އެފްއޭއެމް އެވޯޑްސް 2026 ގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔަކަށް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ހޮވިއްޖެއެވެ.

މީގެ ކުރިން އެފްއޭއެމްއިން ފުޓުބޯޅައަށް ހާއްސަކޮށް އެންމެފަހުން އެވޯޑު ދީފައި ވަނީ 2018 ވަނަ އަހަރުއެވެ. އޭރު އެވޯޑު ދެމުންދިޔައީ މޯލްޑިވްސް ފުޓްބޯލްއާ ގުޅިގެންނެވެ. އެހެންކަމުން މިއީ އަށް އަހަރު ފަހުން އެފްއޭއެމްއިން ބޭއްވި ފުރަތަމަ އެވޯޑު ހަފުލާއެވެ. މިހާރު ކުރިއަށްދާ އެފްއޭއެމް އެވޯޑު ހަފުލާގައި ފުޓްސަލް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޮވާފައިވާ އިރު، މިއީ ރާއްޖޭގައި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާއަށް އެވޯޑު ދިން ފުރަތަމަ ފަހަރެވެ.

ރާއްޖެއަށް މިދިޔަ އަހަރަކީ ފުޓްސަލްގައި ފުރަތަމަ ބައިނަލްއަގުވާމީ ކާމިޔާބު ލިބިގެން ދިޔަ އަހަރެވެ. އެގޮތުން ގައުމީ ފުޓްސަލް ޓީމުން ވަނީ ސާފް ސަރަހައްދަށް ބޭއްވި ފުރަތަމް ފުޓްސަލް މުބާރާތް ކާމިޔާބު ކޮށްފައެވެ. ސަރަހައްދީ ހުރިހާ ގައުމެއް ބަލިކޮށް، ރާއްޖޭން ސާފްގެ ޗެމްޕިއަންކަން ހޯދި އިރު، އެފަހަރު މުބާރާތުގައި ރާއްޖެއަށް އެންމެ ތަފާތު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔަކީ އިންމިއެވެ.

އިންމި، ސާފްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އިރު، އޭނާ ވަނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައިވެސް ގއ. ދެއްވަދުއާއެކު ކުޅެފައެވެ.