ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބާ ގުޅޭ ހުރިހާ ކަމެއް، މިވަގުތަށް މަޑުޖައްސާލަން ކޮމިޝަނާ އޮފް ސްޕޯޓްސްއިން އަންގާފައިވާ އެންގުމަށް ތަބާނުވާނެ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

ރާއްޖޭގެ ފުޓުބޯޅަ އިދާރާ އެފްއޭއެމް، ފައިސާގެ މައްސަލަތަކެއްގެ ތެރޭގައި ތާށިވެ، އެ އިދާރާގެ ވެރިންގެ މައްޗަށް ދަނީ ޖިނާއީ ތަހުގީގެއްވެސް ހިންގަމުންނެވެ. ދާދިފަހުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އެފްއޭއެމްގެ ވެރިންގެ މައްޗަށް މަނީ ލޯންޑަރިން ފަދަ މައްސަލަތަކަށް ތުހުމަތުކޮށް، ތަހުގީގު ހިންގަމުން އަންނަ ކަމަށާއި ހެކި ލިބުނުހާ އަވަހަކަށް ދައުވާކުރަން ފޮނުވާނެ ކަމަށެވެ. އެ މައްސަލައިގެ ޕްރައިމް ސަސްޕެކްޓަރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.

އެފްއޭއެމްގެ ތެރޭގައި ތިބި ކްލަބުތަކުގެ އިސް ފަރާތްތައްވެސް ދާދިފަހުން މަގާމުތައް ދޫކޮށްލާފައިވާ އިރު، ބައްސާމަށް ވަނީ ރައީސްކަން ގެއްލިފައެވެ. އެއީ ނުވަ މެމްބަރުންގެ އެކްސްކޯއަކުން ފަސް މެމްބަރުން އިސްތިއުފާ ދިނުމުން، ކޯރަމް ގެއްލުމުންނެވެ. އެހެންނަމަވެސް އެކަން އެގޮތަށް ނުހިނގާ ކަމަށް އެފްއޭއެމްއިން ވަނީ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައެވެ.

އެ ބަޔާނުގައި ބުނީ އަސާސީ ގަވާއިދުގެ 33 ވަނަ މާއްދާގައިވާ ގޮތުން، ހިންގާ ކޮމިޓީގެ 50 ޕަސެންޓް މެމްބަރުންނަށް ވުރެ ގިނަ ނޫން އަދަދެއްގެ މެމްބަރުން ހިންގާ ކޮމިޓީގެ މަގާމުން އިސްތިއުފާ ދީފި ހާލަތެއްގައި ދެން އެންމެ އަވަހަށް ބޭއްވޭ އާންމު ޖަލްސާއަކުން މެމްބަރުން އިންތިހާބެއްގައި މެމްބަރަކު އިންތިހާބު ކުރުމާ ހަމައަށް، އެއިރެއްގައި އޮންނަ ހިންގާ ކޮމިޓީއެއްގެ ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން އައްޔަން ކުރެވޭނެ ކަމަށް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުން، އޮކްޓޯބަރު ފަސްވަނަ ދުވަހު އިސްތިއުފާ ދެއްވި މުއާވިއަތު ހަލީލްގެ ބަދަލުގައި 26 ނޮވެމްބަރު ވަނަ ދުވަހު އަބްދުﷲ ޝިބާއު (ޝިބާ) އެ މަގާމަށް ހިންގާ ކޮމިޓީގެ ބައްދަލުވުމަކުން އައްޔަންކޮށްފައިވާ ކަމަށް އެފްއޭއެމްއިން ބުންޏެވެ.

އެ ބަޔާނުގައި ވަނީ ކުޅިވަރު ގާނޫނުގެ ދަށުން އެފްއޭއެމްގެ އާންމު ޖަލްސާއެއް ދެން ބާއްވަން ޖެހެނީ 31 މާޗުގެ ކުރިން ކަމަށާއި އެ ދުވަހާ ހަމައަށް މިހާރު އައްޔަންކުރެވިފައިވާ މެމްބަރުގެ މަސްއޫލިއްޔަތެއް އަދާކުރުމަށް އެއްވެސް ހުރަހެއް އަދި ސުވާލެއް ނެތް ކަމަށެވެ. އަދި ހިންގާ ކޮމިޓީގެ އަގުލަބިއްޔަތު ނެތް ކަމަށާއި ރައީސްގެ މަގާމު ހުސްވެފައިވާ ކަމަށް ދެކެވޭ ވާހަކަވެސް ދޮގުކުރާ ކަމަށް އެފްއޭއެމްގެ ބަޔާނުގައިވެއެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސްއިން އެފްއޭއެމްގެ އިންތިހާބާ ގުޅޭ ލިޔުންތައް ދޭން އެދުމުން، ތާރީހަށް އެ ލިޔުންތައް ނުދޭތީ އާއި އެފްއޭއެމްގެ ކޯރަމް ގެއްލިފައިވާތީވެސް، އިންތިހާބު މަޑު ޖައްސާލަން ކޮމިޝަނާ އޮފް ސްޕޯޓްސްއިން އެދިފައި އޮތް އޮތުމާ ގުޅޭ ގޮތުން "ވަން ސްޕޯޓްސް" އިން ސުވާލުކުރުމުން އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ "އަދި މަޑުޖައްސާލާފައި ނުވާ،" ކަމަށެވެ. އަދި ސްޕޯޓްސް ކޮމިޝަނަރުގެ ބަޔާނުގައި ވަނީ ސައްހަ މައުލޫމާތު ނޫން ކަމަށާއި އެފްއޭއެމްގެ އިންތިހާބުގެ ކަންކަން ފީފާ އާއި އޭއެފްސީގެ ލަފާގެ މަތިން ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖައުޝަން، އެކްޓިން ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އިރު، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުންވެސް މިވަގުތު ހުސްވެފައިވާ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސްގެ ބަޔާނުގައިވެއެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސްއަކީ ކުޅިވަރު ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތެވެ. އެފްއޭއެމްއިން 31 ޖެނުއަރީގައި އިންތިހާބު ބާއްވަން ތައްޔާރުވަމުންދާ އިރު، އެ އިދާރާގެ ހިންގުން އާންމު އުސޫލަކުން އޮތީ ހުއްޓިފައެވެ.