ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި އަލްމޭރިއާގެ ދެ ގޯލުވެސް ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައިވާ އިރު، ރެއާލްއިން ގޯލުތައް ޖަހައި މެޗު އަނބުރާލީ ފަހު ހާފުގައެވެ. ވީއޭއާރް ޑްރާމާ ފެނިގެން ދިޔަ މެޗަށްފަހު، އަލްމޭރިއާގެ ކޯޗުންނާއި ކުޅުންތެރިން ވަނީ ނިންމުންތަކަށް ފާޑު ކިޔައިފައެވެ.

ލީގުގެ ފުލުގައި އޮތް އަލްމޭރިއާއަށް މި ސީޒަނުގެ މިހާތަނަށް އެންމެ ހަ ޕޮއިންޓް ހޯދިފައި އޮތުމުން، މެޗަށް ނުކުތް އިރު ރެއާލްއަށް މެޗު ފަސޭހަވާނެ ކަމަށް އޮތީ ބެލެވިފައެވެ. އެހެން ނަަމަވެސް ލާޖީ ރަމަޒާނީއާއި އެޑްގާ ގޮންޒާލޭސް ޖެހި ގޯލުތަކުން ރެއާލް ސިއްސުވާލިއެވެ.

ދެވަނަ ހާފަށް ނުކުމެ، ޖޫޑް ބެލިންހަމް 57 ވަނަ މިނެޓުގައި ޖެހި ޕެނަލްޓީއާއެކު ރެއާލްއިން ވަނީ މެޗަށް އަނބުރާ ވަންނަން ހިތްވަރު ހޯދައިފައެވެ. އެ ޕެނަލްޓީއަކީ އަލްމޭރިއާގެ ކައިކީ އަތުގައި ބޯޅަ ޖެހުނު ކަމަށް ވިއޭއާރް ބަލައިފައި ދިން ޕެނަލްޓީއެކެވެ. ކައިކީ އަތުގައި ކިރިޔާ ބޯޅަ ކޭތިލާފައި ދިޔަ އިރު، އެ ހަމަލާއަށް ތަނަވަސްކުރަން އުޅުމުގެ ތެރޭގައި ރެއާލްގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ފައުލް ކުރި ކަމަށްވެސް އަލްމޭރިއާއިން ޝަކުވާ ކުރިއެވެ.

ރެފްރީ ނިންމީ ރެއާލްއާ އެއްކޮޅަށެވެ. މެޗަށްފަހު ވާހަކަ ދައްކަމުން އަލްމޭރިއާގެ ގޮންޒާލޯ މެލެރޯ ބުނީ "ރެއާލްއިން ވަގަށް މޮޅު ހޯދި،" ކަމަށެވެ. އޭނާ ބުނީ މިއީ އެގޮތަށް ކަންތައް ދިމާވި ފުރަތަމަ ފަހަރު ނޫން ކަމަށާއި، އަލްމޭރިއާއަށް މޮޅުވާން އިތުރަށް ކުރަން ޖެހޭ ކަމެއް ނެތް ަމަށްޗެސް މެލެރޯ ބުންޏެވެ.

ރެއާލްއިން ރޭގެ މެޗުން މޮޅު ޔަގީންކުރީ ވިނީޝިއަސް ޖޫނިއާ ޖެހި ގޯލުގެ އިތުރުން ޑެނީ ކަވަހާލް ފަހު ސިކުންތުކޮޅުގައި ޖެހި ގޯލުންނެވެ.

ބާސާއިން ރޭ ބެޓިސް، އުނދަގުލުން ބަލިކުރި އިރު، ރަށުން ބޭރުގައި ކުޅުނު މެޗު ނިމުނީ 4-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފެރަން ޓޮރެސް ލީޑު ނެގި އިރު، ދެވަނަ ހާފު ފެށިގެން އޭނާ އިތުރު ގޯލެއް ޖެހިވެސް މެއެވެ. އެހެން ނަަމވެސް، 56 އަދި 59 ވަނަ މިނެޓުގައި އިސްކޯ ޖެހި ދެ ގޯލާއެކު ބެޓިސްއިން އެއްވަރު ކުރިއެވެ. ބާސާއިން މޮޅަކަށް ބޮޑަށް މަސައްކަތް ކޮށް މޮޅުވީ ޓޮރެސް ހެޓްރިކް ފުރިހަމަކޮށް، ޖާއޯ ފެލިކްސް ޖެހި ގޯލާވެސް އެކުގައެވެ.

ލަލީގާ ތާވަލުގެ އެއްވަނައިގައި އޮތީ ރޭ ސެވިއްޔާ ކައިރިން 5-1 އިން މޮޅުވި ޖިރޯނާއެވެ. ދެވަނައިގައި ރެއާލް އޮތީ ޕޮއިންޓެއް ފަހަތުންނެވެ. ޖިރޯނާއަށް 21 މެޗުން 52 ޕޮއިންޓް ލިބިފައިވާ އިރު، ރެއާލްއަށް 20 މެޗުން ލިބިފައި ވަނި 51 ޕޮއިންޓެވެ. ތިންވަނައިގައި ބާސާ އޮތީ 20 މެޗުން 44 ޕޮއިންޓާއެކުގައެވެ.