ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ތ. އަތޮޅު، އަތޮޅު ބުރުގެ މެޗުތައް ރޭ ފަށާފައިވާ އިރު، ފުރަތަމަ މެޗުތަކުން ތިމަރަފުއްޓާއި ބުރުނި، މަޑިފުށި އަދި އޮމަދޫ މޮޅުވެއްޖެއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް ފޯރިއާއެކު ކުރިއަށްދާ އިރު، ތ. އަތޮޅުން މިފަހަރު ވަނީ 10 ޓީމު ބައިވެރިވެފައެވެ. އެ އަތޮޅުގެ އަތޮޅު ބުރު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ އިރު، ގްރޫޕެއްގައި ފަސް ޓީމު ހިމެނެއެވެ. ސެމީ ފައިނަލަށް ކޮންމެ ގްރޫޕަކުން ދެޓީމު ދާ އިރު، ލީގު ބުރު ފޯރިގަދަވާނެ ކަމަށް ވަނީ ބެލެވިފައެވެ.

މިހާތަނަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ކާމިޔާބު ޓީމު، ތިމަރަފުށިން މިއަހަރުގެ މުބާރާތުގެ ޝީލްޑް މެޗުގައި ލ. ގަން ކައިރިން ބަލިވެފައިވީ ނަމަވެސް، ރޭ ވަނީ ގްރޫޕް ދޭއްގައި 6-1 އިން ހިރިލަންދޫ ބަލިކޮށްފައެވެ. މެޗުގައި އިބްރާހީމް ހަމްދާން (ހަމްދެ) ހެޓްރިކް ފުރިހަމަކުރި އިރު، ތިމަރަފުށީގެ އަނެއް ގޯލުތައް ޖަހައިދިނީ ހުސައިން އަލީ އާއި މުހައްމަދު ތޯހިރު އަދި އިބްރާހީމް ސިނާހު (ސިނާ) އެވެ.

ހިރިލަންދޫގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ޖެހީ އަހުމަދު މުފީދެވެ.

އެ ގްރޫޕްގައި ދެން ރޭ ކުޅުނީ ގުރައިދު އާއި މަޑިފުށި ވާދަކުރި މެޗެވެ. އެމެޗުގައި ގިނަ ގޯލުތަކެއް ފެނިގެން ގޮސްފައިވާ އިރު، މަޑިފުށިން ގުރައިދޫ ބަލިކުރީ 4-3 ގެ ނަތީޖާއަކުންނެވެ. މަޑިފުށީގެ އާދަމް އަފީފާއި އަފްޒަލް މުހައްމަދު އަދި ހަސަން މުނާޒްވެސް މެޗުގައި ގޯލު ޖަހާފައިވާ އިރު، އެޓީމުގެ އަނެއް ގޯލަކީ މުހައްމަދު އައްޒާމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މެޗުގައި ގުރައިދޫގެ ގޯލުތައް ޖެހީ ހައްމާދު ނަސީމާއި މުހައްމަދު ނިސާހް އަހުމަދު ނާސިހު އަދި މުހައްމަދު އައްޒާމެވެ.

ތ. އަތޮޅު ގްރޫޕް އެކެއްގައި ރޭ ބުރުނިން ވަނީ 7-4 އިން ވިލުފުށި ބަލިކޮށްފައެވެ. ގޯލްޑަންގައި އަލަށް ވާދަކުރަމުން އަންނަ ވިލުފުށި ކައިރިން ބުރުނީގެ ގޯލުތައް ޖެހީ މުހައްމަދު ނާހިލް ނަސޫހާއި މުހައްމަދު ޝާމް، މަހުމޫދު ސަލީމް އަދި މަސްއޫދު ސަލީމެވެ. ނާހިލް ނަސޫހު ވަނީ މެޗުގައި ހެޓްރިކް ހަދާފައެވެ.

ވިލުފުށީގެ ދެ ގޯލު ހުސައިން ރިފާއު ޖެހި އިރު، އަނެއް ގޯލުތައް ޖެހީ ޒަކަރިއްޔާ ޒަހޫރު އިސްމާއީލާއި އިބްރާހީމް އަލްހާމެވެ.

އެ ގްރޫޕުގައި ރޭ އޮމަދޫން މޮޅުވީ ގާދިއްފުށި ކައިރިންނެވެ. އެ މެޗު އޮމަދޫން 4-2 އިން ކާމިޔާބުކުރި އިރު، އޮމަދޫގެ ގޯލުތައް ޖެހީ މުހައްމަދު އަލާއު، ހަސަން ކިޔާން ސިނާން، އިސްމާއީލް މިމްރާހު މުއީން އަދި އަހުމަދު ނިޝާހު އެވެ. ގާދިއްފުށީގެ ގޯލުތައް ޖެހީ ހަސަން ރަޝީދާއި އިބްރާހީމް ސިރާހް އަބްދުއް ސައްތާރެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ އަތޮޅު ބުރުގެ މެޗުތައް މިރޭވެސް ކުރިއަށް ދާނެއެވެ.