އެފްއޭއެމް އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަށް ކްލަބް ވެލެންސިއާ އިން ދީފައިވާ ތާއީދު ސިޓީ ބަލައިނުގަންނަން އެފްއޭއެމް އިލެކްޓޯރިއަލް ކޮމިޓީން ނިންމުމާއެކު އިންތިހާބުގައި ވާދަކުރާ އެއް ކެންޑިޑޭޓް ކަމަށްވާ، އަހުމަދު ތޯރިގު (ޓޮމް)ގެ ކެންޑިޑެސީ ސައްހަ ނޫން ކަމަށް ނިންމުން ނިންމުމާއެކު އޭނާ ކުރި އިސްތިއުނާފަށް ޖަވާބު ނުދެވި، އެކަމުގެ ހައްލު ހޯދަން އެފްއޭއެމުން ފީފާއާއި އޭއެފްސީއަށް އެދިއްޖެއެވެ.

ތޯރިގު، މިދިޔަ ހުކުރު ދުވަހު މައްސަލަ އިސްތިއުނާފު ކުރައްވައިފައިވާ އިރު، އިސްތިއުނާފާ މެދު ގޮތެއް ނިންމުމުގެ މުހުލަތު، ހަމަވާން އޮތީ މިއަދުގެ ހަވީރު ހަތަރެއް ޖެހިއިރަށެވެ. އެ ވަގުތަށް އެފްއޭއެމުން ތޯރިގަށް ޖަވާބުދާރީވެފައި ނުވާ އިރު، އެފްއޭއެމުން ދާދި ދެންމެއަކު ނެރުނު ބަޔާނެއްގައި ބުނީ އެޕީލް ކޮމިޓީ އޮންނަން ޖެހޭ އުސޫލުން އެކުލަވާލެވިފައި ނެތުމުން، އެ މައްސަލައިގައި ހައްލެއް ހޯދަން ފީފާއާއި އޭއެފްސީއަށް އެދިފައިވާ ކަމަށެވެ.

އެފްއޭއެމުން ބުނީ ފީފާއާއި އޭއެފްސީން އަންގާފައިވަނީ އިންތިހާބާ ގުޅޭގޮތުން ނިންމަން ޖެހޭ ނިންމުން ނިންމަން އަދި ވަގުތު ބޭނުންވާ ކަމަށާއި، އެކަމުގައި ފީފާއިން ގޮތެއް ނިންމަންދެން އެޕީލަށް ޖަވާބެއް ނުދީ މަޑުކުރާނެ ކަމަށެވެ.

އެފްއޭއެމްގެ އިދާރީ ހިންގުން ބޮއްސުންލައިގެން ގޮސް، އެ އިދާރާ ދަރަނިވެރިވެ، މަނީ ލޯންޑަރިންނާއި ކޮރަޕްޝަންގެ ތަހުގީގެއް އިދާރާގެ ވެރިންގެ މައްޗަށް ކުރަމުންދާ އިރު، އިންތިހާބު ތާވަލުކޮށްފައި އޮތީ މިމަހުގެ 31 އަށެވެ. އިންތިހާބުގައި ވާދަކުރަން ނިންމީ ކުރީގެ ރައީސް، މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު ޓޮމް އާއި އެފްއޭއެމްގެ ރައީސްކަމުން ދާދިފަހުން ވަކިވި ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯގައި ހިމެނުނު މުފާވިޒު ހާޝިމްއެވެ.

އެ ދެ ކެނޑިޑޭޓުންނަށްވެސް ވެލެންސިއާ އިން ތާއީދު ސިޓީ ދިން އިރު، ވެލެންސިއާއިން ޓޮމްއަށް ތާއީދު ސިޓީ ދިނީ، އެ ކްލަބުގެ ޗެއާމަން އަބްދުﷲ އަޒްމީން ސޮއިކޮށް، ބޯޑު މެމްބަރުންގެ ރިޒޮލިއުޝަން އަކާއެކުއެވެ. މުފާ އަތުގައި އޮތް ސިޓީއަކީ ވެލެންސިއާގެ ވައިސް ޗެއާމަން، އިލްމާއު ހުސެއިން (މައު) ސޮއިކޮށްފައިވާ ބޯޑު މެމްބަރުންގެ ތާއީދު ހިމެނޭ ސިޓީއެކެވެ.

ވެލެންސިއާގެ މި ދެ ތާއީދު ސިޓީގެ މައްސަލައިގައި އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީން ވަނީ މިކަމުގައި އަމަލުކުރާނެ ގޮތެއް އޮޅުންފިލުވަން ގާނޫނީ ލަފަޔަކަށް އޭއެފްސީ ކިބައިން އެދިފައެވެ. "ވަން ސްޕޯޓްސް" އަށް އެނގިފައިވާ ގޮތުގައި އޭއެފްސީން ލަފާ ދިނީ ސްޕޯޓްސް ކޮމިޝަނަރުގެ ނިންމުމަކަށް ބަރޯސާވުމަށެވެ. އެހެން ބުނެފައި ވަނިކޮށް، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީގައި ނިންމާފައިވަނީ، ވެލެންސިއާ އިން ދިން ދެ ސިޓީ ވެސް ކެންސަލް ކުރުމަށެވެ.

އެ ނިންމުމާއެކު، ތޯރިގު އަތުގައި އޮތީ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބުގެ ތާއީދެވެ. މުފާ އަތުގައި، ފަސް ކްލަބުގެ ތާއީދު އެބައޮތެވެ. ކޮންމެ ކެންޑިޑޭޓަކު އަތުގައިވެސް މަދުވެގެން ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބުގެ ތާއީދު އޮންނަން ގަވާއިދު ލާޒިމު ކުރާ އިރު، ތޯރިގު އަތުގައި އެ އަދަދަށް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ތާއީދު ނެތުމުން، އޭނާގެ ކެންޑިޑެސީ ވަނީ ސައްހަ ނޫން ކަމަށް އިލެކްޓޯރަލް ކޮމިޓީން ނިންމައިފައެވެ.

ޓޮމްގެ ފަރާތުން އިސް އޮފިޝަލަކު "ވަން ސްޕޯޓްސް" އަށް ވިދާޅުވީ ޓޮމް ރަސްމީކޮށް އެޕީލް ކޮށްފި ކަމަށާއި މައްސަލައަކީ 2023 ވަނަ އަހަރު ބޭއްވި އާންމު ޖަލްސާގައި އެޕީލް ކޮމިޓީއެއް ނަގާފައި ނެތުން ކަމަށެވެ.

އެފްއޭއެމްގެ އިންތިހާބާ ގުޅޭ އެތައް މައްސަލައެއް ފެންމަތިވެފައިވާ އިރު، އެކަންކަން ހައްލު ކުރުމަށް ސްޕޯޓްސް ކޮމިޝަނުން ވަނީ އިންތިހާބު ހުއްޓާލަން އަންގައިފައެވެ. އެހެން ނަމަވެސް އެކަމަށް އެފްއޭއެމުން އިޖާބަ ދީފައެއް ނުވެއެވެ. މިރޭ "ވަން ސްޕޯޓްސް"އަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ އިންތިހާބު ފަސްކުރަން އަދި ނުވިސްނާ ކަމަށާއި، އިންތިހާބު 31 ޖެނުއަރީގައި ބާއްވަން ގަސްދުކޮށްފައިވާ ކަމަށެވެ.