ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބަށް ކެނޑިޑޭޓުން ހުށަހެޅި ލިޔުންތަކުގައި ހިމެނޭ ވެލެންސިއާގެ އެންޑޯސްމަންޓް ލިޔުމެއްގެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

ރާއްޖޭގެ ފުޓުބޯޅަ އިދާރާ އެފްއޭއެމް، ފައިސާގެ މައްސަލަތަކެއްގެ ތެރޭގައި ތާށިވެ، އެ އިދާރާގެ ވެރިންގެ މައްޗަށް ދަނީ ޖިނާއީ ތަހުގީގެއްވެސް ހިންގަމުންނެވެ. ދާދިފަހުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އެފްއޭއެމްގެ ވެރިންގެ މައްޗަށް މަނީ ލޯންޑަރިން ފަދަ މައްސަލަތަކަށް ތުހުމަތުކޮށް، ތަހުގީގު ހިންގަމުން އަންނަ ކަމަށާއި ހެކި ލިބުނުހާ އަވަހަކަށް ދައުވާކުރަން ފޮނުވާނެ ކަމަށެވެ. އެ މައްސަލައިގެ ޕްރައިމް ސަސްޕެކްޓަރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.

އެފްއޭއެމްގެ ތެރޭގައި ތިބި ކްލަބުތަކުގެ އިސް ފަރާތްތައްވެސް ދާދިފަހުން މަގާމުތައް ދޫކޮށްލާފައިވާ އިރު، ބައްސާމަށް ވަނީ ރައީސްކަން ގެއްލިފައެވެ. އެއީ ނުވަ މެމްބަރުންގެ އެކްސްކޯއަކުން ފަސް މެމްބަރުން އިސްތިއުފާ ދިނުމުން، ކޯރަމް ގެއްލުމުންނެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމަށް ދެ ކެނޑިޑޭޓަކު ނަން ހުށަހަޅާފައިވެއެވެ. އެއީ އެފްއޭއެމްގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، އަހުމަދު ތޯރިގު (ޓޮމް)އާއި ބައްސާމްގެ އެކްސްކޯގައި ހިމެނުނު، މުފާވިޒު ހާޝިމް (މުފާ)އެވެ. އެ ދެ ކެނޑިޑޭޓުން ހުށަހެޅި ފޯމް ސެޓުގައިވެސް ވެލެންސިއާގެ އެންޑޯސްމަންޓް ސިޓީ ހިމަނާފައިވެއެވެ. އެހެންކަމުން އެ މައްސަލަ އެފްއޭއެމްގެ އިލެކްޓޯރިއަލް ކޮމިޓީން ދިޔައީ ތަހުގީގު ކުރަމުންނެވެ.

އެ މައްސަލައިގެ ލިޔެކިޔުންތައް ވެލެންސިއާއިން އެފްއޭއެމްއަށް ހުށަހަޅާފައިވާ އިރު، އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނީ، އެ ކްލަބުގެ ތާއީދު އޮތީ ޓޮމްއަށް ކަމަށާއި އެ މައްސަލައިގައި ލިޔުމެއް ފޯޖު ކުރިކަމަށް ފެންނާތީ، އެ މައްސަލަ ބަލަން ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. ވެލެންސިއާގެ ޗެއާމަނަކަށް މިހާރު ހުންނެވި އަބްދުﷲ އަޒްމީނަކީ އެ ކްލަބުގެ ސައްހަ ޗެއާމަންކަން އަންގައިދޭ ލިޔުމެއްވެސް ސްޕޯޓްސް ކޮމިޝަރުގެ ފަރާތުން ހޯދައި، ވެލެންސިއާއިން ވަނީ ހުށަހަޅައިފައެވެ.

އެ މައުލޫމާތު ޓޮމްވެސް ފޭސްބުކްގައި ހިއްސާކުރައްފައިވާ އިރު، އޭނާ ވިދާޅުވީ ފުޓުބޯޅަ އެސޯސިއޭޝަނަށް އަރާފައިވާ ވިގަނީގެ ކަންކަން ނުނިމެނީސް މިފަހަރު ހުއްޓާނުލާނެ ކަމަށެވެ.

"ކްލަބު ވެލެންސިޔާގެ ލިޔުމެއް ކަމަށް ދެއްކުމަށް ސޮއިކުރުމުގައި، އެކުލަބުގެ ބައެއް ބޯޑު މެންބަރުނަށް ބިރުދައްކައިގެން ފަތިސް ގަޑީގައި ސޮއި ހޯދިކަމުގެ މައުލޫމާތު ލިބިފައިވާތީ، އެ މައްސަލަ އާއި ވެލެންސިއާގެ ލިޔުމެއް ފޯޖްކުރި މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހަށް ހުށަހަޅާނަން. ފުޓްބޯޅަ އެސޯސިއޭޝަނަށް އަރާފައިވާ ވިގަނީގެ ކަންކަން ނުނިމެނީސް މިފަހަރު ހުއްޓާލުމެއް ނެތް،" ޓޮމް ވިދާޅުވިއެވެ.

އެފްއޭއެމްގެ އިންތިހާބު ބާއްވަން 31 ޖެނުއަރީއަށް ތާވަލުކޮށްފައި އޮތް ނަމަވެސް، ސްޕޯޓްސް ކޮމިޝަނަރު ވަނީ އެކަން އިހަށް މަޑުޖައްސާލަން އަންގައިފައެވެ.