މިސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗަކަށް ކްލަބް ގްރީން ސްޓްރީޓްސް ހާޒިރުނުވި މައްސަލައިގައި އެ ކްލަބާ ދެކޮޅަށް އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން އަޅާފައިވާ ފިޔަވަޅާ ގުޅޭގޮތުން ކްލަބު ވެލެންސިއާއިން ކުރި އިސްތިއުނާފު ބަލައި ނުގަންނަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

ފުޓުބޯޅަ ފޯމެޓަށް ގެނައި ބަދަލާއެކު މިފަހަރު އޮތީ ލީގުގެ ފުލަށް ދާ ދެޓީމު އޮޓޮމެޓިކުން ރެލިގޭޓްވާނެ ގޮތަށެވެ. މިފަހަރު ލީގުގެ އެންމެފަހު މެޗުތަކަށް ނުކުތް އިރު، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އޮތީ ރެލިގޭޓް ވެފައެވެ. ދެވަނަ ޖާގައިން ސަލާމަތްވާން ވެލެންސިއާއި ގްރީން ސްޓްރީޓްސްއިން މަސައްކަތް ކުރި އިރު، ވެލެންސިއާއިން ވަނީ ފަހު މެޗުގައި ކްލަބު އީގަލްސް ކައިރިން 2-0 އިން މޮޅުވެ، ކުޑަ އުންމީދެއް ހޯދައިފައެވެ.

ގްރީނުން ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެޓީމު ހާޒިރުވެފައި ނުވާ އިރު، ގްރީން ރެލިގޭޝަނުން ސަލާމަތްވާން އޮތް ގޮތަކީ އެ މެޗުން ޕޮއިންޓެއް ހޯދުން ނޫނީ، ފަސް ގޯލަށްވުރެ ކުޑަ ނަތީޖާއެއް ހިފަހައްޓާލުމެވެ. ގްރީނުން ކުޅުންތެރިން ހަމަނުވެގެން ކަމަށްބުނެ މެޗު ދޫކޮށްލުމުން އެ މެޗުން ބަލިވީ 2-0 އިންނެވެ. އެ ހިސާބުން ވެލެންސިއާ ވަނީ ރެލިގޭޓް ވެފައެވެ.

ގްރީން ސްޓްރީޓްސް ގަސްދުގައި މެޗަށް ހާޒިރުނުވި ކަމަށް ވެލެންސިއާއިން ފާހަގަކޮށް، އެ ކްލަބުން ބުނީ އެއީ މެޗް ފިކްސިންގެ އަމަލެއް ކަމަށެވެ. ވެލެންސިއާއިން މައްސަލަ ހުށަހެޅުމުން އެފްއޭއެމްއިން ނިންމީ ގްރީން ސްޓްރީޓްސް 50،000 ރުފިޔާއިން ޖޫރިމަނާ ކޮށް، އެންމެ އަވަހަށް އަންނަ ޓްރާންސްފާ މާކެޓުގައި ގްރީން ސްޓްރީޓްސްއަށް ހަރަކާތްތެރި ނުވެވޭނެ ގޮތަށް ޓްރާންސްފާ ބޭން ކުރުމަށެވެ.

އެ ނިންމުން އިސްތިއުނާފުކުރަން ފުރަތަމަ ފުރުސަތު ދިނީ ގްރީނަށް އެކަންޏެވެ. ފަހުން އެ ފުރުސަތު ވެލެންސިއާއަށް ދިންކަން އެނގިފައިވާ އިރު، ވެލެންސިއާއިން ވަނީ އެ ނިންމުން ބަލައިދޭން ފީފާއާއި އޭއެފްސީއަށްވެސް އެދިފައެވެ.

އެ މައްސަލައިގައި ވެލެންސިއާގެ އިސްތިއުނާފު ބަލައިނުގަންނަން އެފްއޭއެމްގެ އެޕީލްސް ކޮމިޓީން ނިންމާފައި ވަނީ ވެލެންސިއާގެ އިސްތިއުނާފު ހުށަހެޅީ މުއްދަތު ހަމަވި ފަހުން ކަމަށް ބުނެއެވެ. އެގޮތުން އެފްއޭއެމްއިން ބުނެފައި ވަނީ ޑިސިޕްލިނަރީ ކޮމިޓީގެ މައްސަލައިގައި އެޕީލްކުރަން ވެލެންސިއާއަށް ދިން ހަތް ދުވަހުގެ މުހުލަތުގެ ތެރޭގައި އެކަން ނުކޮށް، މުއްދަތު ހަަމަވި ފަހުން އެޕީލްކުރުމާ ގުޅިގެން މައްސަލަ ބެލެން ނެތް ކަމަށެވެ.

ވެލެންސިއާގެ ނުރުހުން، އިސްތިއުނާފަށް ފުރުސަތެއް ނުދޭ

އެފްއޭއެމްގެ އެ ނިންމުމާއެކު ވެލެންސިއާއިން ވަނީ ބަޔާން ނެރެފައެވެ. އެ ކްލަބުން ބުނީ އެ މައްސަލައިގައި އެފްއޭއެމްއިން އިސްތިއުނާފަށް ފުރުސަތު ނުދޭ ކަމަށާއި، މީޑިއާތަކަށް ދީފައި ވަނީ ސައްހަ ނޫން މައުލޫމާތު ކަމަށެވެ.

ވެލެންސިއާއިން ބުނީ ފުރަތަމަ އިސްތިއުނާފް ކުރަން ފުރުސަތު ދިނީ ގްރީނަށް އެކަނި ކަމަށާއި، އެކަން ވެލެންސިއާއިން ފާހަގަކުރިތާ ހަތަރު ގަޑިއިރު ފަހުން އެ ކްލަބަށް އިސްތިއުނާފުކުރެވޭނެކަން އެންގީ ޑިސިޕްލިނަރީ ކޮމިޓީގެ އިތުރު ނިންމުމަކާ ނުލައި ކަމަށެވެ. އަދި އޭގެ ސަބަބުން ޑިސިޕްލިނަރީ ކޮމިޓީއަށް އެފްއޭއެމްގެ ނުފޫޒު ފޯރާ ކަމަށް ބެލެވިފައިވާ ކަމަށް ވެލެންސިއާއިން ބުންޏެވެ.

އެއާއެކު ވެލެންސިއާގެ ބަޔާނުގައި ބުނީ މިދިޔަ މަހު 12 ވަނަ ދުވަހު، އިސްތިއުނާފަށް ހުށަހަޅާފައިވާނެ ކަމަށާއި، އަދި އެކަމުގެ ލިޔުންތައް ހިއްސާކޮށްދޭން އެދުނު ކަމަށެވެ. އެއީ މެޗުގެ ރެފްރީ ރިޕޯޓާއި މެޗު ކޮމިޝަނަރުގެ ރިޕޯޓުގެ އިތުރުން އެޕީލް ކޯޑު ކަމަށްވެސް ވެލެންސިއާއިން ބުންޏެވެ. އަދި އޭގެ ތެރެއިން އެޕީލް ކޯޑު ނެތް ކަމަށް އަންގާފައިވާ ކަމަށްވެސް އެ ކްލަބުން ބުންޏެވެ.

އެގޮތަށް ވެލެންސިއާއިން އެދިފައިވާތީ، ޑިސިޕްލިނަރީ ކޯޑުގެ ދިވެހި، އިނގިރޭސި ކޮޕީއާއި މައްސަލަ ނިންމި ގޮތުގެ ރިޕޯޓު އެފްއޭއެމްއިން އެ ކްލަބަށް ދީފައި ވަނީ 17 ފެބްރުއަރީގައި ކަމަށް ވެލެންސިއާއިން ބުނެފައިވާ އިރު، އެއީ އެފްއޭއެމްއިން ދިން ހަތް ދުވަހުގެ މުއްދަތު ހަމަވިތާ ދެ ދުވަސް ފަސް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އޭގެ އިތުރުން މައްސަލައިގައި އިސްތިއުނާފުކުރުމަށް އެފްއޭއެމްގައި ބަހައްޓަން ޖެހޭ 3000 ރުފިޔާ ބަލައިގަންނާނެ ގޮތެއް ނުވަތަ ޖަމާކުރަން ޖެހޭ އެކައުންޓް ނަމްބަރު ފަދަ އެއްވެސް އަސީސީ މައުލޫމާތެއް އެފްއޭއެމްއިން ނުދޭ ކަަމަށްވެސް ވެލެންސިއާއިން ފާހަގަކޮށްފައިވެއެވެ.