ކުލަބު ވެލެންސިއާގެ ޗެއާމަންކަމުގެ މަގާމުން އަބްދުﷲ އަޒްމީން ވަކިކުރަން ވެލެންސިއާގެ ބޯޑުން ނިންމި ނިންމުން ސައްހަ ނުވާނެ ކަމަށާއި، ކްލަބުގެ މަސްލަހަތަށްޓަކައި މަސައްކަތް ކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ވެލެންސިއާގެ ބޯޑުގެ ބައެއް މެންބަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވެލެންސިއާގެ ބޯޑު މެމްބަރު ހަސަން ވަހީދު ވިދާޅުވީ, ކުލަބު ވެލެންސިއާ އިން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބުގައި ތާއީދުކުރަނީ މުފާވިޒް ހާޝިމް (މުފާ) އަށް ކަމަށެވެ. އަދި އަޒްމީން އޭރު އަހުމަދު ތޯރިގް (ޓޮމް)އަށް ތާއީދު ކުރަން ނިންމި ނިންމުން އެއީ ސައްހަ ނިންމުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ވެލެންސިއާގެ މައްސަލަ ފުރަތަމަ ގޯސްވީ، ޓޮމްއާއި މުފާއަށް ތާއީދުކޮށް، ދެ ތާއީދު ސިޓީއެއް އެފްއޭއެމްއަށް ހުށަހެޅުމުންނެވެ. އެ މައްސަލައިގައި ގޮތެއް ނިންމުމަށް ގާނޫނީ ލަފާ ދިނުމަށް އެފްއޭއެމުން ވަނީ ފީފާ އަދި އޭއެފްސީގައި އެދިފައެވެ.
މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެކަމުގައި ގޮތެއް ނިންމަައި ދެއްވުމަށް އެފްއޭއެމްގެ އިންތިހާބު ކަންކަން ބަލަހައްޓާ އިލެކްޓޯރަލް ކޮމެޓީން ވަނީ އެދިފައެވެ. އެ މައްސަލަތަކުގައި އިންތިހާބު މަޑުޖައްސާލަން ސްޕޯޓްސް ކޮމިޝަނަރު އެދިފައިވާ އިރު، އެފްއޭއެމުން މަސައްކަތްކުރަނީ އިންތިހާބު ބޭއްވުމަށެވެ.
މިއަދު ބޭއްވި ޕްރެސްގައި ވެލެންސިއާގެ ބޯޑު މެމްބަރު ހަސަން ވަހީދު ވިދާޅުވީ ވެލެންސިއާގެ ޗެއާމަންކަމުން އަޒްމީން މިދިޔަ މަހު 26 ވަނަ ދުވަހު އިސްތިއުފާދީ ސިޓީއެއް "ވަޓްސްއެޕް" ކުރެއްވި ކަމަށެވެ. އަދި އެ ސިޓީ ވަޓްސްއެޕް ކުރުމުން ކުލަބު ވެލެންސިއާގެ މެއިލުން އެކަން އެފްއޭއެމްއާ ހިއްސާކުރެއްވި ކަމަށެވެ.
އެ މެއިލްގެ ކަންތަކުގައި އަޒްމީން "ވަން ސްޕޯޓްސް"އަށް ވިދާޅުވީ އެ ސިޓީއަކީ އޭނާ ފޮނުއްވެވި ސިޓީއެއް ނޫން ކަމަށެވެ. ހަސަން ވަހީދު ވިދާޅުވީ, ވެލެންސިއާގެ މެއިލް އޮންނަނީ އަޒްމީން އަތުގައި އެކަނި ކަމަށާއި, އެ މެއިލް ވަނީ "ހިސޯރު" ކޮށްފައި ކަމަށެވެ. އަދި ވެލެންސިއާގެ މެއިލްގެ ޕާސްވޯޑް މި ފަހުން ދީފައިވެސް އެ ޕާސްވޯޑް ވަނީ އިރުކޮޅެއްގެ ތެރޭގައި ބަދަލުކޮށްފައި ކަމަށެވެ. އެހެން ނަމަވެސް އެކަންވެސް އަޒްމީން ވަނީ ދޮގުކުރައްވައިފައެވެ.
އަޒްމީން މިއަދު ވިދާޅުވީ ވެލެންސިއާއިން ފުރަތަމަ ޓޮމްއަށް ތާއިދުކުރީ ފަސް މެމްބަރުންގެ ތާއީދާ އެކުގައި ކަމަށާއި، އެއީ އަށް މެމްބަރުން މިހާރު ހިމެނޭ އެކްސްކޯއަކުން ކަމަށެވެ. އަދި އެ ތާއީދު ފަހުން ބައެއް މެމްބަރުން ބަދަލުކޮށް، މުފާއަށް ތާއީދު ކުރީ ކަމަށްވެސް އަޒްމީން ވިދާޅުވިއެވެ.
އަޒްމީން ވިދާޅުވީ ވެލެންސިއާ އޮތް ދަރަނީގެ ހާލަތުން ވެލެންސިއާއަށް އެންމެ ރަނގަޅު ގޮތަކަށް ކަންކަން ކުރަން ބޭނުންވާ ކަމަށާއި، ވެލެންސިއާގެ ޒަމާންވީ ސަޕޯޓަރެއްގެ ހައިސިއްޔަތުން އެދޭ އެދުމަކީ ކްލަބަށް އެންމެ ރަނގަޅަށް މިވަގުތު ކަންކަން ކޮށްދިނުމަށް ކަމަށެވެ.
އަޒްމީން އިތުރަށް ވިދާޅުވީ "ނޯ ކޮންފިޑެންސް" ނެގީ އޭނާއަށް ނޭނގި ކަމަށާއި، އެ ނިންމުން ސައްހަ ވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
މިއަދު ޕްރެސްގައި ވެލެންސިއާގެ ފަރާތުން ހަސަން ވަހީދު ވިދާޅުވީ އަޒްމީންގެ އިތުބާރު ނެތް ކަމަށް ނިންމީ އަޒްމީން ޓޮމް އަތުން ފައިސާ ނެގިކަން ތުހުމަތުކުރެވުމުން ކަމަށާއި، އަޒްމީން ވެލެންސިއާގެ ސްޓޭމްޕް ނުގަވައިދުން ބޭނުންކޮށްފައިވާ ކަމަށެވެ. އެކަމަށްވެސް އަޒްމީން ވަނީ އިންކާރު ކުރައްވައިފައެވެ.
ކްލަބު ވެލެންސިއާ
ކްލަބު ވެލެންސިއާ
ކްލަބު ވެލެންސިއާ
ކްލަބު ވެލެންސިއާ