އަންނަ މަހު ޗައިނާގައި އޮންނަ އިންޓަނޭޝަނަލް މުބާރާތެއްގައި ރާއްޖޭގެ ފުޓްސަލް ޓީމުން ވާދަކުރަން ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

އެފްއޭއެމްއިން ބުނެފައި ވަނީ ރާއްޖޭގެ އިތުރުން ޗައިނާގެ މުބާރާތުގައި ވާދަކުރާނީ އެގައުމާއި ދެކުނު ކޮރެއާ އަދި ހޮން ކޮންގް ކަމަށެވެ. އެ މުބާރާތް ޗައިނާގެ ޔިންޗުއާންގައި އޮންނާނީ ލިންގްވޫ ސްޕޯޓްސް ސެންޓަރުގައެވެ. މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗު އަންނަ މަހު ފަސްވަނަ ދުވަހު ދެކުނު ކޮރެއާއާ ދެކޮޅަށް އޮންނަ އިރު، ދެން ކުޅޭ މެޗުގައި ހޮން ކޮންގާ ދެކޮޅަށް ނުކުންނާނީ އެމަހު ހަތްވަނަ ދުވަހުއެވެ. އަދި ޗައިނާއާ ދެކޮޅަށް ރާއްޖޭން ނުކުންނާނީ އަންނަ މަހު ނުވަ ވަނަ ދުވަހުއެވެ.

މީގެ ކުރިން ރާއްޖޭން 2017 ވަނަ އަހަރު އޭއެފްސީ ފުޓްސަލް މުބާރާތުގެ ކޮލިފިކޭޝަންގައި ޗައިނާ ދެކޮޅަށް ވާދަކުރިއެވެ. އެފަހަރު ރާއްޖޭން ޗައިނާ ކައިރިން ބަލިވީ 9-3 ގެ ނަތީޖާއަކުންނެވެ. އޭގެ ކުރިން 2005 ވަނަ އަހަރު ޗައިނާއާ ހޮން ކޮންގާވެސް ރާއްޖެ ވާދަކުރި އިރު، އެފަހަރު ތަފާތު ބޮޑުކޮށް ބަލިވިއެވެ. ކުރިން ދެކުނު ކޮރެއާއާ ދެކޮޅަށްވެސް ރާއްޖޭން އެފަހަރު ކުޅުނު މެޗުގައި ވީ ބައްޔެވެ.

އޭގެފަހުން ރާއްޖޭގެ ފުޓްސަލްއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ އިރު، މިދިޔަ އަހަރަކީ ރާއްޖޭގެ ފުޓްސަލް ތާރީހުގައިވެސް އެންމެ ކާމިޔާބު އަހަރެވެ. ސާފްއިން ބޭއްވި ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖޭން ނެގީ ސަރަހައްދީ ހުރިހާ ގައުމެއްވެސް ބަލިކޮށްގެންނެވެ. އެގޮތުން އިންޑިއާއާއި، ޕާކިސްތާނުގެ އިތުރުން ބޫޓާނާއި ނޭޕާލް އަދި ބަންގަލަދޭޝްވެސް ރާއްޖޭން އެ މުބާރާތުގައި ބަލިކުރިއެވެ.