ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައިވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދު ދޭނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދީ، ސަރަހައްދީ ފުޓްސަލް ޗެމްޕިއަންކަން ހޯދައިދިން ކޯޗު ފާރޫކް ޒަކީރޯވް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
"ވަން ސްޕޯޓްސް"އަށް އެނގިފައިވާ ގޮތުގައި އަނެއްކާވެސް ރާއްޖޭގެ ފުޓްސަލް ޓީމަށް ކޯޗުކަން ކޮށްދޭން އައުމަށް ޒަކީރޯވް ވަނީ މިހާރު އެއްބަސްވުމަކަށް އައިސްފައެވެ. އަދި ކޯޗު ޓީމާ ގުޅޭނީ މުބާރާތަށް ދާއިރު ޗައިނާއިންނެވެ. އެއީ މިވަގުތު އެހެން މަސައްކަތެއްވެސް ކުރަމުންދާތީއެވެ. އެހެން ނަމަވެސް ގައުމީ ޓީމުން މިހާރު ޕްރެކްޓިސް ކުރަމުންދަނީ ކޯޗުގެ އިރުޝާދާ އެއްގޮތަށެވެ.
ގައުމީ ފުޓްސަލް ޓީމުން ޗައިނާ މުބާރާތަށް މިހާރު ފަރިތަކުރުންތައް ފަށާފައިވާ އިރު، އެފްއޭއެމްއިން ބުނެފައި ވަނީ ރާއްޖޭގެ އިތުރުން ޗައިނާގެ މުބާރާތުގައި ވާދަކުރާނީ އެގައުމާއި ދެކުނު ކޮރެއާ އަދި ހޮން ކޮންގް ކަމަށެވެ. އެ މުބާރާތް ޗައިނާގެ ޔިންޗުއާންގައި އޮންނާނީ ލިންގްވޫ ސްޕޯޓްސް ސެންޓަރުގައެވެ. މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗު އަންނަ މަހު ފަސްވަނަ ދުވަހު ދެކުނު ކޮރެއާއާ ދެކޮޅަށް އޮންނަ އިރު، ދެން ކުޅޭ މެޗުގައި ހޮން ކޮންގާ ދެކޮޅަށް ނުކުންނާނީ އެމަހު ހަތްވަނަ ދުވަހުއެވެ. އަދި ޗައިނާއާ ދެކޮޅަށް ރާއްޖޭން ނުކުންނާނީ އަންނަ މަހު ނުވަ ވަނަ ދުވަހުއެވެ.
ޒަކީރޯވްއަކީ ކުރިން އުޒްބެކިސްތާނުގެ ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗުކަމުގައިވެސް ހުރި ކޯޗެކެވެ. އޭގެ ކުރިން ޒަކީރޯވް ވަނީ އުޒްބެކިސްތާނުގެ ނެފްޗީ ފުޓްސަލް ކްލަބުގެވެސް ކޯޗަކަމުގައި މަސައްކަތް ކޮށްފައެވެ.
މިދިޔަ އަހަރަކީ ރާއްޖޭގެ ފުޓްސަލް ތާރީހުގައިވެސް އެންމެ ކާމިޔާބު އަހަރެވެ. ސާފްއިން ބޭއްވި ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖޭން ނެގީ ސަރަހައްދީ ހުރިހާ ގައުމެއްވެސް ބަލިކޮށްގެންނެވެ. އެގޮތުން އިންޑިއާއާއި، ޕާކިސްތާނުގެ އިތުރުން ބޫޓާނާއި ނޭޕާލް އަދި ބަންގަލަދޭޝްވެސް ރާއްޖޭން އެ މުބާރާތުގައި ބަލިކުރިއެވެ.
ގައުމީ ފުޓްސަލް ޓީމް
ގައުމީ ފުޓްސަލް ޓީމް
ގައުމީ ފުޓްސަލް ޓީމް
ގައުމީ ފުޓްސަލް ޓީމް
ކޮމެންޓް