އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ސަރުކާރުގެ އޮފިޝަލުންތަކެއް ބަދުބަސް ވިދާޅުވި މައްސަލައިގައި، އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުވާން އަންގައިފިއެވެ.
އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަދީބް ޕްރޮމޯޓް ކުރުމުގެ ނަމުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމާ ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނެއް ހިންގަމުންދާ މި ދަނޑިވަޅުގައި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު މޯދީއަށް ބަދުބަސް ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގެ މައްސަލަ ހޫނުވެފަައިވާ އިރު، އެ ތިން ޑެޕިއުޓީ މިނިސްޓަރުން ވެސް މިހާރު ވަނީ ސަސްޕެންޑުކޮށްފައެވެ.
އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އޮފިޝަލަކު "ވަން"އަށް މިއަދު ވިދާޅުވީ ސަފީރު ޝަހީބު ހެނދުނުގެ ވަގުތެއްގައި އެ މިނިސްޓްރީއަށް ހާޒިރުވާން ހަމަޖެހިފައިވާ ކަމަށާއި އެ ބައްދަލުވުމަކީ އާންމުކޮށް ވެސް އެފަދަ ކަމެއް ހިނގުމުން ސަފީރުންނާއެކު ބާއްވާ ބައްދަލުވުންތަކެއް ކަމަށެވެ.
މޯދީއަށް ބަދުބަސް ވިދާޅުވި މައްސަލައިގައި ސަސްޕެންޑުކޮށްފައިވަނީ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފު އަދި އަބްދުﷲ މަހުޒޫމް މާޖިދެވެ. އެބޭފުޅުން ސަސްޕެންޑުކޮށްފައި ވަނީ ގިނަ ބަޔަކު އެ މައްސަލައިގައި ފާޑުކިޔުންތައް އަމާޒުކުރާ ދަނޑިވަޅެއްގައެވެ.
އެ މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ސަރުކާރުގެ އެ އޮފިޝަލުންގެ ހިޔާލަކީ ސަރުކާރުގެ ބަސް ނޫން ކަމަށާއި ކޮންމެ މީހަކަށްވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެކަން ގަބޫލުކުރާ ނަމަވެސް، އެ މިނިވަންކަން އޮންނަން ވާނީ ވަކި ހަމަތަކެއްގެ މަތީން ކަމަށެވެ. އަދި އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ވެސް ބުންޏެވެ.
އިންޑިއާގެ ބައެއް އާންމުން ސޯޝަލް މީޑިއާގައި މޯލްޑިވްސް އައުޓްގެ ނަމުގައިވެސް ދަނީ ކެމްޕޭން ކުރަމުންނެވެ. ލަކްޝަދީބަކީ އިންޑިއާގެ ރައްޔިތުންނަށް ރަނގަޅު މަންޒިލެއްކަން ފާހަގަކޮށް، ރާއްޖެއަށް އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު މަދުވެއްޖެ ނަމަ، އެކަމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށްބުނެ ރާއްޖެ ބޮއިކޮޓް ކުރުމަށްވެސް ދަނީ ގޮވައިލަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު