ޕާޓީގެ ތެރޭގައި ފިތުނު އުފެއްދުމުގެ ތުހުމަތާއި ބައެއް އެހެން ސަބަބުތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ވާދަކުރުމަށް ހުށަހެޅި ގިނަ ބައެއްގެ ފޯމު ޕީޕީއެމް-ޕީއެންސީން ބާތިލުކޮށްފިއެވެ.

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވައި މިއަދު ގިނަ ބަޔަކަށް ފޮނުއްވި ސިޓީތަކުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024ގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމާ ބެހޭ އުސޫލުގެ ހަތަރުވަނަ މާއްދާގައި ބުނާ ޝަރުތުތައް ފުރިހަމަ ނުވާތީ، ފޯމު ބާތިލުކުރާ ކަމަށެވެ.

އޭގެ ތެރެއިން ގިނަ ބައެއްގެ ފޯމު ބާތިލުކޮށްފައިވަނީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްފަހު، ޕާޓީގެ އެތެރޭގައި އުފެދިގެން ދިޔަ ޕާޓީގެ ސިޔާސަތުތަކާ އިދިކޮޅު އޮއިވަރުގައި ޖެހި، ޕާޓީގެ އާއްމު މެންބަރުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް ބަޔަކު ކުރަމުންގެންދާ މަސައްކަތުގައި ބައިވެރިވެފައިވާކަމުގެ ތުހުމަތުގައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލުތަކެއް އެ ސިޓީތަކުގައި ފާހަގަކޮށްފައެއް ނުވެއެވެ.

ބެލެވޭގޮތުގައި އެ މައްސަލައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕާ ޖެހުނު މައްސަލައެވެ. އޭރު އެ މައްސަލަ ކޯލިޝަންގެ ތެރޭގައި ހޫނުވުމާއެކު ޕާޓީން ވަކިވެ، ރައީސް ޔާމީނާއެކު އެމަނިކުފާނަށް ތާއީދުކުރާ މީހުން ވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

އޭގެ އިތުރުން ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައިވާކަމަށް ނުފެންނާތީ ކަމަށް ބުނެ ވެސް ޝަރުތު ފުރިހަމަނުވާ ކަމަށް ނިންމައި، ބައެއް މީހުންގެ ފޯމުތައް ވަނީ ބާތިލުކޮށްފައެވެ. ނަމަވެސް އުސޫލުގައި ޕާޓީއަށް ހިދުމަތްކުރަން ޖެހޭ ވަކި މުއްދަތެއް ހިމަނައިފައެއް ނުވެއެވެ.

ފޯމު ބާތިލުކޮށްފައިވާ ގިނަ މީހުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންދާ އިރު، އެމީހުން ބުނަމުންދަނީ ޕްރައިމަރީ ބާއްވަން ހަ ދުވަހުގެ މުއްދަތަކަށް ވެފައިވަނިކޮށް ފޯމު ބާތިލުކުރަން ނިންމުމުން ބޮޑު ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެ ތުހުމަތުތައް ކޮށްފައިވަނީ ކޮން ސަބަބަކާ ގުޅިގެންކަން ވެސް ޕާޓީން ސާފުކޮށްދީފައިނުވާ ކަމުގެ ޝަކުވާ ވެސް ވަނީ ކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ޕީޕީއެމް-ޕީއެންސީގެ ބަހެއް ހޯދުމަށް "ވަން" އިން މަސައްކަތްކުރި ނަމަވެސް، ފޯނަށް ޖަވާބު ނުދެއްވާތީ އެ ކޯލިޝަންގެ ރަސްމީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ޕީޕީއެމް-ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ އުސޫލުގައިވާ ގޮތުން ޓިކެޓަށް ޝައުގުވެރިވާ މީހުންގެ ކިބައިގައި ތިން ޝަރުތެއް ހުންނަން ޖެހެއެވެ. އެއީ މިދިޔަ މަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށް ކޯލިޝަންގައި ހިމެނޭ ދެ ޕާޓީން ކުރެ ޕާޓީއެއްގެ ރަޖިސްޓަރީގައި ހިމެނިފައިވުމާއި، ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަ ނުކުރެވޭނެ ގޮތަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ފަރާތަކަށްވުމުގެ އިތުރުން ގާނޫނު އަސާސީންނާއި ގާނޫނުތަކުން އެ އިންތިހާބަކަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަންވާ ޝަރުތުތައް ފުރިހަމަވާ ފަރާތަކަށް ވުމެވެ.

އެ ޝަރުތުތަކުގެ އިތުރުން ޝަރުތު ހަމަކުރުމުގައި ވެސް ކަންކަމަށް ބެލުމަށް އުސޫލުގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަބުރުވެރި ނަޒާހަތްތެރި ފަރާތެއް ކަމުގައިވުމާއި، މަޖިލީހާއި ހާއްސަ މަޖިލީހުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި، ގާނޫނުތަކާއި ގާނޫނުއަސާސީއަށް ފަރިތަ މިންވަރު އަދި ޕާޓީއަށް ހިދުމަތްކޮށްފައިވާ މިންވަރެވެ. އެ ހުރިހާ ކަމަކަށް ބެލުމަށްފަހު، އެ ފަރާތްތަކަށް ޕްރައިމަރީގައި ވާދަކުރުމުގެ ޝަރުތު ފުރިހަމަވާ ކަމަށް ނިންމާނީ ކޯލިޝަންގެ ލީޑާޝިޕުން ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.