ލ. އަތޮޅުގައި ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވާ ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް)ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ ފޮނަދޫ ކައުންސިލް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2024 ރޭ ފަށައިފިއެވެ.
ފޮނަދޫ ފުޓްސަލް ދަނޑުގައި ރޭ ފެށި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފޮނަދޫ ކައުންސިލްގެ ރައީސް އަދި ލ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރިޔާޒާއި ރާއްޖޭގެ ލެޖެންޑަރީ ފުޓުބޯޅަ ކުޅުންތެރިޔާ އަލީ ޝިހާމް (ހުރާ އައްޔަ) އެވެ. ރޭގެ ފެށުމުގެ ރަސްމިއްޔާތުގައި 2022 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަން ޓީމު، ޓީމު މާވަށުގެ ފަރާތުން އެޓީމުގެ ކެޕްޓަން މުހައްމަދު ޝާއިރު ވަނީ ތަށި ރަސްމީކޮށް ގެނެސްދީފައެވެ.
މުބާރާތް ފަށަން އޮތީ ގްރޫޕް އޭގައި ހިތަދޫ ޔޫތު އެންޑް ވެޓެރަންސް ސްޕޯޓްސް ކްލަބާއި އައުޓްރީފް ސްޕޯޓްސް ކްލަބު ވާދަކުރަން އޮތް މެޗުންނެވެ. އެ މެޗަށް ހިތަދޫ ޓީމު ހާޒިރުނުވުމުން، އައުޓްރީފަށް 2-0 އިން ވަނީ މެޗު ލިބިފައެވެ.
ދެވަނަ މެޗުގައި ގްރޫޕް ބީގެ އެފްސީ ކިންގާއި މާބައިދޫ އޯލް ޔޫތު އެސޯސިއޭޝަން (މާޔާ އެފްސީ) ވާދަކުރި އިރު، އެ މެޗު މާބައިދޫން ކާމިޔާބުކުރީ 8-3 ގެ ނަތީޖާއަކުންނެވެ. މާބައިދޫގެ އިބްރާހީމް ފަސާހް މެޗުގައި ފަސް ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިރު، އެޓީމުގެ އަނެއް ގޯލުތައް ޖަހައިދިނީ އިބްރާހީމް ޝަރީފާއި ހުސައިން އަބްދުލް އަޒީޒް އަދި އަބްދުﷲ ފަރީސްއެވެ.
ކިންގްގެ ގޯލުތައް ޖެހީ އަލީ އަކްރަމާއި އަބްދުﷲ އާދިލް އަދި މުހައްމަދު ނިޔާޒެވެ.
ރޭގެ ފަހު މެޗުގައި އަފޭން ވަނީ ގްރޫޕް ސީގައި ޔޫތު އެކަޑެމީ ކައިރިން 13-1ގެ ނަތީޖާއަކުން މޮޅުވެފައެވެ. މެޗުގައި އަފޭންގެ މުހައްމަދު ލިޔާހް ފަސް ގޯލު ޖެހި އިރު، އާދަމް ލަރީފް (ރޮނާ) ދެ ގޯލު ޖެހިއެވެ. އޭގެ އިތުރުން އިސްމާއިލް މުހައްމަދު (އިއްސެ) ވަނީ މެޗުގައި ހެޓްރިކެއް ހަދައިފައެވެ. އަދި ނައުޝާދުވެސް މެޗުގައި ދެ ގޯލު ޖެހި އިރު، ޔޫތު އެކަޑެމީގެ ގޯލްކީޕަރު އަހުމަދު މުހައްމަދު އަތުން ބައިކޮޅަށްވެސް ގޯލެއް ވަނެވެ.
ޔޫތު އެކަޑެމީން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ މުހައްމަދު ސިނާޒެވެ.
ޖުމުލަ 12 ޓީމާއެކު ކުރިއަށްދާ ލީޑް ވެޓެރަންސް ކަޕް 2024ގެ ޓައިޓަލް ސްޕޮންސަރަކީ ފޮނަދޫ ކައުންސިލެވެ. ޕްލެޓިނަމް ޕާޓްނަރަކީ މަޒީ ކެމިސްޓެވެ. ގޯލްޑް ޕާޓްނަރަކީ ލިޓަސްއެވެ. ސިލްވާ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަރަކާތްތެރިވާ އިރު، ކިޓް ޕާޓްނަރަކީ ޖާޒިއާއެވެ. ބެވަރޭޖް ޕާޓްނަރަކަށް ޖޭމް ކިޗަން ހަމަޖައްސާފައިވާ އިރު، ކޮފީ ޕާޓްނަރަކީ ޕިޒްކާއެވެ. އޭގެ އިތުރުން މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫއެވެ. ސަޕޯޓިން ޕާޓްނަރުންނަކީ ލާމު ޕޮލިހާއި ބިގް ޝޮޓްސްއެވެ.
މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
މިއަހަރުގެ ލީޑް ވެޓެރަންސް ފުޓްސަލް ކަޕްގައި ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިން ފެނިގެންދާ އިރު، މިރޭވެސް ގްރޫޕް ސްޓޭޖު މެޗުތައް އޮންނާނެއެވެ.
20:30 ލެކްރޯސް ސްޕޯޓްސް ކްލަބު - ޓީމް ކޭއޭސީއެލް
21:30 އައުޓްރީފް ސްޕޯޓްސް ކްލަބު - ބެސްޓް
22:30 އެފްސީ ކިންގް - ރިސްޓްރޭޓޯ
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް