މާލޭގެ ޓްރެފިކްގެ މައްސަލައަށް ހައްލެއް ގެނައުމަށް، ފުރަތަމަ 100 ދުވަހުގެ ތެރޭގައި މާސްޓާ ޕްލޭނެއް ތައާރަފުކުރައްވާނެ ކަމަށް ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

"ސަންގު ޓީވީ"ގެ މޭޔަރު ބަހުސްގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ މާލޭގެ ޓްރެފިކް މައްސަލަ ކިތަންމެ ވަރަކަށް ހައްލުކުރަން އުޅުނަސް، ޕެޑަސްޓްރިއަން ފްރެންޑްލީ މަގުތައް ނެތިއެއް މާލޭގެ މަގުތަކުގެ ޓްރެފިކް މައްސަލައެއް ހައްލެއް ނުވާނެ ކަމަށެވެ.

"ދަރިން ގޮވައިގެން ރައްކާތެރިކަމާއެކު ހިނގާލާފައި ސްކޫލަށް ގެންދެވޭނެ މަގުތަކެއް ގާއިމުކޮށްދޭން ޖެހޭނެ. އަޅުގަނޑުމެން ގާއިމުކުރި ޕަބްލިކް ބަސް ސާވިސްގައި ޓެކްސީއަކަށްވުރެ އަގުބޮޑު. ވަރަށް ސީރިއަސް، ރަނގަޅު މާސްޓާ ޕްލޭނެއް އަންނަން ޖެހޭނެ. އިރާދަކުރެއްވިއްޔާ މާލޭގެ ޓްރެފިކް މައްސަލައަށް މާސްޓާ ޕްލޭނެއް އަޅުގަނޑުގެ 100 ދުވަހުގެ ތެރޭގައި ތައާރަފުކޮށްދޭނަން،" އޭނާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ މާލޭގެ ޓްރެފިކްގެ މައްސަލަތައް ހައްލުކުރުމަށްޓަކައި އެކަމުގެ ސަބަބުތައް ދެނެގަންނަން ޖެހޭނެ ކަމަށާއި މާލޭގައި އޮތީ "ޓޯޓަލް ގަވަނަންސް ފެއިލިއާ"އެއް ކަމަށެވެ. އަދި ޕޮލިސް ޓޯ ޔާޑު މިހާރު ބޭނުންކުރަމުންދާ ގޮތަށް ވެސް އޭނާ އަލިއަޅުއްވައިލެއްވިއެވެ.

"މާލޭގެ ޓްރެފިކްގެ މައްސަލަތައް މިހާ ބޮޑުވެގެންދާ ސަބަބުތަކަށް ބަލައިފި ކަމަށްވަންޏާ، ފުލުހުން މިއަދު ބުނަމުންގެންދަނީ ތިމަންނަމެން މިހާރު ބަލަމޭ ވެހިކަލެއް ޓޯ ނުކޮށް ވޭތޯ. އޭގެ މާނައަކީ ޓޯ ޔާޑުގައި ޖާގައެއް ނެތޭ. ކިތަންމެ ވަރަކަށް ޕާކުކޮށްފައި އޮތަސް، ޓޯ ޔާޑަކަށް ނުނެގޭ. ޓޯ ޔާޑު މިހާރު ބޭނުން މިކުރަނީ ވެހިކަލްތައް ރާއްޖެއިން ބޭރުން އެތެރެކޮށްގެން ގެނެސް ވިއްކެންދެން ބާއްވާ ތަނަކަށް. ތިން މަސްދުވަސް ވަންދެން، އެތަނުގައި ހިލޭ ވެހިކަލް ބޭއްވޭ. މަގުމަތީގައި ވެހިކަލް ބާއްވައިގެން ވިއްކެންދެން ބޭނުންކުރެވޭ، އެއީ އެއް މައްސަލަ،" އޭނާ ވިދާޅުވިއެވެ.

އާޒިމާ އިތުރަށް ވިދާޅުވީ މާލޭގެ ވެހިކަލްގެ މައްސަލަތައް މިހާ ތޮއްޖެހިގެންދާ އިރު، ގާނޫނުގައި އޮތް ގޮތަށް މާލޭގައި ބޭނުންކުރާ ވަހިކަލްގެ ކެޕެއް ކަނޑައެޅިފައި ނުވާ ކަމަށާއި މާލޭގައި ބޭނުންކުރެވޭނެ ވެހިކަލްގެ އަދަދު ކަނޑައަޅަން ޖެހޭނެ ކަމަށެވެ. އަދި ފަސް އަހަރު ވެފައިވާ އުޅަނދެއް ރާއްޖެއަށް އެތެރެ ނުކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވީ ނަމަވެސް، މިދިޔަ ސަރުކާރުން އެ ފަސް އަހަރު އުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.