އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ނިސްބަތްވާ 13 މެމްބަރަކު، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް ގެންދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މަގާމުން އަޒުލުކޮށްފާނެ ކަމުގެ ކަންބޮޑުވުން އޮތުމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ސަރުކާރު ވަނީ ވަރަށް ބޮޑު "ގަޅި" އެއްގައި ޖެހިފައި ކަމަށާއި އެމްޑީޕީގެ ލީޑާޝިޕުގެ ފަރާތުން ރައީސް މުއިއްޒު، މަގާމުން އަޒުލުކުރާ ވާހަކައެއް ދައްކާފައެއް ނުވާނެ ކަމަށެވެ. އެމްޑީޕީގެ މެމްބަރުންގެ މެދުގައި ރައީސް މުއިއްޒު، އަޒުލުކުރާ ވާހަކަ ދެކެވުނީ ސަމާސާ ގޮތެއްގައި ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންނަމަވެސް އަޅުގަނޑަށް މިހާރު އެބަ ގަބޫލުކުރެވޭ އެކަމުގެ ކަންބޮޑުވުންވެސް އޮތުމުގެ ސަބަބުން ވަރަށް ބޮޑެތި ކަންތައްތަކާ އެއްކޮށް އަޅުގަނޑުމެންގެ މެމްބަރުންތަކެއް ގެންދިއުމަށް ސަރުކާރުން ނިންމީ. އަޅުގަނޑު އަޑުއެހިން ބައެއް ޕާޓީތަކުގެ ލީޑަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މެމްބަރުން ހޯދުމަށްޓަކާ އެކިއެކި އެހީތެރިކަން ބޭނުންވާ ވާހަކަ އެ ބޭފުޅުންގެ އަރިހުގައި ދެންނެވި،" ފައްޔާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް މުއިއްޒު، 65 މިލިއަން ރުފިޔާ ހޯއްދަވަން ވެގެން ބައެއް ސިޔާސީ ލީޑަރުންގެ އަރިހުގައި ފައިސާއަށް އެދިވަޑައިގެންނެވި ވާހަކަވެސް އަޑުއެއްސެވި ކަމަށާއި އަދި އެމްޑީޕީގެ މެމްބަރުންތަކެއް ޕީއެންސީއަށް ދިޔައީވެސް މާލީ މަންފާއެއް ލިބޭ ގޮތަށް ކަމަށް ވާހަކަދެކެވުނު ކަމަށެވެ. ނަމަވެސް އެކަންތަކުގެ ހަގީގަތެއް ނޭނގޭ ކަމަށް ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ދާއިރާއަށް ބޭނުންވާ ބައެއް މާލީ ކަންކަން، ޕާޓީގެ ހާލަތު ހުރިގޮތުން ހަމަޖެހިފައިނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު