ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ހާއްސަ އޮޑިޓެއް ކުރަން ބަޔަކު ފޮނުވައިފިއެވެ.
ފީފާއިން އާންމު ގޮތެއްގައިވެސް އެފްއޭއެމް އޮޑިޓް ކުރުމަށް އޮޑިޓަރުން ފޮނުވާ އިރު، މިހާރު ވެސް އޮޑިޓު ކުރަމުން ދަނީ އެކްސްޓާނަލް އޮޑިޓަރުންތަކެއްގެ އެހީގައެވެ. އެނގިފައިވާ ގޮތުގައި އޮޑިޓް ކުރަން ހަވާލުވި ކުންފުނިން މިހާރު ދަނީ އެފްއޭއެމްގެ ހިސާބުތަކާއި، ކްލަބުތަކުގެ ރެކޯޑުތައް ބަލައި، ބައެއް ފަރާތްތަކާ ސުވާލުވެސް ކުރަމުންނެވެ.
ރާއްޖޭގެ ފުޓުބޯޅަ އިދާރާ އެފްއޭއެމް، ފައިސާގެ މައްސަލަތަކެއްގެ ތެރޭގައި ތާށިވެ، އެ އިދާރާގެ ވެރިންގެ މައްޗަށް ދަނީ ޖިނާއީ ތަހުގީގެއްވެސް ހިންގަމުންނެވެ. ދާދިފަހުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވަނީ އެފްއޭއެމްގެ ވެރިންގެ މައްޗަށް މަނީ ލޯންޑަރިން ފަދަ މައްސަލަތަކަށް ތުހުމަތުކޮށް، ތަހުގީގު ހިންގަމުން އަންނަ ކަމަށާއި ހެކި ލިބުނުހާ އަވަހަކަށް ދައުވާކުރަން ފޮނުވާނެ ކަމަށެވެ. އެ މައްސަލައިގެ ޕްރައިމް ސަސްޕެކްޓަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.
އެފްއޭއެމްގެ ތެރޭގައި ތިބި ކްލަބުތަކުގެ އިސް ފަރާތްތައްވެސް ދާދިފަހުން މަގާމުތައް ދޫކޮށްލާފައިވާ އިރު، ބައްސާމަށް ވަނީ ރައީސްކަން ގެއްލިފައެވެ. އެއީ ނުވަ މެމްބަރުންގެ އެކްސްކޯއަކުން ފަސް މެމްބަރުން އިސްތިއުފާ ދިނުމުން، ކޯރަމް ގެއްލުމުންނެވެ.
އެހެން ނަމަވެސް، އެފްއޭއެމްއިން ބުނެފައިވަނީ ބައްސާމަށް މަގާމު ނުގެއްލޭ ކަމަށާއި، އެއީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ.
އެފްއޭއެމްގެ އޮޑިޓާ ގުޅިގެން "ވަން ސްޕޯޓްސް" އިން ސުވާލުކުރުމުން އެ އިދާރާގެ ވަގުތީ ސެކެރެޓަރީ ޖެނެރަލް މުޙައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ އެއީ އާންމުކޮށްވެސް ފީފާއިން ކުރާ އޮޑިޓެއް ކަމަށާއި، މިފަހަރުވެސް އޮޑިޓް ކުރަމުންދަނީ ރޫޓިން އޮޑިޓެއް ކަމަށެވެ.
އެފްއޭއެމް މައްސަލަ ގޯސްވެ، މިމަހު 31 ގައި އިންތިހާބު ބާއްވަން މަސައްކަތް ކުރަމުންދާ އިރު، ސްޕޯޓްސް ކޮމިޝަނަރު ވަނީ އެކަން ހުއްޓާލަން އަންގައިފައެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް