ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރި ފިލްމީ ތަރި މުހައްމަދު ޔުނާން، ބަންދުން ދޫކޮށްލުމަށް އެ ކޯޓުން އަމުރުކުރީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން، ޔުނާން ދޫކޮށްލުމަށް އަމުރުކުރީ މިދިޔަ މަހުގެ 15 ދުވަހު ޝަރުތުތަކެއް ކުރުމަށްފަހުއެވެ. އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ބޭސްފަރުވާއަށް ނޫނީ ބޭރަށް ނުނިކުތުމަށާއި ޔުނާންގެ ދަރިންވެސް ހިމެނޭ ގޮތަށް ކުޑަކުދިންނާ އެކްސެސް ނުވުމަށާއި މައްސަލައިގައި އަނިޔާ ލިބުނު އެއްވެސް ފަރާތަކާ މުއާމަލާތް ނުކުރުމަށާއި ދިރިއުޅޭ ތަން ކޯޓަށް އެންގުމަށާއި މާލެއިން ނުވަތަ ރާއްޖެއިން ފުރާނަމަ ކޯޓުން ހުއްދަ ނެގުމުގެ އިތުރުން މީޑިއާއަށް އެއްވެސް މައުލޫމާތެއް ނުދިނުމެވެ.

އެ އަމުރު ދައުލަތުގެ ފަރާތުން ވަނީ ހައި ކޯޓުގައި 24 ޑިސެމްބަރު 2023 ގައި އިސްތިއުނާފުކޮށްފައެވެ. އިސްތިއުނާފީ ނުކުތާގައި ދައުލަތުން ވިދާޅުވެފައިވަނީ ޔުނާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީ ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށްޓަކައި އަދި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އެ މައްސަލައިގައި ހެކިބަސް ނަގައި ނިމިފައިވީ ނަމަވެސް، ޔުނާންގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކަލަށް ބަދަލު އައިސްފައިވާގޮތެއް ދަށު ކޯޓުން ޔުނާން ބަންދުން ދޫކޮށްލުމަށް ނިންމި އަމުރުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ.

މީގެ އިތުރުން މައްސަލައިގައި ހާލަތު ބަދަލުވެފައިނުވާ ކަމަށާއި ހާލަތު ބަދަލުވިގޮތެއް އަމުރުގައި ބަޔާންކޮށްފައިނުވާ ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ. އަދި އެއީ މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކާ ހިލާފު ކަމެއްކަން ބަޔާންކޮށް ދައުލަތުން އެދުނީ ޔުނާން ބަންދުކުރުމަށް އެދި އަލުން ހުށަހެޅުމުގެ ފުރުސަތު ލިބިދެވޭގޮތަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ބާތިލުކޮށް ދިނުމަށެވެ. އަދި ވިދާޅުވެފައިވަނީ މެޖިސްޓްރޭޓް ކޯޓުގެ ޝަރުތުތަކާ ހިލާފުވެފައިވާތީ ޔުނާން އަލުން ބަންދުކޮށްދިނުމަށް މެޖިސްޓްރޭޓް ކޯޓުގައި ދައުލަތުން އެދިފައިވާނެ ކަމަށެވެ.

ދައުލަތުގެ ވާހަކަތަކާ ގުޅިގެން ޔުނާންގެ ފަރާތުން ބުނެފައިވަނީ އޭނާ ބަންދުގައި ހުންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި އޭނާއަކީ ހަތަރު ބައްޔަކަށް ބޭސްކުރާ މީހެއް ކަމަށެވެ. ދަށު ކޯޓުން އޭނާ ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ އެ ކަންކަމަށްވެސް ރިއާޔަތްކޮށް، މުޖުތަމައަށް އޮތް ނުރައްކާ ނައްތާލެވޭ ގޮތަށް ޝަރުތުކޮށްފައި ކަމަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލައިގައި ހެކިބަސް ނަގައި ނިމިފައިވާތ،ީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލެއް މިހާރު ނެތް ކަމަށް ޔުނާންގެ ފަރާތުން ބުނެފައިވެއެވެ. އޭނާގެ ފަރާތުން ބަންދު މުރާޖައާކޮށްދިނުމަށް ދަށު ކޯޓަށް ހުށަހެޅުމުން ބަންދުގައި ބެހެއްޓުމުގެ ސަބަބު އަދިވެސް އޮތްކަން ސާބިތުކޮށްދޭން ވާނީ ދައުލަތުން ކަމަށް ދެކޭ ކަމަށާއި އެފަދައިން ދައުލަތުން އެކަން ސާބިތުކޮށްދީފައިނުވާ ކަމަށެވެ. އެހެންކަމުން އޭނާ އެދޭ ގޮތަކީ ދަށު ކޯޓުން އޭނާ ބަންދުން ދޫކޮށްލުމަށް ކުރި އަމުރު ދަމަހައްޓައިދިނުމަށެވެ.

ދެ ފަރާތުން ފާހަގަކުރި ކަންކަން އަޑުއެހުމަށްފަހު މައްސަލައިގެ ރައުޔު އިއްވަވަމުން ފަނޑިޔާރު ހުސެއިން މަޒީދު ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހަކު ބަންދުން ދޫކޮށްލަންވާނ،ީ ބަންދުކުރި ހާލަތު ގާނޫނީގޮތުން ބަދަލުވެފައިވާ ނަމަ ކަމަށެވެ. ޔުނާން ބަންދުކުރަން ނިންމާފައިވަނީ ހާއްސަ ގާނޫނެއްގެ ދަށުން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. މެޖިސްޓްރޭޓް ކޯޓުން ޔުނާން ބަންދުން ދޫކޮށްލުމަށް ނިންމުމުގައި ބަޔާންކޮށްފައިވާ ސަބަބަތަކުގެ ތެރޭގައި "މުޖުތަމައުގައި އުޅޭ އެހެން ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި މުހައްމަދު ޔުނާން މުޖުތަމައުގެ ތެރެއަށް އެއްކޮށް ދޫކުރުމުގެ ބަދަލުގައި ޝަރުތުކޮށް ދޫކުރުމަށް ފެންނާތީ" ކަމަށް ބަޔާންކޮށްފައި އޮތުމުން ޔުނާންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތުމުގެ އިހުތިމާލު އަދިވެސް އޮތްކަން މެޖިސްޓްރޭޓް ކޯޓުން ގަބޫލުކުރާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

މެޖިސްޓްރޭޓް ކޯޓުން ޔުނާންގެ މައްޗަށް ކުރި ޝަރުތުތަކާ އޭނާ ހިލާފުވެއްޖެނަމަ ބަންދުކުރާނެ ކަމަށް ބަޔާންކޮށްފައިވުމަކީ، އޭނާގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކާ ނެތުން ކަމަކަށް ނުވާނެ ކަމަށް ވިދާޅުވިއެވެ.

"އޭނާގެ މައްޗަށް ކުރެވުނު ޝަރުތުތަކުގެ ތެރޭގައި ގޭގައި ހުރުން ހިމެނިފައި އޮތުމަކުން މިފަދަ މައްސަލައެއްގައި އެއީ އެކަށީގެންވާ ޝަރުތުތަކެއް ކަމުގައި އަހުރެން ނުދެކެމެވެ. އެހެންކަމުން، މިއީ ދަށު ކޯޓުގެ ފަނޑިޔާރު އިހުތިޔާރުކުރިގޮތުގެ ސަބަބުން އެކަށީގެން ނުވާ ކަމެއް ނުވަތަ ބޭއިންސާފެއް ކުރިމަތިވެފައިވާ ހާލަތެއް ކަމުގައި ދެކެމެވެ. އަދި ދަށު ކޯޓުގެ ފަނޑިޔާރު ގޮތް ނިންމާފައިވަނީ ރަނގަޅު އުސޫލަކަށް ބިނާކޮށްކަމުގައިވެސް ނުދެކެމެވެ..،" ފަނޑިޔާރު ވިދާޅުވިއެވެ.

އެހެންވެ ފަނޑިޔާރު މަޒީދުގެ ރައުޔުގައި ވިދާޅުވީ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ގޯސްވުމުން، އެ ނިންމުން ބާތިލުކުރުމަށެވެ. ފަނޑިޔާރު މަޒީދުގެ ރައުޔަށް ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ އިސްފަނޑިޔާރު ހުސެއިން ޝަހީދާއި ފަނޑިޔާރު ދީބާނާޒް ފަހުމީ ވަނީ ތާއީދުކޮށްފައެވެ.

ފަނޑިޔާރު މަޒީދު އިއްވި ހުކުމުގައި ވިދާޅުވީ، ޔުނާން ބަންދުން ދޫކޮށްލުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރު ބާތިލުކޮށް، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ދައުލަތުން ޔުނާން ބަންދުކުރުމަށް ހުށަހަޅައިފިނަމަ، ދަށު ކޯޓުން އެއާ މެދު ގޮތެއް ނިންމަށް އަމުރުކޮށް، މައްސަލައިގެ ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފިން ކަމަށެވެ.