ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ހދ. އަތޮޅުގެ އަތޮޅު ބުރުގެ ކުއާޓާ ފައިނަލް ފުރަތަމަ ޖާގަތައް ނައިވާދު އާއި ނޮޅިވަރަންފަރު ހޯދައިފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި މުބާރާތުގެ މެޗުތައް ކުޅެމުން އަންނަ އިރު، ހދ. އަތޮޅުން މިފަހަރު ވަނީ 11 ޓީމަކުން ބައިވެރިވެފައެވެ. އެ އަތޮޅުގެ އަތޮޅު ބުރުގެ މެޗުތައް ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ އިރު، ނޮކްއައުޓަށް ދާނީ ޖުމުލަ އަށް ޓީމެވެ.

ހދ. އަތޮޅު ގްރޫޕް ބީން ކުއާޓާގެ ދެ ޖާގަ ޔަގީންވެފައި ވަނީ ނޮޅިވަރަންފަރާއި އެންމެފަހުގެ ޗެމްޕިއަން ނައިވާދޫން ކުޅުނު ދެ މެޗުންވެސް މޮޅުވުމުންނެވެ. އެ ގްރޫޕްގެ އެއްވަނަ ޔަގީންވާނީ އެ ދެޓީމު ގްރޫޕް ފަހު މެޗުގައި ކުޅޭ މެޗުންނެވެ.

ރޭ ނޮޅިވަރަންފަރާއި ނޭކުރެންދޫ ވާދަކުރި މެޗު، 3-1 އިން ނޮޅިވަރަންފަރު ކާމިޔާބުކުރި އިރު، އެ މެޗުގައި ނޮޅިވަރަންފަރުގެ ގޯލުތައް ޖެހީ އަހުމަދު ސިޒާނާއި އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ. ސިޒާން ވަނީ މެޗުގައި ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.

ނޭކުރެންދޫން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ މުހައްމަދު ފަރްހާނެވެ.

އެ ގްރޫޕްގައި ނައިވާދޫން ރޭ ކުޅުދުއްފުށި ބަލިކުރީ 5-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ނައިވާދޫގެ ތަރި އަބްދުﷲ ޝާފިއު (ޝާއްޕެ) ދެ ގޯލު ޖެހި އިރު، ދެން އެޓީމުގެ ގޯލުތައް ޖެހީ ޔާމީން މުހައްމަދާއި އަހުމަދު ހަމީދު އަދި އަބްދުﷲ ވިސާމެވެ.

ހދ. އަތޮޅު ގްރޫޕް އެކެއްގައި ރޭ ވައިކަރަދޫން ފުރަތަމަ މޮޅު ހޯދައި އުންމީދު އާކުރި އިރު، އެ ޓީމުން ހަނިމާދޫ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ވައިކަރަދޫގެ ހަމައެކަނި ގޯލު ޖެހީ އަލީ އަރީހެވެ. އެ ގްރޫޕްގައި ރޭ މަކުނުދޫ އާއި ފިނޭ ވާދަކުރި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.

ހދ. އަތޮޅުގެ ގްރޫޕް ތިނެއްގައި ތިން ޓީމު ހިމެނޭ އިރު، ރޭ ނޮޅިވަރަމުން ކުމުންދޫ ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ. ނޮޅިވަރަމުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ އެޓީމުގެ ގޯލުތައް ޖެހީ މުހައްމަދު އިބްރާހީމާއި މުހައްމަދު ޝައިމް އިބްރާހީމް ރަޝީދު، ސާލިމް މުހައްމަދު އަދި ޔަމީން މުހައްމަދެވެ.

ކުމުންދޫގެ ގޯލުތައް ޖެހީ ފުރުގާން އަބްދުލް ހަމީދާއި އަލީ ހަސަނެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.