ލ. އަތޮޅުގެ އެންމެ ހިންގުންތެރި އެއް ޖަމިއްޔާ ކަމަށްވާ ލާމު ޔޫތު ޑިވެލޮޕްމަންޓު (ލީޑް)ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ ފޮނަދޫ ކައުންސިލް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2024ގެ ޗެމްޕިއަންކަން "އަފޭން" ހޯދައިފިއެވެ.

ފޮނަދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗުގައި އަފޭން ޓީމުން ކަންމަތީ ސްޕޯޓްސް ކްލަބު ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި އަފޭން ޓީމުގެ މުހައްމަދު ލިޔާހު ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް އޭނާއެވެ.

ނެށުމުގެ ހަރަކާތްތަކާއެކު ކުލަގަދަކޮށް ފެށި ފައިނަލް މެޗު އެއްކޮށް ކަހަލަ ގޮތަކަށް ދެ ޓީމުގެ ސަޕޯޓަރުންވެސް ދިޔައީ އަޑު ގުގުމަމުންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ކުޅުނު މެޗުގެ ފުރަތަމަ ކޮޅުގައި އަފޭން ވަނީ ފުލުފުލުގައި ގޯލުތައް ޖަހައި ފެށުން ރަނގަޅުކޮށްފައެވެ. އަފޭންގެ ފުރަތަމަ ތިން ގޯލު ޖެހީ ލިޔާހާއި އާދަމް ލަރީފް (ރޮނާ)އެވެ. ލިޔާހް ވަނީ ފުރަތަމަ ކޮޅުގައި ދެ ގޯލު ޖަހައިފައެވެ.

އޭގެފަހުން ކަންމަތިން ކުޅުން ރަނގަޅުކޮށް، އަލީ އިފާޒްގެ ގޯލުން ހިތްވަރު އާކުރިއެވެ. އަދި މުހައްމަދު ޝަފްރާޒް (ޝަފްލޭ) ޖެހި ގޯލުން ނަތީޖާގެ ފަރަގު އެއް ގޯލަށް ކުޑަކުރިއެވެ.

ދެވަނަ ހާފަށް ނުކުމެ ކަންމަތިން ނަތީޖާ ހަމަހަމަކުރުމާ ގާތަށް ޖެހިލި ނަމަވެސް، ފަހުކޮޅުގައި އަފޭން ކުޅުން ރަނގަޅުކޮށް، ނަތީޖާގެ ފަރަގު އިތުރަށް ބޮޑުކުރިއެވެ. ލިޔާހްގެ އިތުރުން އަފޭންނަށް ދެން ގޯލު ޖަހައިދިނީ އީސާ އަލީމެވެ.

ރޭގެ ފައިނަލް މެޗަށްފަހު މުބާރާތުގެ އެކިއެކި މަގާމުތަކަށް ޓްރޮފީ ދީފައިވާ އިރު، ތައްޓާއި ފައިސާގެ އިނާމުވެސް ޗެމްޕިއަން ޓީމަށް ވަނީ ދީފައެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ރިސްޓްރޭޓޯ ހޮވުނު އިރު، އެންމެ މޮޅު ކުޅުންތެރިޔަކީ ލިޔާހެވެ.

  • މުހައްމަދު ލިޔާހް / އަފޭން
  • ހަސަން އިބްރާހީމް / އަފޭން
  • އިސްމާއީލް ފާތިހު (ތާޑޭ) / އަފޭން
  • އިސްމާއީލް އީސަ (މެސީ) / ކަންމަތި
  • އިބްރާހީމް ޝަފްރާޒް (ޝަފްލޭ)/ ކަންމަތި

މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީވެސް ލިޔާހެވެ. އޭނާ ވަނީ ޖުމުލަ 15 ގޯލު މުބާރަތުގައި ޖަހައިފައެވެ.

މިއީ ލީޑް ވެޓެރަންސް ފުޓްސަލް ކަޕްގެ ދެވަނަ މުބާރާތެވެ. މީގެ ކުރިން 2022 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަން ޓީމަކީ މާވަށެވެ.

ޖުމުލަ 12 ޓީމާއެކު ކުރިއަށްދިޔަ ލީޑް ވެޓެރަންސް ކަޕް 2024ގެ ޓައިޓަލް ސްޕޮންސަރަކީ ފޮނަދޫ ކައުންސިލެވެ. ޕްލެޓިނަމް ޕާޓްނަރަކީ މަޒީ ކެމިސްޓެވެ. ގޯލްޑް ޕާޓްނަރަކީ ލިޓަސްއެވެ. ސިލްވާ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަރަކާތްތެރިވެފައިވާ އިރު، ކިޓް ޕާޓްނަރަކީ ޖާޒިއާއެވެ. ބެވަރޭޖް ޕާޓްނަރަކަށް ޖޭމް ކިޗަން ހަމަޖައްސާފައިވާ އިރު، ކޮފީ ޕާޓްނަރަކީ ޕިޒްކާއެވެ. އޭގެ އިތުރުން މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫއެވެ. ސަޕޯޓިން ޕާޓްނަރުންނަކީ ލާމު ޕޮލިހާއި ބިގް ޝޮޓްސްއެވެ.

މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.