ޖަރުމަނުގެ ފޯވަޑް، ޓީމޯ ވާނާ ލޯނު އެއްބަސްވުމެއްގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމްއަށް ބަދަލުވެއްޖެއެވެ.

އުމުރުން 27 އަހަރުގެ ވާނާ ޓޮޓެންހަމްއަށް ބަދަލުވެފައި ވަނީ ސީޒަނަށްފަހު، ދާއިމީކޮށް އެ ކްލަބަށް ބަދަލުވެވޭނެ މާއްދާއެއް އެއްބަސްވުމުގައި ހިމަނައިގެންނެވެ. ޓޮޓެންހަމްއިން ވާނާ ގެންގޮސްފައި ވަނީ އެ ޓީމުގެ ފޯވަޑް، ސޮން ހިއުން-މިން ގައުމީ ޓީމަށް ދިޔުމާ ގުޅިގެންނެވެ. ސޮން ދެކުނު ކޮރެއާއަށް ދިޔައީ އޭޝިއަން ކަޕްގައި ވާދަކުރުމަށެވެ.

މީގެ ކުރިން ވާނާ ޕްރިމިއާ ލީގަށް ކުޅެފައިވަނީ ލަންޑަންގެ ޗެލްސީއަށެވެ. އޭނާ 2020 ވަނަ އަހަރު ލެއިޕްޒިގުން ޗެލްސީއަށް ބަދަލުވެފައިވަނީ 45 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގައެވެ. ޗެލްސީއަށް ކުޅުނު 89 މެޗުން، 23 ގޯލު ވާނާ ޖަހާފައިވާ އިރު، އޭނާ އެނބުރި ލެއިޕްޒިގަށް ދިޔައީ 2022 ވަނަ އަހަރުއެވެ. މިހާތަނަށް މި ސީޒަނުގައި ވާނާ ވަނީ ލެއިޕްޒިގަށް 14 ގޯލު ޖަހައިފައެވެ.

ވާނާ ވަނީ ޗެލްސީއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ.

ޓްރާންސްފާ މާކެޓް ހަލަބޮލިވަމުން އަންނަ އިރު، ރެއާލް މެޑްރިޑުން ވަނީ އަންނަ ސީޒަނަށް ބަޔާން މިއުނިކްގެ ލެފްޓް ބެކް، އަލްފޮންސޯ ޑޭވިސް ހޯދަން މަސައްކަތް ކުރަމުންނެވެ.

އުމުރުން 23 އަހަރުގެ ކެނެޑާ ޑިފެންޑަރު ޑޭވިސް ހޯދަން ރެއާލްއިން މަސައްކަތް ކުރަމުންދަނީ އަންނަ ސީޒަނަށެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް ޑޭވިސްގެ އެއްބަސްވުން ހަމަވާން އޮތް އިރު، ރެއާލްއިން އޭނާ ހޯދަން މަސައްކަތް ކުރަމުން ދަނީ މިހާރު ކުރިމަތިވެފައިވާ ލެފްޓް ބެކް މައްސަލައަށް ހައްލެއް ހޯދުމަށެވެ.

މިހާރު ރެއާލްއިން ދަނީ ފާލޭންޑް މެންޑީއާއި ފްރާން ގާސިއާ ބޭނުންކޮށް، ގިނަ މެޗުތަކެއްގައި ޑިފެންޑަރުން ރޮޓޭޓް ކުރަމުންނެވެ.

މިދިޔަ ސީޒަނުގައި ރެއާލްއަށް ލިބިފައި ވަނީ ކޮޕާ ޑެލް ރޭ ތަށި އެކަންޏެވެ. ކާލޯ އެންޗެލޮޓީ ރެއާލް އަލުން ވަރުގަދަ ކުރަމުން އަންނަ އިރު، ކިލިއަން އެމްބާޕޭއަށްވެސް އެޓީމުން ދަނީ ފާރުލަމުންނެވެ.