އާބަންކޯއިން "މަދިރިން ރައްކާ" ނަމުގައި ގައުމީ ހަރަކާތެއް މާދަމާ ފަށަން ނިންމައިފިއެވެ.
އާބަންކޯއިން މިރޭ ބުނީ "މަދިރިން ރައްކާ" ގައުމީ ހަރަކާތް މާދަމާ ހެނދުނު 7:30 ގައި ރަސްމީކޮށް އިފުތިތާހު ކުރާނެ ކަމަށެވެ. އެ ރަސްމިއްޔާތު އިފުތިތާހު ކޮށްދެއްވާނީ އެންވަޔަރުމެންޓް މިނިސްޓަރު އިބްރާހީމް ތޯރިގެވެ.
"މަދިރިން ރައްކާ" ހަރަކާތުގައި އާބަންކޯގެ މުވައްޒަފުން އިސްނަގައިގެން ހުޅުމާލެ ސާފުކުރުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯއިން ބުންޏެވެ. ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ހެލްތު މިނިސްޓްރީއާ ގުޅިގެން ކަމަށް އާބަންކޯއިން ބުންޏެވެ. އެ ހަރަކާތުގައި އާންމުންނަށް ވެސް ބައިވެރިވެވޭނެއެވެ.
ހުޅުމާލެ ސާފުކުރުން ކުރިއަށް ގެންދާނީ 15 ޓީމަކަށް ބަހާލައިގެން ހުޅުމާލެ ފޭސް އެކެއް އަދި ހުޅުމާލެ ފޭސް ދޭއްގައި މީހުން ދިރިއުޅޭ ސަރަހައްދުތައް ހިމެނޭ ގޮތަށް ކަމަށް އާބަންކޯއިން ބުންޏެވެ. އެ ހަރަކާތުގެ ދަށުން ތިލަފުއްޓާއި ގުޅިފަޅު ވެސް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށް އާބަންކޯއިން ބުންޏެވެ.
އިތުރަށް އާބަންކޯއިން ބުނީ ފައިލޭރިއާ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތެއް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ. އެގޮތުން މިމަހު ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން 60 ޓަނުގެ ކުނި ނަގައިފައި ކަމަށެވެ. އަދި ފައިލޭރިއާ ފެތުރުން ކޮންޓްރޯލްކުރަން ހާއްސަ ޓާސްކުފޯސްއެއް އެ ކުންފުނީގައި ވަނީ އެކުލަވާލައިފައެވެ.
އެ ކުންފުނީގެ އިންސްޕެކްޝަން ޓީމުން ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުށް ބަލައި މަދިރި އާލާވާ 200 އަށްވުރެ ގިނަ ތަންތަން ފާހަގަކޮށްފައި ކަމަށާއި އެތަންތަނަށް ކެމިކަލް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާބަންކޯއިން ބުންޏެވެ. އަދި މަދިރި ދުން ޖެހުމުގެ މަސައްކަތް ވެސް ދަނޚ ކުރަމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު