ވެސްޓްރޭޑް ބޮޑުބެ ޗެލެންޖް 2026 ގެ ފައިނަލުގައ އައްޔަނި އެސްސީ ބަލިކޮށް، ހޯދަޑު ސްޕޯޓްސް ކްލަބުން ތަށި އުފުލާލައިފިއެވެ.

ފުވައްމުލަކު ސިޓީގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ ދެވަނަ އެޑިޝަނުގެ ފައިނަލް މެޗު ރޭ މާދަޑު ކުޅިވަރު ދަނޑުގައި ކުޅުނު މެޗު ޕެނަލްޓީއަށް ގޮސްފައިވާ އިރު، އެމެޗުގެ ފުރިހަމަ ވަގުތު އެއްވަރުވީ 2-2 ގެ ނަތީއަކުންނެވެ. ހޯދަޑުން ޕެނަލްޓީގައި ކުރިހޯދީ 6-4 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް އައްޔަނި އެސްސީން ގޯލް ޖެހީ އަޒްޔާން އިބްރާހީމެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅުގައި މުހައްމަދު އިމްރާން (އިންމި) ޖެހި ގޯލުން އެޓީމު ލީޑު ފުޅާކުރި އިރު، އޭގެ ދެމިނެޓް ފަހުން ހޯދަޑުން ވަނީ ގޯލް ޖަހައި ފަރަގު ކުޑަކޮށްފައެވެ.

ހޯދަޑުގެ ފުރަތަމަ ގޯލް ޖަހައިދިނީ އަހުމަދު ހަމީދު (އަންމަޑޭ) އެވެ. މެޗު ނިމެން ދަނިކޮށް މުހައްމަދު އިސާމް (ޝަންޓޭ) ޖެހި ގޯލުން މެޗު އެއްވަރުކުރި އިރު، ހޯދަޑުގެ އާރިފް އަހުމަދާއި އަހުމަދު އަފްލާޒްގެ އިތުރުން އަލީ ޝިޔާހް (ޝިޔާ) އަދި ޝަންޓޭވެސް ޕެނަލްޓީ ކާމިޔާބުކުރިއެވެ. އަދި އައްޔަނި އެސްސީއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޝަނާން ރަޝާދާއި އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެކަންޏެވެ.

ރޭގެ މެޗަށްފަހު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވާ އިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ހޯދަޑުގެ ކީޕަރު އަޝްރަފް އަބްދުﷲ އެވެ.

މެޗަށްފަހު ހޯދަޑުން އުފާފާޅުކުރަނީ --- ފޮޓޯ/ ބޮޑުބެ ޗެލެންޖް

އެންމެ ވަރުގަދަ ސަޕޯޓަރުންގެ އެވޯޑު، ފީރޯޒުގޭ ހަދީޖާ ސަމާއާއި ގަލްގޭ މަރިޔެމް ދިޔާނާއަށް ލިބުނު އިރު، އެންމެ ވަރުގަދަ ސަޕޯޓަރުންނަށް ހޮވުނީ ހޯދަޑު ސަޕޯޓަރުންނެވެ. އެންމެ މޮޅު ކޯޗަކަށް ހޯދަޑުގެ އަލީ އަންޝަދު ހޮވުނު އިރު، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންނަކީ ޔުނައިޓެޑް ދިގުވާންޑުގެ އަހުމަދު ބައްސާމް މުހައްމަދު ނައީމާއި ހޯދަޑުގެ އަފްލާޒެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ ހޯދަޑު އެކަޑެމީގެ ޔޫނުސް އަބްދުﷲ މުފީދެވެ.

ފެއާ ޕްލޭ ޓީމަކަށް ގަލޯނާ ސްޕޯޓްސް ކްލަބު ހޮވުނު އިރު، މުބާރާތުގެ ކިންގަކީ އަފްލާޒެވެ.

މުބާރާތުގެ ކިންގް އަފްލާޒް --- ފޮޓޯ/ ބޮޑުބެ ޗެލެންޖް

މުބާރާތުގެ މޮޅު ފަސް ކުޅުންތެރިން

  • އަލީ ޝަމާލް އަބްދުﷲ (ޝަންމު) / އައްޔަނި އެސްސީ
  • އަހުމަދު އަފްލާޒް / ހޯދަޑު ސްޕޯޓްސް ކްލަބު
  • ހުސައިން ޝަރީފް (އޮންލީ) / އައްޔަނި އެސްސީ
  • ޝަނާން ރަޝާދު / އައްޔަނި އެސްސީ
  • އަޝްރަފް އަބްދުﷲ / ހޯދަޑު ސްޕޯޓްސް ކްލަބު

މިދިޔަ އަހަރު ބޮޑުބެ ޗެލެންޖް، ހަމައެކަނި ފުވައްމުލަކުގެ ޓީމުތަކަށް ފުރުސަތު ހުޅުވާލި ނަމަވެސް މިފަހަރު މުޅި ރާއްޖެއަށް އެ ފުރުސަތު ހުޅުވާލީ ގަވާއިދަށްވެސް ބަދަލަކާއެކުގައެވެ. ބޮޑުބެ ޗެލެންޖުގެ ޗެމްޕިއަން ޓީމަށް ބައި ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވެއެވެ.