ލ. އަތޮޅުގެ އެންމެ ހިންގުންތެރި އެއް ޖަމިއްޔާ ކަމަށްވާ ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް)ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ ފޮނަދޫ ކައުންސިލް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2024ގެ ކުއާޓާ ފައިނަލް ފަހު މެޗުތަކުން މޮޅުވެ، އަފޭންނާއި ކަންމަތި ސްޕޯޓްސް ކްލަބު ސެމީއަށް ދަތުރު ކޮށްފިއެވެ.
ފޮނަދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ފޯރިގަދަ ކުއާޓާ ފައިނަލް މެޗުތައް ރޭވެސް ކުރިއަށް ގޮސްފައިވާ އިރު، ފުރަތަމަ މެޗުގައި އަފޭން ސެމީ ޔަގީންކުރީ 9-3 އިން ލާމު ބްލޫސް ބަލިކޮށްގެންނެވެ.
އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، އަފޭންގެ މުހައްމަދު ލިޔާހް ހަތަރު ގޯލު ޖެހި އިރު، އޭނާ އަކީ މިހާރު މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އެއީ ޖުމުލަ ނުވަ ގޯލަކާއެކުގައެވެ. އޭގެ އިތުރުން އަފޭންގެ އިސްމާއިލް މުހައްމަދު (އިއްސެ) ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލުތައް ޖަހައިދިނީ އާދަމް ލަރީފް (ރޮނާ)، އީސާ އަލީމް އަދި މުހައްމަދު ނަސީމެވެ.
ލާމު ބްލޫސްގެ ގޯލުތައް ޖަހައިދިނީ އާދަމް ވަޖީހާއި އިބްރާހީމް ސަމީރެވެ. ވަޖީހު މެޗުގައި ދެ ގޯލު ޖެހިއެވެ.
ކުއާޓާގެ ފަހު މެޗު ރޭ ފޯރިގަދަކޮށް ފެނިގެން ދިޔަ އިރު، އެ މެޗުގައި ކަންމަތިން ލެކްރޮސް ސްޕޯޓްސް ކްލަބު ބަލިކުރީ 6-3 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުންވެސް ތަރިން ފެނިގެން ދިޔަ އިރު، ކަންމަތީގެ އިސްމާއީލް އީސަ (މެސީ) މެޗުގައި ހަތަރު ގޯލު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް އޭނާ ހޮވުނު އިރު، އަނެއް ގޯލުތައް ޖެހީ އިބްރާހީމް ޝަފްރާޒް (ޝަފްލޭ) އާއި އަހުމަދު ލަތީފެވެ.
ލެކްރޮސްއިން މެޗުގައި ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު، އަހުމަދު ހަލީމް (އަންމަޑޭ) ޖަހައިދިން އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ އާދަމް ޝަހީމް (އާނާ) އެވެ.
ޖުމުލަ 12 ޓީމާއެކު ކުރިއަށްދާ ލީޑް ވެޓެރަންސް ކަޕް 2024ގެ ޓައިޓަލް ސްޕޮންސަރަކީ ފޮނަދޫ ކައުންސިލެވެ. ޕްލެޓިނަމް ޕާޓްނަރަކީ މަޒީ ކެމިސްޓެވެ. ގޯލްޑް ޕާޓްނަރަކީ ލިޓަސްއެވެ. ސިލްވާ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަރަކާތްތެރިވާ އިރު، ކިޓް ޕާޓްނަރަކީ ޖާޒިއާއެވެ. ބެވަރޭޖް ޕާޓްނަރަކަށް ޖޭމް ކިޗަން ހަމަޖައްސާފައިވާ އިރު، ކޮފީ ޕާޓްނަރަކީ ޕިޒްކާއެވެ. އޭގެ އިތުރުން މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫއެވެ. ސަޕޯޓިން ޕާޓްނަރުންނަކީ ލާމު ޕޮލިހާއި ބިގް ޝޮޓްސްއެވެ.
މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
މިއަހަރުގެ ލީޑް ވެޓެރަންސް ފުޓްސަލް ކަޕްގައި ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިން ފެނިގެންދާ އިރު، ސެމީ ފައިނަލް ދެމެޗު އޮންނާނީ މާދަމާ ރޭގައެވެ. މާދަމާ ރޭ 8:30 ގައި އޮންނަ ސެމީގެ ފުރަތަމަ މެޗުގައި އަފޭން ނުކުންނާނީ އައުޓްރީފް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެރޭ 9:30 ގެ މެޗުގައި ކަންމަތި ސްޕޯޓްސް ކްލަބު ނުކުންނާނީ ބެސްޓާ ދެކޮޅަށެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް