ހަވާލުވާނެ މީހަކު ނެތިގެން ދެ މަސްވަންދެން މޯޗަރީގައި އޮތް ބަންގުލަދޭޝް ދެ މީހުންގެ ހަށިގަނޑު ނެރެން ދައްކަންޖެހޭ ފައިސާ މާލޭސިޓީ ކައުންސިލުން މާފުކޮށްދީފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމަށް އެ މައްސަލަ ހުށަހަޅުއްވަމުން މާލޭ ސިޓީގެ އެކްޓިން މޭޔަރުގެ މަގާމުގައި ހުންނެވި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ، މޯޗަރީގައި އޮތް ދެ ހަށިގަނޑަކީ ޒުހުރުލް އިސްލާމު ކިޔާ މީހަކާއި މަލަކު އަލީ ކިޔާ ބަންގްލާޑޭޝް ދެ މީހުންގެ ހަށިގަނޑު ކަމަށެވެ. އެ ދެމީހުންނަކީ އެއްވެސް ލިޔެކިއުމެއް، ސްޕޮންސާއެއް ނެތި ރާއްޖޭގައި އުޅެމުންދިޔަ ދެ މީހުން ކަމަށާއި އެހެންކަމުން އެ ދެ މީހުންގެ ޒިންމާ ނަގާނެ ފަރާތެއް ރާއްޖޭގައި ނެތް ކަމަށް ބަންގުލަދޭޝްގެ ހައިކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

ނަރީޝްގެ އެ ހުށަހެޅުމަކީ ރާއްޖޭގައި ހުންނަ ބަންގުލަދޭޝް އެމްބަސީން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހުށަހެޅުމުން ފޮރިން މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުމާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.

ނަރީޝް ވިދާޅުވީ، އެ ދެ ހަށިގަނޑު މޯޗަރީގައި އޮންނަތާ ދެ މަސް ދުވަސް ވެފައިވާ ކަމަށެވެ. ނަމަވެސް ޒިންމާ ނަގާނެ ފަރާތެއް ނެތިގެން މޯޗަރީއަށް ދައްކަންޖެހޭ ފައިސާ ނުދެއްކި، އެ ދެ ހަށިގަނޑު އެމީހުންގެ ގައުމަށް ފޮނުވުމަށް ދެ ހަށިގަނޑު ނުނެރެވި އޮތީ ކަމަށް ބަންގުލަދޭޝް އެމްބަސީން މުއުލޫމާތު ދީފައިވާ ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.

ނަމަވެސް އެ ދެ ހަށިގަނޑު އެމީހުންގެ ގައުމަށް ގެންދިއުމުގެ ހަރަދު ބަންލަދޭޝް އެމްބަސީންނާއި އެމީހުންގެ އާއިލާތަކުން ހަމަޖައްސާފައިވާތީ، އެ ދެ ހަށިގަނޑު މޯޗަރީން ނެރެވޭނެ ގޮތެއް ހަދައި ދިނުމަށް އެ ފަރާތުން އެދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފޮރިން މިނިސްޓްރީން އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށްވެސް ހުށަހެޅި ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އެލްޖީއޭއިން ލަފާ ދިނުމަށްފަހު އެމައްސަލައިގައި ގޮތެއް ކަނޑައެޅޭނީ މާލޭސިޓީ ކައުންސިލަށް ކަމަށް ރައީސް އޮފީހުން ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ މޯޗަރީއަށް ފައިސާ ދެއްކޭނެ ގޮތެއް ނެތްނަމަ، މާލޭ ސީޓި ކައުންސިލަށް ކޮށް ދެވޭނެ ކަމަކީ އެ ފައިސާ މާފު ކޮށްދިނުން ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ ކައުންސިލުން ފާސްކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލަ މިއަދުގެ ބައްދަލުވުމަށް ހުށަހެޅުމުން، ކައުންސިލަރު އަހުމަދު އައިފާން ވިދާޅުވީ، އެކަމުގައި އިންސާނިއްޔަތަށްޓަކައި ކޮށްދެވޭނެ ކަމަކަށް އޮންނާނީ އެ ފައިސާ މާފުކޮށްދިނުން ކަމަށެވެ. އަދި ހަވާލުވާނެ ފަރާތެއްނެތި މައްޔިތަކު ވަޅުނުލައި ދިގު ދަންމަން ބޭއްވުމަކީ ރަނގަޅު ގޮތް ނޫން ކަމަށާއި ދީނީ ގޮތުންވެސް އެކަމަކީ ރަނގަޅު ކަމެއް ނޫންކަން ފާހަގަ ކުރައްވައި، މޯޗަރީއަށް ދައްކަން ޖެހޭ 20،000 ރުފިޔާ މާފުކޮށްދިނުމަށް އޭނާ ހުށަހެޅުއްވިއެވެ.

ކައުންސިލަރު އައިފާން ހުށަހެޅުއްވި ގޮތަށް އެ ފައިސާ މާފު ކޮށްދިނުމަށް ކައުންސިލްގެ މިއަދުގެ ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ.