އޭޝިއާ ރީޖަންގެ ގައުމުތަކުން ވާދަކުރާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، އޭޝިއަން ކަޕް 2024 ގެ ގްރޫޕް ސްޓޭޖުގައި ސާފް ސަރަހައްދުގެ އިންޑިއާއިން ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ ކައިރިން ބަލިވެއްޖެއެވެ.

މިއަހަރުގެ އޭޝިއަން ކަޕް ގަތަރުގައި ކުރިއަށްދާ އިރު، އިންޑިއާ ހިމެނެނީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި އިންޑިއާއާއި އޮސްޓްރޭލިއާގެ އިތުރުން ދެން ހިމެނެނީ ސީރިއާއާއި އުޒްބެކިސްތާނެވެ. ރޭ ގްރޫޕް ބީގައި ސީރިއާއާއި އުޒްބެކިސްތާން ކުޅުނު މެޗު ވީ 0-0 އިން އެއްވަރެވެ.

އިންޑިއާއާއި އޮސްޓްރޭލިއާއިން ގަތަރުގެ އަހުމަދު ބިން އަލް އަލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު، އޮސްޓްރޭލިއާއިން 2-0 އިން ކާމިޔާބުކުރި އިރު، އެ މެޗުގައި އޮސްޓްރޭލިއާއިން ޖެހި ދެ ގޯލުވެސް ޖެހީ ދެވަނަ ހާފުގައެވެ.

އޭޝިއަން ކަޕްގައި ކުޅޭ އެންމެ ވަރުގަދަ އެއް ގައުމު، 2022 ވަނަ އަހަރު ވޯލްޑް ކަޕްގައިވެސް ކުޅުނު އޮސްޓްރޭލިއާ ކައިރީ އިންޑިއާއިން ފުރަތަމަ ހާފުގައި ރަނގަޅަށް ޑިފެންސްކޮށް ކުޅުނު ނަމަވެސް، ދެވަނަ ހާފު ފެށިގެން 50 ވަނަ މިނެޓުގައި ޖެކްސަން އިރްވީން ޖެހި ގޯލުން އޮސްޓްރޭލިއާ ލީޑު ނެގިއެވެ.

އޭގެ ފަހުން، މެޗުގެ 73 ވަނަ މިނެޓުގައި އޮސްޓްރޭލިއާއިން ލީޑު ފުޅާވެސް ކުރިއެވެ. އެ ގޯލު ޖަހައިދިނީ ޖޯޑަން ބޯސްއެވެ.

އޭޝިއަން ކަޕްގައި ގްރޫޕް އޭގެ ދެމެޗުވެސް ރޭ ކުޅެފައިވާ އިރު، ޗައިނާއިން ތަޖަކިސްތާން ކައިރީ އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ މެޗުގައި ހޯސްޓް ގަތަރުން ލުބުނާން ކައިރިން 3-0 އިން މޮޅުވެ، ފެށުން ވަނީ ރަނގަޅު ކޮށްފައެވެ.