ރާއްޖޭގެ އެންމެ ބޮޑު ދެ ކުޅިވަރު ޖަމިއްޔާ ކަމަށްވާ ފުޓްބޯޅަ އެސޯސިއޭޝަނާއި ވޮލީބޯޅަ އެސޯސިއޭޝަނަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ސަސްޕެންޝަނަކަށް ނުގޮސް ވާނެ ގޮތެއް ހޯދަންޖެހޭ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

ވޮލީގެ އަހަރީ އާންމު ޖަލްސާތައް ނުބާއްވާ ދިގުލައިގެން ގޮސް، މިދިޔަ އަހަރު ބޭއްވި ޖަލްސާގެ ސައްހަކަމާ މެދު ސުވާލުތަކެއް އުފެދިފައިވާ އިރު، އެފްއޭއެމްގެ ހާލަތުވެސް އޮތީ ގޯސްކޮށެވެ. ޖިނާއީ ތަހުގީގެއްވެސް އެފްއޭއެމް ވެރިންގެ މައްޗަށް ކުރަމުންދާ އިރު، އެ އެސޯސިއޭޝަނުގެ އެކްސްކޯއަށް ގާނޫނީ ގޮތުން އޮތީ ސުވާލު އުފެދިފައެވެ. އެ ދެ އެސޯސިއޭޝަނުގެ މައްސަލަ ހައްލުކުރަން ސްޕޯޓްސް ކޮމިޝަނަރު މަސައްކަތް ކުރަމުންދާ އިރު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޮލާލް ވަނީ އެކަމަށް އަލިއަޅުވާލައްވައިފައެވެ.

"އެސޯސިއޭޝަންތައް ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، އަދި ހިންގާ ގަވާއިދުތަކާ އެއްގޮތަށް ކުރިއަށް ދޭތޯ ބެލުމަކީ ސްޕޯޓްސް ކޮމިޝަނަރުގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމުކުރާ ކަމެއް. އެހެންކަމުން ބަައެއް އެސޯސިއޭޝަންތަކާ ބައްދަލުކޮށް، އެ އެސޯސިއޭޝަންތަކުގައި އިސްލަހު ކުރުމަށް ކުރަން ޖެހޭ ކަންކަމުގެ ވާހަކަތައް މިހާރު ވާނީ ޖެނެރަލް ކޮށް ދައްކާފައި. އޭގެ އިތުރުން މިހާރު ފެންމަތިވެގެން އުޅޭ މައްސަލައެއް ވޮލީބޯޅަ އަދި ފުޓުބޯޅަ އެސޯސިއޭޝަނުގެ މައްސަލައަކީ. ވޮލީބޯޅަ އެސޯސިއޭޝަނުގެ އާންމު ޖަލްސާ ދާދިފަހުން ބާއްވާފައި ވަނީ. އެހެން ނަމަވެސް، ހިންގާ ގަވާއިދަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ޑިމޮކްރެޓިކް އުސޫލާ ހިލާފަށް ކަންކަން ގޮސްދާނެކަމުގެ ޝަކުވާ ވަނީ ލިބިފައި. އެހެންވީމަ އެކަންކަން ހައްލުކުރަން ބަލާނަން،" ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ ވޮލީ އެސޯސިއޭޝަނުގެ ކޮންގްރެސްގައި ބައިވެރިވެވޭނެ ކްލަބުތަކާއި، ބައިވެރި ނުވެވޭނީ ކޮން ކްލަބުތަކަކަށްތޯވެސް ބަލާނެ ކަމަށާއި، އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން އެފްއޭއެމްގެ އިންތިހާބާ ގުޅޭ މައުލޫމާތު ހޯދަން، އެދުނު އެދުމުގައި ބައެއް މައުލޫމާތު މިހާރު ލިބިފައިވާ ކަމަށާއި، އެހެން ނަމަވެސް ފުރިހަމަ މައުލޫމާތު އަދިވެސް ލިބިފައި ނުވާ ކަމަށް ތޮލާލް ފާހަގަކުރިއެވެ.

"ފުޓުބޯޅަ އެސޯސިއޭޝަނުގެ އެތެރޭގައި ވަރަށް ބައިވަރު މައްސަލަތަކެއް އެބަހުރި. އޭގެ އިތުރުން ކްލަބުތަކުގެ ތެރޭގައިވެސް މިހާރު އެބަހުރި މައްސަލަތަކެއް. ދެ ގްރޫޕަކުން ދެ ސިޓީއެއް ފޮނުވުމާ، އިސްތިއުފާ ދެއްވުމާއި، ބޯޑު ބަދަލުކުރުމާ، އެ ހުރިހާ ކަމެއްވެސް އެ އުޅޭ. އެ ހުރިހާ ކަމަކަށް ވަރަށް ބޮޑަށް، ކްލަބުތަކުގެ ތެރެއަށް ވަދެ، ގާނޫނި ގޮތުން ލަފާ ހޯދައިގެން އެފްއޭއެމް އިންތިހާބާ އެކު ކުރިއަށް ދެވޭނެ ކަމަށް އަޅުގަނޑަށް ފެންނަނީ. ކުޅިވަރު ކުރިއަށް ގެންދަން ބޭނުންވަނީ، އެ ލީނިއަންސީއާއެކު މަސައްކަތް ކުރަމުން މިދަނީ. އެހެން ނަމަވެސް، ކުޅިވަރުގެ މުސްތަގުބަލަށް، ހުއްޓަން ޖެހޭ ހިސާބުގައި ކުޅިވަރު ހުއްޓާލަންވެސް ޖެހޭނެ،" ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ ވޮލީގެ މައްސަލަ ހައްލުކުރުމަށް ހިންގާ ގަވާއިދު، އެފްއައިވީބީގެ އެންގުމުގައި ވާގޮތަށް އިސްލާހު ކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި، ފުޓުބޯޅަ އެސޯސިއޭޝަންގެ އިންތިހާބުތަކަށްފަހު ދިމާވާ މައްސަލަތަކަށްވެސް ބަލަން ޖެހޭ ކަމަށެވެ. އެގޮތުން 2020 ގައި ބޭއްވި އިންތިހާބަށްފަހު ދިމާވި މައްސަލަތަކުގެ ސަބަބުން ކްލަބުތަކުގެ ތެރޭގައި މައްސަލަތައް އުޅޭ ކަމަށްވެސް ތޮލާލް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އަވަސް އަރުވާލައިގެން އިންތިހާބު ބާއްވަން އަދި ނުފެންނަ ކަމަށާއި، ކަންކަން ހައްލުވާނީ ޖުމުލަކޮށް ހައްލުކޮށްގެން ކަމަށެވެ.

އެފްއޭއެމް އިންތިހާބާ ގުޅޭ މައުލޫމާތު ސާފުކުރަން ތޮލާލް، އެފްއޭއެމް އަށް ފޮނުވި ސިޓީ އަށް އެ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޖަވާބު ދީފައެއް ނުވެއެވެ. އެހެންވެ، ތޮލާލް ވަނީ ސްޕޯޓްސް މިނިސްޓްރީން ނެރުނު ބަޔާނެއް މެދުވެރިކޮށް، އެފްއޭއެމްގައި ގަވާއިދާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރަމުން އަންނާތީ، އިންތިހާބުގެ ކަންކަން މަޑުޖައްސާލަން އަންގައިފައެވެ.

އެކަމަކު، ކޮމިޝަނަރުގެ އެ އެންގުމަށް ބެލުމެއް ނެތި އެފްއޭއެމް އިން އަންނަނީ އިލެކްޓޯރަލް ކޮމިޓީ މެދުވެރިކޮށް، މި މަހު 31 ވަނަ ދުވަހު، އެފްއޭއެމްގެ އިންތިހާބު ބާއްވަން ކުރަން ޖެހޭ ކަންކަން ކުރަމުންނެވެ.

އެ މައްސަލައިގެ ތެރެއަށް ކޮމިޝަނަރު ވަންނަނަމަ، ފީފާއިން އިންޒާރު ދީ، ސަސްޕެންޑް ކޮށްފާނެތީ އެ ކަމަށް ފުރުސަތު ދޭނެތޯ އެހުމުން، ތޮލާލް ވިދާޅުވީ އެސޯސިއޭޝަންތަކާ މަޝްވަރާކޮށް، ސަސްޕެންޑް ނުވާ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

"ސަސްޕެންޑް ނުވެ، ކުރިއަށް ދެވޭނެ ގޮތެއް ހޯދުން އެއީ އެންމެ ރަނގަޅުގޮތް. މިފަހަރުގައި ވެސް ސަސްޕެންޝަންގެ ވާހަކަ ނާންނާނެއެކޭ އަޅުގަނޑެއް ނުދަންނަވާނަން. ސަސްޕެންޑްނުވެ، އަޅުގަނޑުމެންނަށް ކުރިއަށްދެވޭނެތޯ އެއީ އަޅުގަނޑުމެން ކުރަން ޖެހޭނެކަމެއް. އެ ގޮތަށް ކުރުމަށްޓަކައި، މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާ ކުރަމުން ގެންދާނަން. އެސޯސިއޭޝަނުން ވެސް މަސައްކަތް ކުރަންވީ ސަސްޕެންޝަނާ ހަމައަށް ދިޔަ ނުދީ މިކަން ހައްލުވެގެން ހުރިހާ އެންމެންނަށް ބައިވެރިވެގެން އެންމެންގެ ކުޅިވަރެއްގެ ގޮތުގައި ކުރިއަށްދެވޭނެ ގޮތަކަށް ކަންކަން ކުރުމަށް. އެހެންވެއްޖިއްޔާ، އިންތިހާބު ވެސް ކުރިއަށްދާނެ، ދެން ހުރި ކަންތައް ވެސް ކުރިއަށްގެންދެވޭނެ،" ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ ސަސްޕެންޝަނަށް ވިސްނާނީ އެހިސާބަށް ދިޔުމުން ކަމަށާއި، ކުޅިވަރު އިސްލާހުކުރަން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.