ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ކުޅެން އޮތް މެޗަށް ހާޒިރުނުވުމުން ކްލަބު ގްރީން ސްޓްރީޓްސް ޖޫރިމަނާކޮށް، ޓްރާންސްފާ ބޭންގެ އަދަބެއް ދޭން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމި ނިންމުން ބަލައި ނުގަންނަ ކަމަށް ކްލަބު ވެލެންސިއާއިން ބުނެފިއެވެ.

ފުޓުބޯޅަ ފޯމެޓަށް ގެނައި ބަދަލާއެކު މިފަހަރު އޮތީ ލީގުގެ ފުލަށް ދާ ދެޓީމު އޮޓޮމެޓިކުން ރެލިގޭޓްވާނެ ގޮތަށެވެ. މިހަފުތާގެ މެޗުތަކަށް ނުކުތް އިރު، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އޮތީ ރެލިގޭޓް ވެފައެވެ. ދެވަނަ ޖާގައިން ސަލާމަތްވާން ވެލެންސިއާއި ގްރީން ސްޓްރީޓްސްއިން މަސައްކަތް ކުރި އިރު، މިހަފުތާ ވެލެންސިއާއިން ވަނީ ކްލަބު އީގަލްސް ކައިރިން 2-0 އިން މޮޅުވެ، ކުޑަ އުންމީދެއް ހޯދައިފައެވެ.

ގްރީނުން ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެޓީމު ހާޒިރުވެފައި ނުވާ އިރު، ގްރީން ރެލިގޭޝަނުން ސަލާމަތްވާން އޮތް ގޮތަކީ އެ މެޗުން ޕޮއިންޓެއް ހޯދުން ނޫނީ، ފަސް ގޯލަށްވުރެ ކުޑަ ނަތީޖާއެއް ހިފަހައްޓާލުމެވެ. ގްރީނުން ކުޅުންތެރިން ހަމަ ނުވެގެން ކަމަށްބުނެ މެޗު ދޫކޮށްލުމުން އެމެޗުން ބަލިވީ 2-0 އިންނެވެ. އެހިސާބުން ވެލެންސިއާ ވަނީ ރެލިގޭޓް ވެފައެވެ.

އެ މައްސަލަ ވެލެންސިއާއިން ހުށަހަޅާފައިވަނީ މެޗް ފިކް ކުރި ކަމަށް ބުނެއެވެ.

މައްސަލައިގައި އެފްއޭއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ޕްރިމިއާ ލީގު 2026/2025 ގެ ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން ގްރީން ސްޓްރީޓްސް 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާ، އެޓީމު ކުރިއަށް އޮތް ޓްރާންސްފާ ވިންޑޯއަށް ބޭން ކޮށްފައިވާ ކަމަށެވެ.

embed-article:https://oneonline.mv/116638

އެ ނިންމުމާ ގުޅިގެން ވެލެންސިއާއިން ނެރުނު ބަޔާނުގައި ބުނީ އެފްއޭއެމްގެ ނިންމުން އެ ކްލަބުން ގަބޫލުނުކުރާ ކަމަށެވެ. އެކަމުގެ ސަބަބުތައް ހަތަރު ނުކުތާއަކުން ބަޔާން ކޮށްފައިވެސްވެއެވެ.

ވެލެންސިއާއިން ބުނީ މެޗެއް ނުކުޅެ ނަތީޖާ ކަނޑައެޅުމާއި މެޗު ކުޅެގެން ނަތީޖާ ކަނޑައެޅުމަކީ މުޅިން ތަފާތު ދެ ހާލަތެއް ކަމަށާއި، އެފްއޭއެމްއިން ގްރީން ސްޓްރީޓްސްއިން މެޗު ފިކްސް ކުރި ކަމަށް ގަބޫލުކުރާ ހިނދު އެ ކުށަށް ދީފައިވާ އަދަބަކީ ލުއި އަދަބެއް ކަމަށެވެ. އެގޮތުން މެޗް ފިކްސިންއަކީ ހަރުކަށި އަދަބު ދޭން ޖެހޭ ކުށެއް ނަމަވެސް، އެފްއޭއެމްއިން ދިން އަދަބު ދެކޮޅު ނުޖެހޭ ކަމަށް ވެލެންސިއާއިން ބުންޏެވެ.

އޭގެ އިތުރުން ވެލެންސިއާއިން ބުނީ ޓްރާންސްފާ ބޭންކޮށްފައި ވަނީވެސް ހަމަ ޖެހޭ އުސޫލަކުން ނޫން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ޓްރާންސްފާ ޕީރިއަޑަކީ މެއި ނޫނީ ޖޫން މަހުގެ އަންނަ ޓްރާންސްފާ ޕީރިއަޑަކަށްވީ އިރު، އޭގެ ކުރިން ގްރީނަށް ކްލަބުގައި ތިބި ކުޅުންތެރިންގެ އެއްބަސްވުން އާކޮށް، ރަޖިސްޓްރީ ކުރަން ފުރުސަތު ލިބޭ ކަމަށެވެ.

އެއާއެކު ވެލެންސިއާއިން ބުނީ ޓްރާންސްފާ ބޭންއަކީ ފުޓުބޯޅައިގެ ކޮންމެ ދުވަހު އާއްމުކޮށް ހިނގާ ކަންކަމުގައި ދެމުން ގެންދާ ފަދަ ދަރަޖަ ދަށް އަދަބެއް ކަމަށެވެ. އަދި އެ އަދަބަކީ އާއްމުކޮށް މުސާރައިގެ މައްސަލަތަކުގައި ފީފާއިން ދޭ އަދަބެއް ކަމަށްވެސް ވެލެންސިއާއިން ބުންޏެވެ. އަދި ޖޫރިމަނާއަކީ ރަތް ކާޑުތަކަށާއި، ރީނދޫ ކާޑުތަކަށް ދޭ އަދަބެއް ކަމަށްވެސް އެ ކްލަބުން ފާހަގަކޮށް، އިތުރަށް ބުނީ މައްސަލަ ނިންމުމުގައި އެ ކްލަބުގެ ހުށަހެޅުމަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށެވެ.

މައްސަލަ ހުށަހެޅީ ވެލެންސިއާއިން ނަމަވެސް، އިސްތިއުނާފު ކުރުމަށް ދީފައި ވަނީ ގްރީން ސްޓްރީޓްސްއަށް އެކަނި ކަމަށާއި، އެ މައްސަލައިގައި ގްރީންގެ ޕޮއިންޓް އުނިކުރުން، ނޫނީ ރެލިގޭޓް ކުރުން ފަދަ އަދަބެއް ނުދީ އޮތީ ފުޓުބޯޅައަށްވުރެ އެހެން ކަންކަން އިސްކޮށް، ބާރުގަދަ އަތްތަކަކަށް ދީލާލުމުގެ ގޮތުން ކަމަށްވެސް ވެލެންސިއާއިން ބުންޏެވެ.