އަމިއްލަ ދަނޑުގައި ރާއްޖެ ވަރުގަދަވާނެ ކަމަށާއި، ރާއްޖެ ހުއްޓުވަން ކުރަން ޖެހޭ ހުރިހާ ކަމަކަށް ސަމާލުވެގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ޓިމޯ ލެސްޓޭގެ ކޯޗު ޒީ ޕެޑްރޯ ބުނެފިއެވެ.
މިއަދުގެ މެޗަކީ އޭޝިއަން ކަޕް ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގައި ރާއްޖެއާއި ޓިމޯ ލެސްޓޭވެސް ކުޅޭ ފަހު މެޗެވެ. އެޓީމަށް ޕޮއިންޓަކާއެކު ގްރޫޕްގެ ތިންވަނައިގައި ނިންމާލެވެން އެބައޮތެވެ. އެއީ ކުރިން ކުޅުނު މެޗުގައި 1-0 އިން ރާއްޖެ ބަލިކޮށްފައި އޮތުމުންނެވެ. އެހެން ނަމަވެސް މޮޅަކާއެކު ރާއްޖެއަށް ތިންވަނަ ހޯދެންވެސް ފުރުސަތު އޮތް އިރު، ދާދިފަހުން ގައުމީ ޓީމު ކޯޗުކަމާ ހަވާލުވި ޒީ ޕެޑްރޯ ބުނީ މެޗު ފަސޭހަ ނުވާނެ ކަމަށެވެ.
"ތާވަލުގައި ދެޓީމު އޮތް ހާލަތު އެނގޭ. އެހެންވީމަ މެޗު ޓަފް ވާނެ. އެއީ އަހަރެމެންނަށް ޕޮއިންޓަކާއެކު ތިންވަނަ ޔަގީންވާނެ. އެހެންވިޔަސް، ރާއްޖޭން މި ކުޅެނީ އަމިއްލަ ގައުމުގައި. އެހެންވީމަ ތިން ޕޮއިންޓާއެކު އަހަރެމެން އަތުން ތިންވަނަ ގެއްލުވާލަން ރާއްޖޭން މަސައްކަތް ކުރާނެ. އަހަރެން އިހުތިރާމް ކުރަން ރާއްޖެއަށް. ރާއްޖޭން މެޗަށް ނުކުންނާނީ ވަރުގަދަކޮށްކަން ޔަގީން،" އިއްޔެ ދަނޑުގައި ބޭއްވި ޕްރި މެޗު ޕްރެސްގައި އޭނާ ބުންޏެވެ.
ޒީ ޕެޑްރޯ ބުނީ ޓިމޯ ލެސްޓޭއަކީ ވަސީލަތްތަކުގެ ގޮތުން މިވަގުތު އެންމެ ރަނގަޅު ހާލަތުގައި އޮތް ގައުމެއް ނޫން ނަމަވެސް، މިހާރު އަލަށް އެފްއޭގެ ލީޑާޝިޕާ ހަވާލުވި ޓީމުން ރަނގަޅު މަސައްކަތްތަކަކަށް ފޯކަސް ކުރަމުން އަންނަ ކަމަށެވެ.
"ޓިމޯ ލެސްޓޭގައި އޮތް ހާލަތުގައި އޮތް ހާލަތު އަހަންނަށް އެނގޭ. ގައުމުގައި ރަނގަޅު ދަނޑެއް ނެތުމުން، ގައުމުން ބޭރުގައި ކުޅެން ޖެހޭކަންވެސް އެނގޭ. އެކަމަކު މިފަހަރު މެޗަށް އައީ އަމިއްލަ ގައުމުގައި ތަމްރީނު ކޮށްފައި. އެއީ ލިބޭ ވަސީލަތްތަކާއެކު މަސައްކަތް ކުރަން ވެގެން،،" ޒީ ޕެޑްރޯ ބުންޏެވެ.
ޒީ ޕެޑްރޯ ބުނީ މިހާރު އޮތް ސްކޮޑުގައި 23 އަހަރުން ދަށުގެ ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނޭނެ ކަމަށާއި، ޓިމޯ ލެސްޓޭއިން މަސައްކަތް ކުރަނީ އާ މިސްރާބަކަށް ޓީމު ގެންދިއުމަށް ކަމަށެވެ.
ޓިމޯ ލެސްޓޭއާއި ރާއްޖެ މިއަދު ގައުމީ ދަނޑުގައި ކުޅޭ މެޗު ފަށާނީ ހަވީރު 3:30 ގައެވެ.
މުޙައްމަދު ޝަމްޢޫން
ގައުމީ ފުޓްބޯޅަ ޓީމު
ގައުމީ ފުޓްބޯޅަ ޓީމު