ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ވަޑައިގަންނަވައިފިއެވެ.

ރޭގެ ވަގުތެއްގައި ފުރާވަޑައިގެންނެވުމަށްފަހު ރައީސް ޗައިނާއަށް ވަޑައިގަތީ މިއަދު ހެނދުނު ކަމަށް ރައީސް އޮފީހުން ބުންޏެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ކެބިނެޓުގެ ވަޒީރުން ހިމެނޭހެން ސަރުކާރު އޮފިޝަލުންގެ އިސް ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ޗައިނާ ސަރުކާރުގެ އިސް އޮފިޝަލުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުގައި، ދެގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުންތައް ބައްވާނެ ކަމަށެވެ. އެގޮތުން ވިޔަފާރިއާއި އިޖުތިމާއީ ދާއިރާއާއި އިގުތިސާދީ އަދި ޓެކްނޮލޮޖީ ދާއިރާގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން ޗައިނާގެ ބައެއް ވިޔަފާރިވެރިންނާވެސް ރައީސް ޑރ. މުއިއްޒު ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.