އެފްއޭއެމް އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަށް ކްލަބް ވެލެންސިއާ އިން ދީފައިވާ ތާއީދު ސިޓީ ބަލައި ނުގަންނަން އެފްއޭއެމް އިލެކްޓޯރިއަލް ކޮމިޓީން ނިންމުމާ އެކު އިންތިހާބުގައި ވާދަކުރާ އެއް ކެންޑިޑޭޓް ކަމަށްވާ، އަހުމަދު ތޯރިގު (ޓޮމް)ގެ ކެންޑިޑެސީ ސައްހަ ނޫން ކަމަށް ނިންމުން ނިންމުން، އޭނާ އިސްތިއުނާފު ކޮށްފިއެވެ.
އެފްއޭއެމްގެ އިދާރީ ހިންގުން ބޮއްސުންލައިގެން ގޮސް، އެ އިދާރާ ދަރަނިވެރިވެ، މަނީ ލޯންޑަރިންނާއި ކޮރަޕްޝަންގެ ތަހުގީގެއް އިދާރާގެ ވެރިންގެ މައްޗަށް ކުރަމުންދާ އިރު، އިންތިހާބު ތާވަލުކޮށްފައި އޮތީ މިމަހުގެ 31 އަށެވެ. އިންތިހާބުގައި ވާދަކުރަން ނިންމީ ކުރީގެ ރައީސް، މަހިބަދޫ ދާއިރާގެ މެމްބަރު ޓޮމް އާއި އެފްއޭއެމްގެ ރައީސްކަމުން ދާދިފަހުން ވަކިވި ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯގައި ހިމެނުނު މުފާވިޒު ހާޝިމްއެވެ.
އެ ދެ ކެނޑިޑޭޓުންނަށްވެސް ވެލެންސިއާއިން ތާއީދު ސިޓީ ދިން އިރު، ވެލެންސިއާއިން ޓޮމްއަށް ތާއީދު ސިޓީ ދިނީ، އެ ކްލަބުގެ ޗެއާމަން އަބްދުﷲ އަޒްމީން ސޮއިކޮށް، ބޯޑު މެމްބަރުންގެ ރިޒޮލިއުޝަން އަކާއެކެވެ. މުފާ އަތުގައި އޮތް ސިޓީއަކީ ވެލެންސިއާގެ ވައިސް ޗެއާމަން، އިލްމާއު ހުސެއިން (މައު) ސޮއިކޮށްފައިވާ ބޯޑު މެމްބަރުންގެ ތާއީދު ހިމެނޭ ސިޓީއެކެވެ.
ވެލެންސިއާގެ މި ދެ ތާއީދު ސިޓީގެ މައްސަލައިގައި އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީން ވަނީ މިކަމުގައި އަމަލުކުރާނެ ގޮތެއް އޮޅުންފިލުވަން ގާނޫނީ ލަފަޔަކަށް އޭއެފްސީ ކިބައިން އެދިފައެވެ. "ވަން ސްޕޯޓްސް" އަށް އެނގިފައިވާ ގޮތުގައި އޭއެފްސީން ލަފާ ދިނީ ސްޕޯޓްސް ކޮމިޝަނަރުގެ ނިންމުމަކަށް ބަރޯސާވުމަށެވެ. އެހެން ބުނެފައި ވަނިކޮށް، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީގައި ނިންމާފައިވަނީ، ވެލެންސިއާ އިން ދިން ދެ ސިޓީ ވެސް ކެންސަލް ކުރުމަށެވެ.
އެ ނިންމުމާއެކު، ތޯރިގު އަތުގައި އޮތީ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބުގެ ތާއީދެވެ. މުފާ އަތުގައި، ފަސް ކްލަބްގެ ތާއީދު އެބައޮތެވެ. ކޮންމެ ކެންޑިޑޭޓަކު އަތުގައިވެސް މަދުވެގެން ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބްގެ ތާއީދު އޮންނަން ގަވާއިދު ލާޒިމް ކުރާ އިރު، ތޯރިގު އަތުގައި އެ އަދަދަށް ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ތާއީދު ނެތުމުން، އޭނާގެ ކެންޑިޑެސީ ވަނީ ސައްހަ ނޫން ކަމަށް އިލެކްޓޯރަލް ކޮމިޓީން ނިންމައިފައެވެ.
ޓޮމްގެ ފަރާތުން އިސް އޮފިޝަލަކު "ވަން ސްޕޯޓްސް" އަށް ވިދާޅުވީ ޓޮމް ރަސްމީކޮށް އެޕީލް ކޮށްފި ކަމަށާއި މައްސަލައަކީ 2023 ވަނަ އަހަރު ބޭއްވި އާންމު ޖަލްސާގައި އެޕީލް ކޮމިޓީއެއް ނަގާފައި ނެތުން ކަމަށެވެ. އަދި މިހާރު އެ މައްސަލަ ބަލަން އެފްއޭއެމްއިން އަވަސްކޮށް އެޕީލް ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީ 2023 ވަނަ އަހަރު އާންމު ޖަލްސާގެ ޔައުމިއްޔާގައި ގަވާއިދާ ހިލާފަށް ހިމަނަން އުޅޭ ކަމަށްވެސް ޓޮމްގެ ފަރާތުން އިސް އޮފިޝަލަކު ބުންޏެވެ.
އެ މައްސަލައިގައި އެފްއޭއެމްގެ މީޑިއާ ގްރޫޕްގައި ނޫސްވެރިން ސުވާލުކުރުމުން، އެފްއޭއެމްގެ ފަރާތުން އެއްވެސް ބޭފުޅަކު ޖަވާބު ދެއްވާފައެއް ނުވެއެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް