އިންޑިއާގެ ޓްރެވެލް އެޖެންސީއެއް ކަމަށްވާ "އީޒް މައި ޓްރިޕް"އިން ރާއްޖެއަށް ހަަދާފައި ހުރި ހުރިހާ ބުކިންއެއް ކެންސަލް ކޮށްފިއެވެ.

އެ ޓްރެވެލް އެޖެންސީގެ ކޯފައުންޑާ އަދި ސީއީއޯ ނިޝާންތް ޕިޓީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނިން ރާއްޖެއަށް ހަދާފައި ހުރި ހުރިހާ ބުކިންއެއް ކެންސަލްކުރީ ގައުމީ ރޫހެއްގައި ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ބުކިންއެއް ކަމެއް އޭނާ ހާމައެއް ނުކުރެއެވެ.

އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަދީބު ޕްރޮމޯޓުކުރުމުގެ ނަމުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ފެއްޓެވި ކެމްޕޭނަކީ ރާއްޖެއާ ދެކޮޅަށް ފެށި ކެމްޕޭނެއް ކަމަށް އެ ގައުމުގެ މީޑިއާތަކުންވެސް ސިފަކޮށްފައިވާ ދަނޑިވަޅުގައި އެކަން ސޯޝަލް މީޑިއާގައި ހޫނުވިއެވެ. އެކަމާ ގުޅިގެން ރާއްޖެއާއި އިންޑިއާގެ މީހުން ސޯޝަލް މީޑިއާގައި އެއް ބަޔަކު އަނެއް ބަޔަކަށް ގޮންޖަހައި ވާހަކަ ދައްކާފައިވާއިރު، މައްސަލަ އިތުރަށް ގޯސްވީ ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު މޯދީއަށް ބަދުބަސް ވިދާޅުވެ ފާޑުވިދާޅުވުމުންނެވެ.

ސަރުކާރުން މިހާރު ވަނީ އެ ތިން ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑުކޮށްފައެވެ. އެ މައްސަލައިގައި ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ އޮފިޝަލުންގެ ބަހަކީ ސަރުކާރުގެ ބަސް ނޫން ކަމަށެވެ.

އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އިންޑިއާގެ ބައެއް މީހުން ރާއްޖެ ބޮއިކޮޓް ކުރުމަށް ކެމްޕޭނު ކުރަމުންދާއިރު "މޯލްޑިވްސް އައުޓް" ކެމްޕޭނެއްވެސް ދަނީ ހިންގަމުންނެވެ. އަކްޝޭ ކުމާރާއި ސަލްމާން ހާން ފަދަ ބޮލީވުޑުގެ މަޝްހޫރު ތަރީންވެސް ރާއްޖެ ބޮއިކޮޓް ކުރުމުގެ ހަރަކާތާ ވަނީ ގުޅިފައެވެ.

އީޒް މައި ޓްރިޕްގެ ރާއްޖޭގެ ބުކިންތައް ކެންސަލްކޮށްފައިވާއިރު، ސޯޝަލް މީޑިއާގައި އިންޑިއާގެ ގިނަ ބަޔަކު ދަނީ އެމީހުން ރާއްޖެއަށް ކުރަން ބުކް ކުރި ދަތުރު ކެންސަލްކޮށްފައިވާ ކަމަށް ބުނަމުންނެވެ.