ފުލުހުންގެ އިސްވެރިންނަށް ދިނުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަންތައް ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަަމަށް ސިވިލް ކޯޓުން ކުރި އަމުރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
އޭސީސީން، ސިވިލް ކޯޓުގެ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާފައި ވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ. އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
ފުލުހުންގެ އިސްވެރިންނަށް ދިނުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަންތައް ހުއްޓުވައި ދިނުމަށް އެދި އޭސީސީން މިދިޔަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، ފުލުހުންގެ ތެރެއިން ބައެއް އިސްވެރިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ހިދުމަތުގެ ވަކި މުވައްޒަފުންތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުން، މަގާމުގެ ކުރިއެރުން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެ ކޮމިޝަނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެ ކޮމިޝަނުން ވަކިގޮތެއް އަންގަންދެން ފުލުހުންނަށް މަގާމުގެ ކުރިއެރުން ދިނުމުގެ މަސައްކަތް މަޑުޖައްސާލަންވެސް އެންގި ނަމަވެސް އެއީ ގާނޫނީ އިމުގެ ބޭރުން އެންގި އެންގުމެއް ކަމަށް ބުނެ އަދި އެ އެންގުމަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ބުނެ، ފުލުހުންގެ ހިދުމަތުން، އެ ހިދުމަތުގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދީފައިވާ ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.
އޭސީސީން ބުނި ގޮތުގައި، ފުލުހުންގެ ހިދުމަތުގެ އެ އަމަލަކީ އެ ކޮމިޝަންގެ ގާނޫނީ ޒިންމާއާއި ވާޖިބު އަދާކުރުމަށް ހުރަސް އެޅުމަށް ކުރި ކަމެކެވެ.
އެހެންވެ އޭސީސީން އެދިފައިވަނީ، މައްސަލައިގައި ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން ނުވަތަ ފައިސަލާކުރަނިވި ހުކުމެއް ކުރެވެންދެން ޕްރޮމޯޝަންގެ ކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމުގެ އަމުރަކަށެވެ.
މަގާމުގެ ކުރިއެރުން ލިބިގެން ތިންވަނަ ފަރާތެއްގެ ހައްގު އުފެދިދާނެ އެއްވެސް ކަމެއް ނުކުރުމަށާއި އެފަދަ ކަމެއް ކުރުމަށް ނިންމުމެއް ނިންމާފައިވާނަމަ، އެ ނިންމުން ތަންފީޒުކުރުން ހުއްޓުވުމަށާއި އެކަމާ ގުޅިގެން އިތުރު އެއްވެސް މަސައްކަތެއް ނުކުރުމާއި މައްސަލައިގައި ޝަރީއަތުން ކުރާ ހުކުމް ތަންފީޒު ކުރުމަށް ހުރަސް އެޅިދާނެ ފަދަ ނުވަތަ މަގުސަދު ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށް ދިނުމަށްވެސް އެދުނެވެ.
ދައުވާއަށް ޖަވާބުދާރީވެ ފުލުހުންގެ ހިދުމަތުގެ ފަރާތުން ބުނެފައިވަނީ، އޭސީސީން އެދިފައިވާ ކަންކަމަށް ބަލާއިރު، ވަގުތީ އަމުރަކަށް އެދޭ ފަރާތަށް ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ނެތް ކަމަށެވެ. ވަގުތީ އަމުރެއް ނެރެނުދިނުމުގެ ސަބަބުން، އޭސީސީއަށް ލިބޭނެ އިއާދަނުކުރެވޭނެ ގެއްލުމެއް ވެސް ނެތް ކަމަށާއި ވަގުތީ އަމުރެއް ނެރެނުދީފިނަމަ، އޭސީސީގެ ގެއްލޭ މަސްލަހަތަށްވުރެ ދައުލަތުގެ ރައްކާތެރިކުރެވޭ މަސްލަހަތު ބޮޑުކަމަށް ފުލުހުންގެ ފަރާތުން ބުންޏެވެ.
އެހެންކަމުން އޭސީސީން އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ދެކޭ ކަމަށް ފުލުހުންގެ ހިދުމަތުގެ ފަރާތުން ބުންޏެވެ.
ސިވިލް ކޯޓުން މިދިޔަ މަހުގެ 20 ވަނަ ދުވަހު އެ މައްސަލައިގެ ނެރުނު އަމުރުގެ ރައުޔުގައި ގާޒީ އަލީ އަބްދުﷲ ވިދާޅުވެފައި ވަނީ ކޯޓަށް ހުށަހެޅިފައިވާ ދައުވާއެއްގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިއަށް ވަގުތީ ފަރުވާއެއް ހޯދައިދިނުމުގެ ގޮތުން ނުވަތަ ވަގުތީ ރައްކާތެރިކަމެއް ހޯދައިދިނުމުގެ ގޮތުން ވަގުތީ އަމުރެއް ނެރެވިދާނެ ކަމަށެވެ.
އަދި އަވަސް މައްސަލައެއްގެ ގޮތުގައި ވަގުތީ އަމުރެއް ނެރެދިނުމަށް، ވަގުތީ އަމުރަށް އެދޭ ފަރާތުން އެދިފައިވާ އެދުމުގެ މައްޗަށް ބަލާއިރު "އަވަސް މައްސަލައެއްގެ ގޮތުގައި ވަގުތީ އަމުރަކަށް އެދޭ ނަމަ، އަމުރަށް އެދޭ ފޯމު ހުށަހަޅާއިރު، ކޯޓުން ނެރެދޭންވީ އަމުރުގެ އިބާރާތެއް އޮންނަން އެދޭ ގޮތް ބަޔާންކުރާ ލިޔުމެއް ހިމަނަންވާނެ ކަމަށާއި އަދި އެ ލިޔުމުގެ ސްފޮޓު ކޮޕީ ކޯޓަށް" ހުށަހަޅަންވާނެ ކަމަށް ވިދާޅުވިއެވެ.
"ވަގުތީ އަމުރަށް އެދޭ ފަރާތުން ކޯޓު އަމުރު އޮންނަން އެދޭ ގޮތް ބަޔާންކުރާ ލިޔުމާއި އަދި އެ ލިޔުމުގެ ސޮފްޓު ކޮޕީ ކޯޓަށް ހުށަހަޅާފައިނުވެއެވެ" ގާޒީ ވިދާޅުވެފައިވެއެވެ. އަދި ވިދާޅުވެފައިވަނީ އޭސީސީއަށް ހުށަހަޅާ މައްސަލައެއްގެ ތަހުގީގު ކުރުމަށްފަހު، ތުހުމަތުވާ ފަރާތަށް ދެކޮޅަށް އެކަށީގެންވާ ހެކި ލިބިއްޖެ ނަމަ ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވަންވާނެ ކަމަށެވެ.
އޭސީސީން، ފުލުހުންގެ ހިދުމަތުގެ މައްޗަށް އެންގި އެންގުމަށް، ފުލުހުންގެ ހިދުމަތުން އަމަލު ނުކުރުމަކީ "ވަގުތީ އަމުރަށް އެދޭ ފަރާތަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުން ދީފައިވާ ތަހުގީގު ކުރުމުގެ ބާރަށް ހުރަސް އެޅިގެންދާ ކަމަކަށް ނުވާތީ، ވަގުތީ އަމުރުތައް ނެރުމުގައި ކޯޓުން ފުރިހަމަވޭތޯ ބަލަންޖެހޭ ކަމަށް ކަނޑައަޅުއްވާފައިވާ އާންމު ތިން ޝަރުތު، ވަގުތީ އަމުރަށް އެދޭ ފަރާތުގެ ކިބައިގައި ފުރިހަމަވެފައި ނުވާކަން އެނގޭ" ކަމަށްވެސް ގާޒީ ވިދާޅުވެފައިވެއެވެ.
އެހެންވެ ގާޒީ އަމުރުކުރެއްވީ އޭސީސީން އެދުނު ގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު