ފ. މަގޫދޫގައި އެއާޕޯޓެއްގެ މަސައްކަތް ކުރިއަށް ދަނިކޮށް، އެ ރަށާ 15 ވަރަކަށް މިނެޓް ދުރުގައި އޮންނަ، ފ. ނިލަންދޫގައި ވެސް އެއާޕޯޓު އަޅަން ނިންމައި، އެކަމަށް ބޭނުންވާ ސާވޭތަކާއި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމުގެ މަސައްކަތް ކުރުމަށް ސޮއިކޮށްފި އެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނިލަންދޫ އެއާޕޯޓުގެ މަސައްކަތަށް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ހަދަންޖެހޭ އީއައިއޭ އާއި ސާވޭތައް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަކީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ހިމަނާފައިވާ ކަމެއް ކަމަށެވެ. ނަމަވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތަށް ދާނެ އަގެއް ކަނޑައެޅޭނީ އީއައިއޭ އާއި ސާވޭތައް ނިންމުމުން ކަމަށާއި މި އަހަރުގެ ތެރޭގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.

ނިލަންދޫގައި އެއާޕޯޓަށް އަޅަން ނިންމައި، ބިން ހިއްކަން މި އަހަރުގެ ބަޖެޓުގައި 20 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. ނަމަވެސް ނިލަންދޫއާ 15 ވަރަކަށް މިނެޓް ދުރުގައި އޮންނަ މަގޫދޫގައި ކުރީ ސަރުކާރުގައި ވަނީ އެއާޕޯޓެއް އަޅަން ފަށައިފައެވެ. ދައުލަތުގެ ބަޖެޓުން 264.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅަމުންދާ އެ އެއާޕޯޓުގެ މަސައްކަތް މިހާރު ވަނީ ނިމުމާ ގާތްވެފައެވެ.

މަގޫދޫގައި މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަގޫދޫ އެއާޕޯޓް ވެގެންދާނީ ސަރަހައްދީ އެއާޕޯޓްތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށް ކަމަށާއި އެ އެއާޕޯޓުގެ ޓާމިނަލް އާއެކު ވީއައިޕީ ލައުންޖެއް ހަދާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ޖެތުތައް ޕާކު ކުރާނެ ޖާގައާއި ޕްލައިޓްތަކަށް ހިދުމަތް ދިނުމަށް ފިއުލް ފާމެއްވެސް ހަދާނެ ކަމަށް ވިދާޅުވިއެވެ.