މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުވުމުން ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފީ މައްސަލައިގެ ހުކުމް ނުކޮށް ލަސްވާތީ، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ އިސްބޭފުޅުންނާއި ޔާމީންގެ ވަކީލުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ވަޑައިގަތުމަށް ނިންމައިފިއެވެ.

ޕީއެންއެފްގެ އިސްބޭފުޅުންނާއި ޔާމީންގެ ވަކީލުން ޓީމުން ވަނީ މިއަދު ހައި ކޯޓަށް ވަޑައިގެން، ހުކުމް ކުރުން ލަސްވާ ސަބަބާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. ހައި ކޯޓުން ނުކުމެވަޑައިގެން ޔާމީންގެ ވަކީލު އަލީ ޝާހު، މީޑިއާތަކަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ހުކުމްކުރުން ލަސްވާ މައްސަލައިގައި ވަކީލުންގެ ޓީމަށް ކުރެވިދާނެ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"އޭގެ ތެރޭގައި އަޅުގަނޑުމެން މަޝްވަރާކުރާނަން އިންސާފު ނުލިބޭ ނުލިބުން ދައުލަތުގެ ވަލިއްޔުލްއަމްރުގެ އަރިހަށް ގެންދެވޭނެ ގޮތެއް އޮތްތޯ މިވަގުތު. ހަމައެއާކީގައި އަދުލުއިންސާފު ގާއިމުކުރުމުގެ އެންމެ އިސްފަރާތަކީ އުއްތަމަ ފަނޑިޔާރު، އާދެ ސުޕްރީމް ކޯޓު. އެހެންވީމާ ސުޕްރީމް ކޯޓަށް ހުށަހެޅުމެއް ހުށަހަޅާނީތޯ، މިހެން ގޮސް ގާނޫނީ ގޮތުން މީގައި ކުރެވިދާނެ ކަންތައްތަކެއް އެބަހުރި،" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ދައުލަތުގެ އެހެން މުވައްޒަފުންނާ ހިލާފަށް، ފަނޑިޔާރުންނަކީ އެ މީހުންގެ މައްޗަށް ވަކި ދުސްތޫރީ އަމުރެއް ކޮށްފައިވާ ބައެއް ކަމަށެވެ. ގާނޫނުއަސާސީގައި ބަޔާންކޮށްފައިވަނީ ފަނޑިޔާރުންނަކީ އެ މީހުންގެ ހުރިހާ ވަގުތެއް މަސައްކަތަށް ހުސްކުރަން ޖެހޭ ބައެއްގެ ގޮތުގައި ކަމަށެވެ. އޭގެ މާނައަކީ ފަނޑިޔާރުންނަކީ ވަކި ކަމަކުން ބަރީއަތްވެގެން ނުވަތަ އިސްތިސްނާވެގެން މަސައްކަތް ހުއްޓާލާފައި ތިބެވޭނެ ބައެއް ނޫން ކަމަށެވެ.

ހައި ކޯޓުގެ އޮފިޝަލުންނަށް ޔާމީންގެ މައްސަލައިގައި ހުކުމްކުރުން ލަސްވަނީ ކީއްވެގެންކަން ބުނެނުދެވޭ ކަމަށާއި ޔާމީންގެ މައްސަލަ އަވަސް ކުރުމަށް މަސައްކަތްކުރާނެ ކަމަށް ފިޔަވައި އިތުރު ޖަވާބެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން ހައި ކޯޓުގައި އަވަސް މިނުގައި ކުރިއަށްގެންދާ މައްސަލަތަކުގައި މިގޮތަށް ހުކުމްކުރުން މަޑުޖެހިފައިނުވާ ކަމަށް ޝާހު ވިދާޅުވިއެވެ.

"ނަމަވެސް، ޔާމީން މައްސަލަ ވަރަށް ސްޕީިޑުގައި އަޑުއެހުންތައް ކުރިއަށް ގެންދިއުމަށްފަހު ހުކުމަކާ ހަމައަށް ގޮސް، މިއޮތީ ވަޅުޖެހިފައި،" ޝާހު ވިދާޅުވިއެވެ.

ޔާމީން މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ހައިކޯޓުގައި ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެއީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށް ބޭއްވި އަޑުއެހުމެކެވެ.

އެ އަޑުއެހުމުގައި ޝަރީއަތުން ވަނީ ޔާމީންގެ ފަރާތްޕުޅުންނާއި އެ މަނިކުފާނާއެކު ރިޝްވަތު ދިނުމުގެ ދައުވާ އުފުލި ޔޫސުފް ނައީމްގެ ފަރާތުން އަދި ދައުލަތަށް ފަހުބަސް އިއްވުމުގެ ފުރުސަތު ދީފައެވެ. އެއިން ކޮންމެ ފަރާތަކަށްވެސް ފަހުބަސް އިއްވުމަށް ދިނީ 30 މިނެޓެވެ.

އެ ދުވަހުގެ އަޑުއެހުމުގައި އެ މައްސަލައިގެ އަޑުއެހުންތައް ނިންމަވައިލައްވަމުން ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވެފައިވަނީ އެ މައްސަލަތައް ޝަރީއަތުން ދިރާސާ ކުރަމުންދާ އިރު، ދެ ފަރާތް ހާޒިރުކޮށްގެން ކަމެއް ސާފުކުރަން ނުޖެހޭ ކަމަށްވާ ނަމަ، މައްސަލައިގައި ހުކުމްކުރުމަށް ތާވަލުކުރެވޭނެ ކަމަށެވެ.

ޔާމީންގެ މައްސަލައަކީ ހައިކޯޓުގައި ކުރިއަށްދާ ސްޕީޑާ މެދު އެ މަނިކުފާނުގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް ވީ އެންމެ އަވަހަކަށް ބަލައި ނިންމުމަަށް އެދެމުން އަންނަ މައްސަލައެކެވެ. ނަމަވެސް ހައިކޯޓުން ބުނެފައިވަނީ، އެ ކޯޓުގެ ގަވާއިދުގެ ހަތަރުވަަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތިން އިއްޔެއިން ފެށިގެން ހައިކޯޓް ރިސެސްއަށް ގޮސްފައިވާ ކަމަށެވެ.

ކޯޓު ރިސެސްގައި އޮންނާނީ މިދިޔަ މަހުގެ 31ގެ ނިޔަލަށް ކަމަށްވެސް ބުނެފައިވެއެވެ. ކޯޓް ރިސެސްގައި އޮންނަ މުއްދަތުގައި ކުރިއަށް ގެންދެވޭނެ މައްސަލަތައްވެސް އެ ފަރާތުން ވަނީ ހާމަކޮށްފައެވެ.

އޭގެ ތެރޭގައި ގާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ ބާވަތުގެ މައްސަލަތަކާއި ހުކުމްކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސްތަކާއި އަވަސް ތަބީއަތުގެ މައްސަލަތަކާއި އަވަސްކޮށް ހިންގަންޖެހޭ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް އެއްބަސްވެވޭ މައްސަލަތައް ހިމެނެއެވެ.