ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ކުޅެން އޮތް މެޗަށް ގަސްދުގައި، ހާޒިރުނުވެ، ކްލަބް ގްރީން ސްޓްރީޓްސްއިން މެޗު ފިކްސްކުރުމުގެ އަމަލެއް ހިންގާފައިވާ ކަމަށް ކްލަބު ވެލެންސިއާއިން ބުނި ނަމަވެސް، އެ ތުހުމަތުތަކަށް ގްރީނުން އިންކާރު ކޮށްފިއެވެ.
ފުޓުބޯޅަ ފޯމެޓަށް ގެނައި ބަދަލާއެކު މިފަހަރު ލީގުގެ ފުލަށް ދާ ދެޓީމު އޮޓޮމެޓިކުން ރެލިގޭޓްވާނެއެވެ. މިހަފުތާގެ މެޗުތަކަށް ނުކުތް އިރު، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އޮތީ ރެލިގޭޓް ވެފައެވެ. ދެވަނަ ޖާގައިން ސަލާމަތްވާން ވެލެންސިއާއި ގްރީން ސްޓްރީޓްސްއިން މަސައްކަތް ކުރި އިރު، މިހަފުތާ ވެލެންސިއާއިން ވަނީ ކްލަބު އީގަލްސް ކައިރިން 2-0 އިން މޮޅުވެ، ކުޑަ އުންމީދެއް ހޯދައިފައެވެ.
އިއްޔެ ގްރީން މެޗަށް ނުކުންނަން އޮތް އިރު، ވެލެންސިއާއަށް ސަލާމަތްވެވެން އޮތް ގޮތަކީ، ލީގުގައި އިއްޔެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފަސް ގޯލުގެ ތަފާތުން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފިނަމައެވެ. އެއީ ވެލެންސިއާއަށް ގެއްލުން 28 ގޯލު އޮތް އިރު، ގްރީން ސްޓްރީޓްސް އަށް ގެއްލުން އޮތީ 24 ގޯލް ކަމަށްވީމައެވެ. އެ ދެޓީމަށްވެސް 18 މެޗުން 12 ޕޮއިންޓް ލިބިފައިވެއެވެ. އެމެޗަށް ގްރީން ނުދިޔުމުން މެޗުން ބަލިވީ 2-0 އިން ކަމަށްވުމާއެކު، އެ ނަތީޖާއާއެކު ގްރީނަށް ވަނީ އޮޓޮމެޓިކް ރެލިގޭޝަން ޖާގައިން ސަލާމަތްވެފައެވެ.
އެމެޗަށް ގްރީންގެ ކުޅުންތެރިން ހަމަ ނުވާ ކަމަށް އެފްއޭއެމްއިން ބުންޏެވެ.
އެކަމުގައި ވެލެންސިއާއިން ނެރުނު ބަޔާނުގައި ބުނީ ގްރީނުން މެޗަށް ހާޒިރުނުވުމަކީ ގަސްދުގައި ކުރި "މެޗު ފިކްސިން" ގެ އަމަލެއް ކަމަށެވެ. އަދި އެއީ، ވެލެންސިއާގެ ހައްގަކަށް އަރައިގަތުމަށް ހިންގި އަމަލެއް ކަމަށާއި، އެއީ އިއްޔެ މެޗުގައި ގްރީން ސްޓްރީޓްސް އިން ވާދަކުރަން އޮތް ނިއު އާއި އެހެން ކްލަބްތަކާއި އެ ޓީމުގެ ކުޅުންތެރިންގެ ހައްގުތަކެއް ވެސް ގެއްލިގެންދާ ކަމެއް ކަމަށް ވެލެންސިއާ އިން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ގްރީނުންވެސް ބަޔާނެއް ނެރެފައިވެއެވެ. އެ ބަޔާނުގައި ބުނީ ކްލަބުން ގަސްދުގައި މެޗަށް ހާޒިރުނުވެ، މެޗު ފިކްސް ކުރި ކަމަށް ބުނެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އެކަމުގައި ރަސްމީ ފަރާތްތަކުން ކަންތައްތައް ހިނގައިދިޔަ ގޮތް ރަނގަޅަށް ބަލައިނުނިމެނީސް، މީޑިއާއާއި އާންމުންވެސް، ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ނުދެއްކުމަށް އެދޭކަމަށް ގްރީނުން ބުންޏެވެ. އޭގެ އިތުރުން ބަޔާނުގައި ބުނީ ގްރީނުން އަބަދުވެސް ހެދިފައިވާ ގަވާއިދުތަކަށް ބޯލަނބާނެ ކަމަށާއި އަމަލުތައް ބަހައްޓަނީ ގަވާއިދުގެ ތެރެއިން ކުޅިވަރުގެ މަސްލަހަތު ހިފެހެއްޓޭނެ ގޮތަށް ކަމަށެވެ.
ކްލަބު ގްރީން ސްޓްރީޓްސް
ކްލަބު ގްރީން ސްޓްރީޓްސް
ކްލަބު ގްރީން ސްޓްރީޓްސް