ގުޅިފަޅުގައި ހެދުމަށް ނިންމާފައިވާ ބައިނަލްއަގުވާމީ ޕޯޓު، ތިލަފުއްޓަށް ބަދަލުކޮށް މާލޭ ސަރަހައްދުގައި ރީއެކްސްޕޯޓް ކުރުމަށް ހާއްސަ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ކަނޑައަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވީއައިއޭ ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގުޅިފަޅަކީ އެފަދަ ޕޯޓެއް ހެދުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށެވެ.

"ގުޅިފަޅުގައި ހަދަން ނިންމައިފައި އޮތް ޕޯޓު، އެ ތަނަށް އެކަށީގެންވާ ކަމަކަށް ނުވާތީ ތިލަފުއްޓަށް ބަދަލުކުރުމަކީ އަަޅުގަނޑުމެން މިހާރު ނިންމައިފައިވާ ކަމެއް. ތިލަފުށީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގާއިމްކުރާނީ އިންޓަނޭޝަނަލް ފުރިހަމަ ކޮމާޝަލް ޕޯޓެއް" ރައީސް ވިދާޅުވިއެވެ.

ތިލަފުށީގައިި ހިއްކާ ބިމުންނާއި އެހެން ބިންތަކުގެ ތެރެއިން ޒަރޫރީ ބޭނުންތަކަށް ބިން ނެގުމަށްފަހު، ރީއެކްސްޕޯޓް ކުރުމަށް ހާއްސަ ޒޯނެއް އެ ސަރަހައްދުން ކަނޑައަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފަހިވެފައިވާ އެހެން ފުރުސަތުތަކުގެ ބޭނުން ހިފައި، ރީ އެކްސްޕޯޓް ކުރެވޭ އިންޓަނޭޝަނަލް އެސްއީޒެޑްގެ ޒޯނަކަށް އެތަން ހެދިގެންދާނެ" ރައީސް ވިދާޅުވިއެވެ.

އެ މަނިިކުފާނު ވިދާޅުވީ ރީއެކްސްޕޯޓް ކުރުމުގެ ކަންކަން ކުރާނީ އަލަށް އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯން ކޮމްޕެނީން ކަމަށެވެ. ގުޅިފަޅުން ގޯތި ދޫކުރުމަށްފަހު 100 ހެކްޓަރުގެ ބިން، އެ ސަރަހައްދުން އެ ކުންފުންޏަށް ދޫކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ކުންފުނިން ރާއްޖެއަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ތަކެތި އެތެރެކޮށް ރީއެކްސްޕޯޓް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކޮންސްޓްރަކްޝަނަށް ބޭނުންވާ މުދަލާއި ކާބޯތަކެތި އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.